އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގެންފިއެވެ. މިދަތުރުގައި މޭޔަރާއި އެކު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިން މިދިޔަ ހަފްތާގައި ނިންމި ނިންމުމާ އެއްގޮތަށް، މިދަތުރުގައި މިހާތަނަށް، ޑިސްކައުންޓް ސްކީމެއްގައި އެސްޓީއޯ އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މިޑިސްކައުންޓް ސްކީމާއިއެކު ކައުންސިލްގެ މުވައްޒަފުންނަށް އެސްޓީއޯ ސުޕަރމާޓުގެ އިތުރުން އެހެން ބައެއް އައުޓްލެޓްތަކުން 2 ޕަސެންޓާއި 5 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ނަމަވެސް، ރޯދަ ޕްރޮމޯޝަން، އަދި އަހަރު ނިމޭއިރު އޮންނަ ޕޮރޮމޯޝަނާއި، އެހެން ބައެއް ޕްރޮމޯޝަންތައް އޮންނަ ދުވަސްވަރު ޑިސްކައުންޓެއް ނުލިބޭނެއެވެ.

ޚަބަރު ލިބިފައިވާގޮތުގައި، މިދަތުރުފުޅުގައި މިސްކީމްގައި ސޮއިކުރެއްވުމުގެ އިތުރަަށް ޓޫރިޒަމް ފެއަރގައި ދެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ކައުންސިލުން ނިންމާފައިވާ ކޯޕަރޭޓް އިންޝޫރެންސް ސްކީމްގައި ބައިވެރިވުމާއި ގުޅޭގޮތުން، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝޫރެންސާއި އެކު ބައްދަލުވުންތަކެއް ބާއްވާނެއެވެ.