އައްޑޫ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވޯޓުދެއްވަނީ، 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާ

ހަބަރު

އައްޑޫ ސިޓީ ކައުންސިލުން އާސަންދަ ދޫކޮށް، އަހަރަކު 1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، މުވައްޒަފުންނަށް ޕްރެމިއަމް އިންޝޫރެންސް ދޭން ނިންމައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ސެޕްޓެންބަރ 2022 , ބުދަ 15:57   479

އައްޑޫ ސިޓީ ކައުންސިލުން މުވައްޒަފުންނަށް ހެލްތް އިންޝޫރެންސް ދިނުމަށްޓަކައި، އެލައިޑް އިންޝޫރެންސްގެ ޕްރެމިއަމް ކޯޕަރޭޓް ޕެކޭޖެއް ނަގައިފިއެވެ. މިޕެކޭޖާއިއެކު، ކައުންސިލްގެ މުވައްޒަފުންނަށް ބޭރުގެ ގިނަ ހޮސްޕިޓާތަކުން، އާސަންދަ މެދުވެރިކޮށް ނުލިބޭ، ޚިދުމަތްތައް ހޯދުމަށް ހުޅުވިގެންދާނެ ދޮރަކަށް ވާނެއެވެ.

މިޕެކޭޖް ނެގުމަށް މަދުވެގެން 200 މުވައްޒަފުން ބޭނުންވެއެވެ. އެހެންކަމުން މިއީ މާލޭ ސިޓީ ކައުންސިލް އާއި އައްޑޫ ސިޓީ ކައުންސިލް ފިޔަވައި އެހެން އެއްވެސް ކައުންސިލަކަށް ލިބިގެން ނުދާނެ ފުރުޞަތެކެވެ. އަދި މިޕެކޭޖަށް އަހަރަކު ޕްރެމިއަމްގެ ގޮތުގައި 1،000،000ރ. (އެއްމިލިއަން ރުފިޔާ) އެލައިޑް އިންޝޫރެންސް ކުންފުންޏަށް ދައްކަންޖެހެއެެވެ.

މިއަދުގެ ޖަލްސާގައި، ޑެޕިއުޓީ މޭޔާރ މުޙައްމަދު ޝުޢާއު ހުށަހެއްޅުއްވީ މި އިންޝުއަރެންސަށް ބޭނުންވާ ފައިސާ ޓްރަސްޓް ފަންޑުގެ ލޯނެއްގެ ގޮތުގައި ނެގުމަށެވެ. މި ހުށަހެޅުމަށް ތާޢީދުކުރައްވާފައިވަނީ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާއެވެ.

މިހުށަހެޅުމުގެ ބަހުސް މަރުޙަލާގައި ކައުންސިލަރު އާމިނަތު އަދާލާ ވަނީ، މިފަދަގޮތަކަށް ޓްރަސްޓް ފަންޑުން ފައިސާ ނެގުން އެއީ ރަނގަޅުގޮތެއްތޯ އާއި، ދެމެހެއްޓެނިވި ގޮތެއްތޯ ސުވާލު އުފައްދަވާފައެވެ.

ރައްދުގައި، މޭޔާރ ޢަލީ ނިޒާރު ވިދާޅުވީ، މިއީ މިހާރު ކުރަން ބޭނުންވާކަމެއް ނަމަވެސް ބަޖެޓްގައި އެވަރަށް ފައިސާ ނެތްކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަމުގެ ސަަބަބުން މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކަށް، ފައިސާ އާއި ނުލައި ތައިލެންޑް ފަދަ ޤައުމުތަކުން ހިލޭ ބޭސްކުރެވިގެންދާނެކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ޖަލްސާގައިބައިވެރިވި 12 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު ވަނީ މިޚަރަދުކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް ވޯޓު ދެއްވީ އެއްމެ މެމްބަރެކެވެ. އެއީ ކައުންސިލް މެމްބަރު އަހުމަދު ސަޢީދު އެވެ. އެހެންކަމުން މެމްބަރުންގެ އިއްތިފާގުން މިޚަރަދު ކުރަން ފެންނަކަމަށް މިއަދު ފާސްކޮށްފައިވެއެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން މިފަދަ ސްކީމްތަކުގައި ބައިވެރިވީ ނަމަވެސް، މިހާތަނަށް އައިއިރު ސަރުކާރުގެ ވިސްނުމަކީ، ސޯސަލް އިންޝޫރެންސް ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ. އެއީ އާސަންދަ އެވެ. ސަރުކާރުން ޕްރެމިއަމް ކޯޕަރޭޓް އިންޝޫރެންސް ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ނިސްބަތްކޮށް ފޯރުކޮށް ދިނުމަކީ އިންސާފެއްކަމުގައި ގިނަ ފަރާތްތަކަކުން ނުދެކެވެއެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ހިނގާ ގޮތެއް ވެސް ނޫނެވެ.

ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރައްވާ، އިގްތިޞާދީ މާހިރަކު އެކްސްޕްރެސް ނިއުސްއާއި ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ގައުމުގެ ޙާލަތާއި ނުބައްދަލު، އިޤްތިޞާދީ އިންސާފުން އެއްކިބާވެފައިވާ ނިންމުމެއްކަމަށެވެ. އަދި މިއީ ދައުލަތުގެ މާލިއްޔާއަށް އަނެއްކާވެސް އިތުރު ތަކުލީފަކަށް ވެގެންދާނެ ކަމެއްގެ ފެށުންކަމަށެވެ.

މިއަދު ފާސްކުރިކުރުމާއިއެކު ކައުންސިލަރުންނަށް ކޯޕަރޭޓް އުސޫލުން ޕްރެމިއަމް އިންޝޫރެންސް ލިބޭނެއެވެ. އާސަންދަ އޮތުމުގެ ބޭނުމެއް ނެތެވެ. މިކަމަކީ، ކައުންސިލަރުންނާއި މޭރުންގެ މުސާރަ އާއި އިނާޔަތުގެ އޮނިގަނޑަށް ވެސް ފުށުއެރުންތައް އަންނާނެކަމެކެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުން މިފަދަނިންމުން ނިންމަން ލިބޭނެ ހިތްވަރަކަށް ވެގެންދާނެއެވެ.

ސަރުކާރުން މިހާރުވެސް އާސަންދައަށް ނުކަތާ ވަރު ބޮޑު ހޭދައެއް ކުރެއެވެ. އަދި، އެންސްޕާ މެދުވެރިކޮށް އާސަންދައިން ކޮށްނުދެވޭކަންކަން ކޮށްވެސް ދެއެވެ. މީގެ އިތުރުން ވެސް ނުކުޅުދެންތެރިކަމުގެ އެލަވަންސްތަކާއިއެކު އެހެނިހެން ގިނަ އެލެވެންސްތައް ވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޓްރަސް ފަންޑުން ފައިސާ ނަގަނީ ކީއްވެ؟

ޓްރަސްޓް ފަންޑަކީ ވެސް ކައުންސިލްގެ ބަޖެޓުން ފައިސާ ހިމެނިގެން ހެދިފާ ބޯޑެކެވެ. މިފަންޑަކީ ކުރީގެ ކައުންސިލުން މިނިސްޓްރީ އޮފް ފިނޭންސްގައި ރަޖިސްޓްރީކޮށް ވުޖޫދުކޮށްފައިވާ ފަންޑެކެވެ. މިފަންޑުގެ ބޭނުމަކީ، ރައްޔިތުންގެ ތެރެއިން ހޮވޭ މެމްބަރުންތަކެއް ހިމަނައިގެން، ސީދާ ރައްޔިތުންގެ ތެރެއިން ބަޔަކު ނިންމާ ނިންމުންތަކުގެ މައްޗަށް ޢާމްދަނީ ލިބޭނެ ކަންކަން ހިންގާ އިންތިޒާމް ކުރުމާއި، ފަރުދުންނާއި، މުޖްތަމަޢަށް، އަދި އިޤްތިޞާދަށް ފައިދާހުރިކަން ކުރުމެވެ.

2017 ވަނަ އަހަރު ޓްރަސްޓް ފަންޑުންވަނީ، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) ގެ 51 އިންސައްތަ ހިއްސާގަތުމަށް 5 މިލިއަނަށް ވުރެގިނަ ރުފިޔާ މީގެ ކުރިން ހޭދަކޮށްފައެވެ. ނަމަވެސް، މިޙިއްޞާ އަށްވާ މިންވަރު މިހާތަނަށް އައިއިރު ފަންޑުގެ ރައުސުލްމާލަށް ވަދެފައިނުވެއެވެ. ޚަރަދުކުރުން ފިޔަވައި، ޢާމްދަނީ އިތުރުކޮށް ދަމަހައްޓާނެ މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވެއެވެ. އަދި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އެކަށޭނެ މަސައްކަތްތަކެއް ވެސް ކުރެވިފައިނުވެއެވެ.

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.