ދުނިޔޭގެ ގިނަ ޤައުމުތަކުގައި "ޔޫތު ކާފިއު" އަށް ހަރުކަށިކޮށް ޢަމަލުކުރޭ.

ހަބަރު

ކުޑަކުދިން ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުން މަނާ ކުރަންޖެހޭ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޮކްޓޯބަރ 2022 , ހޯމަ 08:41 1   630

މީގެ އަހަރުތަކެއް ކުރިން، ރާއްޖޭގައި ވެސް ސްކޫލްތަކުގެ ދަރިވަރުން ރޭގަނޑު 10 ގެ ފަހުން ބޭރުގައި އަދި ވަކިން ޚާއްޞަކޮށް ދަންވަރު ގަޑިތަކުގައި ބޭރުގައި އުޅުން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. ސްކޫލްތަކުން ވެސް އިސް ދައުރެއް އަދާކޮށް، ބެލެނިވެރިން ވެސް ޚާއްޞަ ސަމާލުކަމެއް ބެހެއްޓިއެވެ.

ފަހަކަށް އައިސް އެ ޤަވާއިދަށް ޢަމަލުކުރާތަން ނުފެނެއެވެ. އަދި އެއްވެސް ފަރާތަކުން އެކަމަށް ސަމާލުކަންދީ ހަދާތަނެއް ވެސް ނުފެނެއެވެ.

ނަމަވެސް، ތަރައްޤީވެފައިވާ ޤައުމުތައް ވެސް ހިމެނޭގޮތަށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ޤާނުނުތަކުގައި ބަޔާންކުރެވިފައި ނެތަސް، "ޔޫތް ކާފިއު" އަކީ އަދިވެސް ވަރަށް ހަރުކަށި އުސޫލްތަކާއިއެކު ޢަމަލުކުރަމުން އަންނަކަމެކެވެ.

ތަރައްޤީވެ ތަހުޒީބު ވެފައިވާ ޤައުމުތަކުގެ ތެރެއިން ޖަޕާނަކީ ނަމޫނާ ޤައުމެކެވެ. އެޤައުމުގައި 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުމަކީ މުޅިން މަނާކަމެކެވެ. އެގަޑިތަކުގައި މަގުމަތިން އެފަދަކުދިން ފެނިއްޖެނަމަ އައިޑީކާޑު ހޯދައި، ހުއްޓުވައި ސުވާލުކުރާނެއެވެ. އަދި އަދަބު ވެސް ދޭނެއެވެ.

އިނގިރޭސި ވިލާތުގައި ވެސް، އަދި އެމެރިކާގެ ގިނަ ސަރަޙައްދުތަކުގައި ވެސް ޔޫތް ކާފިއު އަށް ޢަމަލުކުރެއެވެ.

ދާދިފަހުން އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރުންތަކެއް ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން، ޢުމުރުން ހަގު ކުދިން ކުށަށް އަރައި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން ކޮންޓްރޯލްކޮށް ރަނގަޅު މުޖްތަމަޢެއް ބިނާކުރުމުގައި، ޔޫތް ކާފިއު ވަރަށް ބޮޑު ރޯލެއް ކުޅޭކަމަށް ގިނަ ހެކި ފެންނަން އެބަހުއްޓެވެ. އަދި އެއީ އެފަދަ ކުދިން ނިދިން މަހުރޫމުވުން އެއްކިބާކޮށް، އަޚްލާޤު ރަނގަޅު ދަރިންނަށް ހެދުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. ހަމަ މިއާއި އެކު ބޮޑެތި މީހުންގެ ވެސް ހޭލުންތެރިކަން އިތުރުވެ، ކުށްމަދު މުޖްތަމަޢަކަށް ދިއުމަށް އެހީތެރިވެދެއެވެ.

ދިވެހި ރާއްޖޭގައި ވެސް ވައްކަން ކުރުމާއި ޢުމުރުން ހަގު ކުދިން ބޮޑެތި ކުށްތަކަށް އެރުން އިންތިހާއަށް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި މިއީ ވިސްނާލަން ޖެހިފައިވާ ޙަޤީގަތެކެވެ.

ތަހުޒީބު ހުރިހާ މުޖްތަމަޢެއްގައިވެސް، ރޭގަނޑުގެ ގަޑިތަކަކީ އަރާމުކުރާ ގަޑިތަކެކެވެ. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ވެސް އެކަމަށް ބާރުއަޅާގޮތެވެ. މަދު ބައެއްގެ ޙައްޤު ހޯދުމުގައި ގިނަބަޔަކަށް ގެއްލުމާއި ތަކުލީފު އުފުލަން ނުޖެހެއެވެ.

ޓެގްސް: ކުށްކުރުން ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.