އައްޑު ސިޓީ، ހިތަދޫ އުސްގަނޑާއި އިންވެގެން 540 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވޭ

ހަބަރު

"ހިތަދޫ ސަންސެޓް ބީޗް، ބިޑަށް ހުޅުވާލާފައިއޮތީ ކަރަޕްޝަނަށް ފަހިވާގޮތަށް" - ޒަރިޔަންދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 25 ސެޕްޓެންބަރ 2022 , އާދީއްތަ 20:58   529

އައްޑޫ ސިޓީ ކައުންސިލުން ބުދަދުވަހު އިޢްލާން ކުރި، ހިތަދޫ ހުޅަނގު ފަރާތުގައި "ސަންސެޓް ބީޗް" ގެނަމުގައި ޓޫރިސްޓް ފެސިލިޓީއެއް ހެދުމަށް ބިޑަށް ހުޅުވާލާފައިވަނީ ކަރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް، ކުރީ ޤައުމީ ޓެންޑަރ ބޯޑުގެ ޗެއަރމަން، އަދި ސަރުކާރުގެ އޯޑިޓްގެ ދާއިރާއިރާގައި ގިނަދުވަހު މަސައްކަތްކުރައްވާފައިވާ އިސްމާޢިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ސަންސެޓް ބީޗަކީ، ހިތަދޫގެ ފުއްޓަރުން، ނަރުގިސް މަގުން ފެށިގެން އުސްގަނޑު ސަރައްޙައްދާއި ޖެހެންދެން އޮތް ސަރަޙައްދެކެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިޢްލާނުގައި ވާގޮތުން 119،677.4 އަކަފޫޓުގެ ބިމެއް ސަންސެޓް ބީޗް ޓޫރިސްޓް ހޮޓެލް ޕްރޮޖެކްޓަށް ކަނޑައަޅާފައިވާކަމަށް ބުނެފައިވާއިރު، މިތަނުގައި ހަދަން ޖެހޭނީ މަތީފެންވަރުގެ ވިލާތަކެއް ނުވަތަ މަތީ ފެންވަރުގެ ގެސްޓްހައުސްއެއް ކަމަށް ބުނެފައިވެއެވެ. މި ބިޑްގައި ބައިވެރިވުމަށް ދޫކުރާ ބިޑް ޑޮކިއުމެންޓް ވިއްކުމަށް ދިވެއްސަކަށް 10،000ރ. (ދިހަހާސް ރުފިޔާ) އަދި ބޭރުބަޔެއްނަމަ 700ޑ. (ހަތްސަތޭކަ ޑޮލަރު) ދައްކަންޖެހޭކަމަށް ބުނެފައިވާއިރު، 27 ސެޕްޓެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ރަޖިސްޓްރީކުރަންޖެހެއެވެ. އަދި ބިޑް ޑޮކިއުމެންޓް ގަތުމަށް ކަނޑައަޅާފައިވަނީ އެންމެ 5 ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން، ތަނާއި ގުޅޭގޮތުން ވެސް އެހެންނިހެން އިތުރު މަޢްލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

އެކްސްޕްރެސް ނިއުސް އާޢި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން މިޕްރޮޖެކްޓަށް ރަޖިސްޓްރީވާން ދީފައިވާ މުއްދަތަކީ މިފަދަ ޕްރޮޖެކްޓަކަށް އެކަށޭނަ މުއްދަތެއް ނޫންކަމަށެވެ. އަދި ޢާއްމު އުޞޫލްތަކާއި ޚިލާފަށް ހުރިއިރު ކަރަޕްޝަނަށް ފަހިވާގޮތަށް އޮތްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މާލިއްޔަތު ޤަވާޢިދުގެ 10 ވަނަ ޗެޕްޓަރުގައި ވަރަށް ސާފުކޮށް ބުނެފައިވޭ، ބިޑަށް ހުޅުވާލަން ޖެހެނީ ވާދަވެރި މާޙައުލަކާއިއެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށްކަމަށް. 10،000 ރުފިޔާ އަށް ބިޑް ޑޮކިއުމެންޓެއް ގަންނަން ގޮތެއް ނިންމަން ދީފައި މިއޮތީ އެންމެ 4 ދުވަސް. ބިޑް ހުށަހަޅަން އެއޮތީ އެންމެ 10 ދުވަސް. އެތައް މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކަށް ކޮންސަލްޓެންސީ ހޯދާ ފީސިޒިބިލިޓީ ހަދާ ބިޑް ހުށަހަޅަން އެންމެ 10 ދުވަސް ދީފައިއެއޮތީ. މިއީ މިކަން ވާންޖެހޭ ގޮތެއް ނޫން. ކިހިނެތް މީގައި ބޭރުބަޔަކަށް ބައިވެރިވެވޭނީ. ޢާއްމު އުޞޫލަކީ މިފަދަ ޕްރޮޕޯސަލްތަކަށް މަދުވެގެން 30 ދުވަސް ދޭންޖެހޭނެ. އަދި ބިޑް ވިއްކުމުގެ ވެސް އަގު ބޮޑުކުރުމަކީ ގިނަބަޔަކު ބައިވެރި ނުކުރަން ވެގެން ކޮށްފައި ހުންނަކަންކަން.

~ އިސްމާޢިލް ޒަރިޔަންދު

ޒަރިޔަންދު އިތުރަށް ވިދާޅުވީ މީގެކުރިން ވެސް މިފަދަ ބޮޑުއަގުގައި ބިޑް ޑޮކިއުމެންޓް ވިއްކާ، ކުޑަ މުއްދަތެއް ދީހަދަނީ އުސޫލުން ބޭރުން ބަޔަކަށް އެޕްރޮޖެކްޓެއް ލިބޭގޮތަށް މަގުފަހިކުރުން ކަމަށެވެ. އަދި އެފަދަކަންކަމާއިގުޅޭ ހެކިތައް ވެސް ފެންނަން އެބަހުރިކަމަށެވެ. މިޕްރޮޖެކްޓްގެ އިޢްލާން ކިޔާލުމުން ބަޔަކަށް ދިނުމަށްޓަކައި ޓާގެޓްކޮށްގެން ހެދިފައިވާ އިޢްލާނެއްކަން ކިތަންމެހާވެސް ސާފުވާކަމަށެވެ.

މިކަމާއި ގުޅޭގޮތުން، އެކްސްޕްރެސް ނިއުސް އިން އައްޑޫ ސިޓީގެ ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެއެވެ.

މިލިޔުމާއި ގުޅޭ:

އައްޑޫ ސިޓީ ކައުންސިލުން މިޕްރޮޖެކްޓާއި ގުޅިގެންކޮށްފައިވާ އިޢްލާން

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.