ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން ކޮންމެ 10 އަހަރަކުން 2 ފަހަރު ބާއްވާ ކޮންގްރެސް ނުވަތަ ބައްދަލުވުން ވަނީ އާދިއްތަ ދުވަހު ބާއްވާފައެވެ.
މި ބައްދަލުވުމަށްފަހު ޗައިނާގެ ލީޑަރު ޒީ ޗިންޕިން އަށް 3 ވަނަ ފަހަރު ވެރިކަމުގައި އިތުރު 5 އަހަރުގެ ދައުރެއް ލިބޭނެކަމުގެ ފުރުސަތުވެސް ބޮޑުވެގެން ގޮސްފައިވެއެވެ. އެހެންކަމުން ޗިންޕިން ވެގެން ދަނީ މާއޯ ޒެދޮންގަށް ފަހު ޗައިނާގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރުކަމަށެވެ.
ޗިންޕިންވަނީ ބައްދަލުވުމުގެ ފެށުމުގައި ދިގު ރިޕޯޓެއްވެސް ހުށަހަޅާފައެވެ. މި ރިޕޯޓުގައި މިފާއިތުވެގެންދިޔަ 5 އަހަރުތެރޭ ޗައިނާއަށް ލިބިފައިވާ ކުރިއެރުންތަކާއެކު ޕާޓީއިން ޗައިނާގެ ޒަމާނީ ކުރިއެރުވުން ހާސިލުކުރުމަށް ބޭނުން ކުރާނެ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
ޗިންޕިންއަށް ވެރިކަން އިތުރު ދައުރެއްގައި ލިބުމުގެ ފުރުސަތު ބޮޑުވުމާއެކު، ޗައިނާގެ އިޤްތިސާދީ އަދި ޚާރިޖީ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އައިސްދާނެކަމަށް ނުބެލެވެއެވެ. އަދި މިޔާއެކު ވެރިކަމަށް ފާޑުކިޔުން އެއްގޮތަކަށްވެސް ބަލައިނުގަތުމަށާއި، ކޮވިޑް-19 އާއި ގުޅޭކަންކަމުގައި(ކަރަންޓީން އަދި ދަތުރު ކުރުން) ހަރުކަށި ފިޔަވަޅުތަކަށްވެސް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.
މިކޮންގްރެސްގެ ތަރުޖަމާނު ސަން ޔެލީވަނީ ހޮނިހިރު ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކުރިޔަށް އޮތްތާނގައި ގެނެވޭނެ ބަދަލުތަކާއި ބެހޭގޮތުން ބައެއް ކަންކަމުގެ ވާހަކަ ދައްކަވާފައިވެއެވެ. ސަން ޔެލީ ބުނެފައިވާ ގޮތުގައި، ޕާޓީގެ ކުރިއެރުވުމުގެ މަސައްކަތް އާމިންތަކަކަށް ގެނެސްފައިވުމާއެކު މިހާރަށްވުރެ ތަފާތު ހާލަތްތަކާއި ކަންކަމާއި ކުރިމަތިލައި އެކަންކަމާއެކު މަސައްކަތޮ ކުރަން ދަސްކޮށްދެވިގެންދާނެއެވެ.