ކައުންސިލަރ އަހުމަދު ސަޢީދު މައްސަލަ ހުށަހެޅުއްވުމުން ސައުންސިލުން ވަނީ ބީއެމްއެލް އަތުން ކުލި ނެގުމަށް ފާސްކޮށްފައި

ހަބަރު

ކައުންސިލްގެ ނިންމުމާއިއެކު، ހިތަދޫގައި އިތުރު އޭޓީއެމް ބެހެއްޓުމުގެ ފުރުޞަތު ހަނިވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 އޮކްޓޯބަރ 2022 , ހޮނިހިރު 10:18 1   1399

އައްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެޝިންތައް މަދުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައިވަނިކޮށް، ހިތަދޫ އޮޑައްސައު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސަޢީދުގެ އިސްނެންގެވުމުގެމަތިން ބީއެމްއެލް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކައުންސިލަށް ހުށަހެޅުމުން ހުށަހެޅިގޮތާއި ޚިލާފަށް ކައުންސިލުން ވޯޓުދީ ގޮތް ނިންމައިފިއެވެ.

ހިތަދޫ އަކީ ބިންބޮޑު އަދި ދިގު ރަށަކަށް ވެފައި، އަހުމަދު ސަޢީދު ހުށަހަޅުއްވާފައިވަނީ ހިތަދޫގެ މިހާރުހުރި ދެ އޭޓީއެމްގެ އިތުރުން އުތުރާއި ދެކުނުގައި ދެ އޭޓީއެމް ބެހެއްޓުމަށް ބިންދޫކޮށް ދެއްވުމަށްއެދިއެވެ. މިގޮތުން ހިތަދޫ ސްކޫލް ކުރިމަތީގައި އޮތް ބޭނުން ނުކުރާ ބިމަކުން 300 އަކަފޫޓާއި އޭއީއެޗް ކައިރީގައި އޮތް ބޭނުން ނުކުރާ ބިމަކުން 300 އަކަފޫޓު ބީއެމްއެލް އަށް ދިނުމަށް ހުށަހަޅުއްވާފައިވެއެވެ.

ނަމަވެސް ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީން ނިންމީ، ބީއެމްއެލްއިން އެދިފައިވާ ބިމުން ޢާއްމު އުސޫލުން ކުލި ނެގުމަށެވެ.

ބަހުސް ގެ މަރުޙަލާގައި އަހުމަދު ސަޢީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ އެހެން ކުންފުނިތަކުގެ ބޭނުންތަކަށް ވެސް ބިން ދޫކޮށްފައިހުރީ ހިލޭކަމަށް ވެފައި ބީއެމްއެލް އިން ކުލިނެގުމަކީ ހަމަޖެހޭ އުސޫލެއްކަމުގައި ދެކިވަޑައި ނުގަންނަވާކަމަށެވެ. މިފަދަ ގޮތަކަށް، ވަކިން ޚާއްސަކޮށް ބީއެމްއެލް އިން ރާއްޖޭގެ އެއްވެސް ކައުންސިލަކުން އޭޓީއެމްތައް ބަހައްޓާ ތަންތަނުން ކުލި ނުނަގާކަން ވެސް ފާހަގަކުރެއްވިއެވެ.

ވޯޓު ގަޑީގައި ވޯޓަށް އެއްސެވުމުން 5 މެމްބަރަކު އަހުމަދު ސަޢީދު ހުށަހެޅުމަށް ތާޢީދުކުރެއްވިއިރު، 5 މެމްބަރަކު އިދިކޮޅަށް ވޯޓު ދެއްވިއެވެ. ވޯޓު އެއްވަރު ވުމާއިއެކު ރިޔާސަތުން މޭޔަރ އަލީ ނިޒާރު ވޯޓު ދެއްވީ އިދިކޮޅަށެވެ. އެހެންކަމުން ފާސްވެގެން ދިޔައީ ބީއެމްއެލް އަތުން ކުލި ނެގުމަށެވެ.

މިކަމާއި ގުޅިގެން އަހުމަދު ސަޢީދު އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ކައުންސިލުން މިފަދަ ޒިންމާދާރުކަން ކުޑަގޮތަކަށް މިކަން ނިންމެވީތީ ހިތާމަ ކުރައްވާކަމަށެވެ.

ވަކިން ޚާއްޞަކޮށް އަޅުގަނޑު ވަރަށް ހިތާމަކުރަން މޫލެކެޑެ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝީނާޒު މިފަދަ ރައްޔިތުންނަށް މުހިއްމު ހުށަހެޅުމަކާއި ދެކޮޅަށް ވޯޓު ދެއްވުމުން. އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން، ބޭންކާއި ވެސް ވާހަކަ ދައްކައިގެން މިކަންކުރުމަށް. ބޭންކުން އެބަބުނޭ އެއްވެސް ތަނަކުން ކުރާކަމެއް ނޫނޭ މިގޮތަށް ކުލިނެގުމަކީ. އޮފީސް ޢިމާރާތް ހިންގަން ކުލިނެގިޔަސް، އޭޓީއެމްތައް ބަހައްޓާތީ ރާއްޖޭގެ އެއްވެސް ރަށެއްގެ ކައުންސިލަކުން ކުއްޔެއް ނުނަގާ.

~ އަހުމަދު ސަޢީދު، އައްޑޫ ސިޓީގެ ކައުންސިލާރ

ބޭންކް އޮފް މޯލްޑިވްސް އިން އޭޓީއެމް މެޝިނެއް ބަހެއްޓުމަށްޓަކައި ގިނަ ޚަރަދުތަކެއް ހިނގައެވެ. ހަމައެކަނި މެޝިނެއްގެ އަގު ވެސް ބައި މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެއެވެ. ހަމައެހެން ގެންދިއުމާއި ބެހެއްޓުމުގެ ޚަރަދާއިއެކު މިލިއަނަކާއި ގާތަށް ޚަރަދު ހިނގާނެކަމަށް އަންދާޒާކުރެވެއެވެ.

ބީއެމްއެލް މިހާތަނަށް އައިއިރު، ރަށްރަށުގައި އޭޓީއެމްތައް ބަހައްޓަމުން ގެންދެވީ ރަށްރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލްތަކުން ހުށަހެޅުއްވުމުންނެވެ.

އެހެންކަމުން ބީއެމްއެލް އިތުރަށް މި އޭޓީއެމްތައް ބެހެއްޓުމާއިގެން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހަނިވެފައިވާކަމަށް މަޢްލޫމާތު ލިބެއެވެ.

ކައުންސިލަރ ސަޢީދު ވިދާޅުވީ، ރައްޔިތުންގެ މިފަދަކަމެއްގައި ކައުންސިލަރުންނާއި މޭޔަރާއި ޑެޕިއުޓީ މޭޔާރު ދެކޮޅު ހައްދަވައި އެއްބާރުލުން ނުދެއްވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށެވެ. ނަމަވެސް، މާޔޫސްވެފައި ހުއްޓަސް މިމަސައްކަތްހުއްޓާނުލައްވައި އަދިވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރިކަމަށެވެ. އަދި އަލުން ހުށަހަޅުއްވަން ޖެހިއްޖެއްޔާމު އެކަންވެސް ކުރައްވާނެކަމަށެވެ.

މިކަމާއިގުޅިގެން އަހުމަދު ސަޢީދު ދެއްވި ޚާއްޞަ އިންޓަވިއު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ބީއެމްއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.