ކައުންސިލަރު އަހުމަދު ސަޢީދު

ހަބަރު

އައްޑޫ ސިޓީކައުންސިލުން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރަނީ ޤަވާޢިދުތަކާއި ޚިލާފަށް - ސަޢީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 ސެޕްޓެންބަރ 2022 , ބުދަ 15:56 1   884

އައްޑޫ ސިޓީ ކައުންސިލުން ޓްރަސްޓް ފަންޑުގައިހުރި ފައިސާ ބޭނުންކުރަމުންދަނީ އުސޫލުން ބޭރުން، ޤަވާޢިދާއި ޚިލާފަށްކަމަށް، އެކައުންސިލްގެ ކައުންސިލް މެމްބަރު އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކައުންސިލްގެ ޖަލްސާގައި، ކައުންސިލުގެ މުވައްޒަފުންނަށް ކޯޕަރޭޓް އިންޝޫރެންސް ދިނުމަށްޓަކައި. ޓްރަސްޓް ފަންޑުން ނަގަން ނިންމާފައިވާ ލޯނާއި ގުޅިގެން ސަޢީދު ވިދާޅުވީ، މި ލޯނަކީ ޓްރަސްޓް ފަންޑު އުފައްދާފައިވާ މަޤްޞަދުތަކުގެ ތެރޭގައި ނުހިމެނޭކަމަކަށް ނަގާ ލޯނެއްކަމަށެވެ. އަދި ކޯޕަރޭޓް އިންޝުރެންސް ނެގުމަށްޓަކައި ނަގާ މިލޯނަކީ މުވައްޒަފުންނަށް ވެސް އެހާ މުހިއްމު އަދި ފައިދާކުރަނިވި އެއްޗެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ޤަބޫލެއް ނުކުރަން ޓްރަސްޓް ފަންޑުން މިލޯނު ނެގޭނެކަމަކަށް. މި އިންޝޫރެންސް އަކީ އޭގައި މުވައްޒަފުންނަށް ވެސް އެހާ ބޮޑު ފައިދާއެއް އޮތްކަމެއް ވެސް ނޫން. މީގެއިން ފައިދާ ވަނީ އިންޝޫރެންސް ކުންފުންޏަށް. އަނެއްކާ ޓްރަސްޓް ފަންޑު އުފައްދާފައިވާ މަޤްޞަދުތަކުގެ ތެރޭގައި ނުހިމެނޭކަމަކަށް ޓްރަސްޓް ފަންޑުން ލޯނު ނުނެގޭނެ. އަދި އެގޮތަށް އެކަންކުރުން ރަނގަޅެއް ވެސް ނޫން. ޓްރަސް ފަންޑަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ހިމެނޭގޮތަށް، ސީދާ ރައްޔިތުންގެ ކަންކަމަށް ޚަރަދުކުރުމަށް އޮންނަކަމަށްވެފައި، އިތުރުވަމުން ދާންޖެހޭ ފަންޑެއް. އެގޮތަކަށް ނޫން ކަންކަން މިހިރީކީ.

~ އަހުމަދު ސަޢީދު، އައްޑޫ ސިޓީ ކައުންސިލް މެމްބަރު

ޓްރަސްޓް ފަންޑުން ކުރަން ހުއްދަކޮށްފައިވާ ޚަރަދުތައް :

  1. އައްޑޫ ސިޓީގެ އިޤްތިޞާދުކުރިއެރުވުމަށް އެކިއެކި މަސައްކަތްކުރުން
  2. އިޖްތިމާޢީކަންކަމަށް މަސައްކަތްކުރުން
  3. އަންހެނުން ބާރުވެރިކުރުވުން
  4. ޓްރަސްޓް ފަންޑް ދިރުވުމަށްޓަކައި ކުރަންޖެހޭ ވިޔަފާރިތަކާއި އެކިއެކި އިންވެސްޓްތައްކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރުން.

ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުން ވެސް މިފަދަ ކޯޕަރޭޓް އިންޝޫރެންސް ސްކީމްތަކުގައި ބައިވެރިވެފައިވާއިރު، އޭގެ ފައިދާ ގިނަފަހަރަށް ކުރަނީ ވެރިންގެތެރެއިން ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފާރާތްތަކަށެވެ. އެހެން ނޫނީ މިފަދަ ސްކީމްތަކުން ގިނަ ފަހަރަށް ގިނަ މުވައްޒަފުންނަށް ފައިދާ ނުކުރާކަމަށް ރިޕޯޓްތައް ދައްކައެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވަމުން، ސިޓީ މޭޔަރ ޢަލީ ނިޒާރު ވަނީ ސަޢީދުގެ ވާހަކަތައް ދިފާޢުގައި ހުއްޖަތްދައްކަވަން މަސައްކަތްކުރައްވާފައެވެ. ނަމަވެސް، ކައުންސިލްގެ ލީގަލް ޓީމްގެ ލަފަޔަކަށް އެއްސެވެމުން ވެސް، ކައުންސިލްގެ ޤާނޫނީ ވަކީލު ޙުސެން ޙަބީބު ވިދާޅުވީ، ޓްރަސްޓް ފަންޑުން ލޯނު ދެވޭނީ ޢާމްދަނީ ލިބޭނެގޮތަށް ކަން އެނގެން އެބައޮތްކަމަށާއި، ސީދާ މިކަމަށް ލޯނު ނެގޭނެކަމަށް ސާފުކޮށް އެނގެން ނެތުމާއި އެކު، ފަހުން ލިޔުމުން ޤާނޫނީ ލަފާ ދެއްވާނެކަމަށެވެ.

ޖަލްސާގައި ހިނގައިދިޔަ ޚުލާޞާ ވީޑިއޯ ފުޓޭޖް

ސަޢީދުގެ އިތުރުން ކައުންސިލް މެމްބަރު ހުސެން ޒަރީރު، ޤާނޫނީ ލަފައެއް ލިބެންދެން މަޑުކުރަން ހުށަހެޅުމުން ވެސް ރިޔާސަތުން ވަނީ އެކަން ޤަބޫލުނުކުރައްވައި، އަދި މިމައްސަލައާއި ގުޅިގެން ވާހަކަދެއްކުވުމަށް އިތުރަށް ފުރުޞަތުނުދެއްވައި، ކައުންސިލަރ އިބްރާހިމް ޝިނާޒު ހުށަހެޅުއްވިގޮތަށް، ވޯޓަށް އައްސަވައި އެޗްއާރު ސެކްޝަނުން ބަޔާންކުރިގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ސަޢީދު އާއި ޒަރީރު ވެސް މިހުށަހެޅުމަށް ވޯޓު ދެއްވާފައިނުވެއެވެ.

ވަރަށް އިތުބާރުހުރިގޮތަކަށް އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ލިބިފައިވާގޮތުގައި، ޓްރަސްޓް ފަންޑުގެ ބައެއް މެމްބަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމެމްބަރުން ހާމަކުރާގޮތުން، ކައުންސިލުން މަސައްކަތްކުރަނީ ކައުންސިލްގައި ބަޖެޓްގައި ޖާގަ ނެތްކަމަށް ބުނެ ޓްރަސްޓް ފަންޑުގެ ފައިސާ އަށް މޭޔަރާއި، ޒިންމާދާރު ވެރިޔާ އަދި އިތުރު ކައުންސިލަރަކު ހިމެނޭގޮތަށް އިންތިހާއަށް ނުފޫޒުފޯރުވަމުންނެވެ. އަދި ބައެއް މެމްބަރުންނަށް ގަދަބާރުން ކަންކަން ނިންމުމަށް ވެސް ބާރުއަޅަމުންދާކަމަށެވެ.

މިގޮތުން ކައުންސިލުން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައުންސިލްގެ ޢިމާރާތްތަކުގައި ސޯލާ ޖެހުމަށް އުސޫލުން ބޭރުން ލޯނުނަގައި ބަޔަކަށް ދީފައެވެ.

މިލިޔުމާއި ގުޅޭ:

އައްޑޫ ސިޓީ ކައުންސިލުން އާސަންދަ ދޫކޮށް، އަހަރަކު 1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، މުވައްޒަފުންނަށް ޕްރެމިއަމް އިންޝޫރެންސް ދޭން ނިންމައިފި

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.