މެލޭޝިއާއަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކުރެވިގެން، ފެލްކަން އެޑިއުކޭޝަން އިން ދެދުވަހުގެ މުއްތަކަށް "ސްޓަޑީ އިން މެލޭޝިއާ - އިންފޯ ޑޭއި އިން އައްޑޫ" ގެ ނަމުގައި ބޭއްވޭ ފެއާ، އައްޑޫ ސިޓީގައީ ބުރާސްފަތި އަދި ހުކުރުދުވަހުގެ ހަވީރު އޮންނާނެއެވެ.
ބުރާސްފަތި ދުވަހު ހަވީރު 4 އިން ރޭގަނޑު 8 އަށް މި ފެއާ އޮންނާނީ ފޭދޫ ސްކޫލްގައެވެ. އަދި ހުކުރު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 7 އަށް އައްޑޫ ހައި ސްކޫލްގެ ހޯލުގައި އޮންނާނެއެވެ.
މިއީ ފެލްކަން އެޑިއުކޭޝަނުން މިފެއާ މިއަހަރުތެރޭގައި އައްޑޫގައި ބާއްވާ ދެވަނަފަހަރެވެ. ފުރަތަމަ ފެއާ ބޭއްވިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.
އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން ފެލްކަން އެޑިއުކޭޝަނުން މަޢްލޫމާތު ދެއްވިގޮތުގައި، ފާއިތުވެދިޔަތަނުގައި ވެސް އައްޑޫގެ، ސްކޫލް ނިންމި ގިނަ ދަރިވަރުންތަކަކަށް މިފެއާގެ ތެރެއިން ރަގަޅަށް ގައިޑްކޮށްދެވިފައިވެއެވެ. އެގޮތުން ޕްރޮގްރާމްތަކުގެ މަޢްލޫމާތުދީ، ރަނގަޅު ޕްރޮގްރާމެއް ނެގުމާއި، ކިޔަވަން ބޭނުންވާ ދާއިރާއާއި ގުޅޭ ޔުނިވާސިޓީއެއް އިޚްތިޔާރުކުރުމުގައި އެހީތެރިވެދީފައިވާނެއެވެ.
އަޅުގަނޑުމެން މިކަމުގައި އުޅޭތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވާނެ. އަޅުގަނޑުމެން އެބަ ރިޕްރެޒެންޓްކުރަން ރާއްޖޭގައި، މެލޭޝިއާގެ 20 ޔުނިވާސިޓީއަށްވުރެ ގިނަ ޔުނިވާސިޓީ. އަޅުގަނޑުމެން މެދުވެރިއެއްގެ ގޮތުގައި ވަރަށް ގިނަ ޚިދުމަތްތައް އެބަ ފޯރުކޮށްދެން. އޭގެތެރޭގައި ވިސާގެ ކަންކަން ހަމަޖައްސައިދިނުމާއި، ޓިކެޓާއި، ހުރުމުގެ ކަންކަން ވެސް އެންމެ ރަނގަޅު، އަދި އެންމެ ބޭނުންވާގޮތަށް ކޮށްދެން. އަދި މެލޭޝިއާ އަށް ކިޔަވަން ދިއުމުގެ ކުރިން ބްރީފްކޮށްދީ މުހިއްމު މަޢްލޫމާތު ފޯރުކޮށްދެން.
~ ޖަހީން ޙަމީދު، ފެލްކަން ސްޓަޑީ އެބްރޯޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ

ޖަހީން އިތުރަށް ވިދާޅުވިގޮތުގައި މި ފުރުޞަތަކީ ކުރިއަށް މިއޮތް އަހަރުގެ އިންޓޭކަށް ތައްޔާރުވުމަށްޓަކައި ލިބޭނެ ރަނުގެ ފުރުޞަތެކެވެ. "އަޅުގަނޑުމެން އެދެން ދަރިވަރުން އަންނައިރު ބެލެނިވެރިން ވެސް އެކުގައި ގެންނެވުމަށް. އޭރުން ބެލެނިވެރިންނަށް ވެސް އެނގިގެންދާނެކަންކަން ހުންނާނެ. އަދި ދަރިވަރުންނަށް އިތުރު ހިތްވަރަކަށް ވެސް ވާނެ"، ޖަހީން ވިދާޅުވިއެވެ.
މި ފެއާގެތެރެއިން 2023 ޖެނުއަރީ އިންޓޭކްގައި ބައިވާން ބޭނުންވާ ދަރިވަރުންނަށް 50 ޕަސެންޓާއި ހަމައަށް ކޯސްފީއިން ސްކޯލާރޝިޕް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
