ރާއްޖޭގެ އެންމެ އުތުރުކަމުގައިވާ އިހަވަންދިއްޕޮޅު (ހއ އަތޮޅު) ގައި ބޭރުގެ ބޮޑެތި އާގުބޯޓުފަހަރަށް ތެޔޮބަރުކޮށްދިނުމުގެ މަސައްކަތް (ބަންކަރ ކުރުން) މިއަހަރު ފެށިގެންދާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން މިކަން އިޢްލާންކުރައްވާފައިވަނީ، މިއަހަރުގެ ބައިނަލްޢަޤުވާމީ ކަނޑުދަތުރާއި ބޭހޭދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން، ނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

ބަންކަރ ކުރުމަކީ ރައީސް މައުމޫނު ދައުރުން ފެށިގެން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބަހުސްކުރެވިފައިވާ، އަދި އެކަމަކުން ރާއްޖެއަށް ބޮޑު ނަފާއެއް ނެގިދާނެކަމަށް ފާހަގަކޮށްފައިވާ އެއްކަމެވެ. އަދި މިކަމާގުޅޭގޮތުން އެކި ސަރުކާރުތަކުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭރުގެ މާހިރުންގެ އެހީއާއިއެކު ދިރާސާތަކެއްކޮށް ކަރުދާސްތަކެއް ވެސް އެކުލަވާލާފައިވެއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ އުތުރުގައި ބަންކަރ ކުރުން ފެށުމަށް "ވާންޖެހޭ ތައްޔާރީތައް މިއަހަރު ނިމުމުގެކުރިން ފެށިގެންދާނެ" ކަމަށެވެ.
އިތުރަށް ވިދާޅުވީ ނެތިގެން ގޮސްފައިވާ މެރިޓައިމް ސިނާޢަތް އަލުން ދިރުވުމަށްޓަކައި މިސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ސީމަނުންތަމްރީންކުރުމުގައި މިހާރުވެސް ތަފާތުގެއެކި ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާކަމަށާއި، އެޕްރޮގްރާމްތަކުގެ މަންފާ ރާއްޖެއަށް ކުރިއަށް އޮތްތަނުގައި ކުރަމުންދާނެކަމަށެވެ.