ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ހަބަރު

"ވިޒިޔަން ވިލާ" ކިޔާ ގޮތްނޭނގޭ, ތުރުކީގެ ކުންފުންޏަކާއި އެކު އައްޑޫ ކައުންސިލުން ޖޭވީއެއް ހަދަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 އޮކްޓޯބަރ 2022 , ބުރާސްފަތި 21:18   1238

ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށް ބުނެ ތުރުކީ ވިލާތުގެ "ވިޒިޔަން ވިލާ" ކިޔާ ގޮތްނޭނގޭ ކުންފުންޏަކާއި އެކު ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބުދަދުވަހު އޮތް އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގެ 70 ވަނަ ރަސްމީ ޖަލްސާގައި މިމައްސަލަ ހުށެހެޅުމުން ބައެއް މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައި ބަހުސް ހޫނުވިއެވެ. އެގޮތުން ރަސްމީޖަލްސާ ފެށުމުގެ ކުރިން ބާއްވާ "ވަރކިންގ ސެޝަން" ގައި މެންބަރުންގެ މެދުގައި ދެބަސްވުންތައް ގިނަވެ ޖަލްސާ އާންމުކޮށް ފަށާވަގުތަށްވުރެ ބޮޑުތަން ޖަލްސާ ލަސްވިއެވެ. ކައުންސިލަރ އަހްމަދު ސައީދު ވިދާޅުވީ ދުވަހުގެ ހަތަރުދަން ހޭދަކުރެވުނީ މިމައްސަލައަށްކަމަށެވެ.

މިމައްސަލަ އިދާރީ މޭޒުން ހުށަހެޅުމުން، ކައުންސިލަރ އިބްރާހިމް ޝިނާޒު ވަނީ އިދާރީ މޭޒުން ހުށަހެޅުނުގޮތަށް މައްސަލަ ނިންމުމަށް އެދިފައެވެ. އަދި ކައުންސިލަރ އާމިނަތު އަދާލާ ވަނީ ޝިނާޒުގެ ހުށަހެޅުމަށް ތާޢީދު ކުރައްވާފައެވެ.

ތިރީގައި މިވަނީ ޖަލްސާ ގައި ދެކެވިފައިވާ ބައެއްވާހަކަތަކުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ފުޓޭޖެކެވެ.

"ވިޒިޔޮން ވިލާ" އަކީ ކޮންބައެއް؟

މައްސަލަ އާއި ގުޅިގެން، އެކްސްޕްރެސް ނިއުސް އިން ވަނީ ތުރުކީގެ "ވިޒިޔޮން ވިލާ" ކިޔާ ކުންފުންޏަށް ގުޅައި މައްލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އިންޓަނެޓުން ހޯދި މިކުންފުނީގެ ނަމްބަރެއް ކަމަށް ބުނާ ތުރުކީގެ ނަމްބަރަކަށް ގުޅުމުން ބިޒީ ކުރުމަށްފަހު މާލޭގައި ހުރި މީހަކު ދިރާގު ނަމްބަރަކުން ގުޅާފައިވެއެވެ. އެއީ ކާކުތޯ އެހުމުން ގުޅާމީހާގެ އީމެއިލް ހާމަ ނުކުރަނީސް ނުބުނާނެކަމަށް ބުނެފައިވެއެވެ.

ޑިރެކްޓްރީގައި ލިސްޓުކޮށްފައިވާ ގޮތުން، ނަމްބަރު ނަގާފައިވަނީ އޮކްތޭ ހަކާން ގުލްބެޔާޒް ނަމަކަށް ކިޔާ ތުރުކީ މީހެއްގެ ނަމުގައެވެ. ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، ހަކާމް އަކީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގައި މިފަދަ ޕްރޮޖެކްޓްތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ. މިގޮތުން ސަރުކާރުގެ އެކި ކުންފުނިތަކާށާއި ރަށްރަށުގެ އެކިއެކި ކައުންސިލްތަކަށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. ނަމަވެސް އޭގެއިން ހުށަހެޅުމަކަށް މިހާތަނަށް އެކަށީގެންވާ ރަނގަޅު އިޖާބައެއް ލިބިފައިނުވެއެވެ.

ފާހަގަ ކުރެވެނީ އެކުންފުނީގެ ފަރާތުން ދެއްކި ބައެއް ވާހަކަތައް ފަހުން ދެއްކި ވާހަކަތަކާއި ދިމާނުވާކަމެވެ. ފުރަތަމަ ބުނެފައިވަނީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިފަދަތަންތަން ހަދާފައިވާކަމަށެވެ. ނަމަވެސް، ފަހުން އެކުންފުނިން ވާހަކަދެއްކި އެހެން މީހަކު ބުނި ގޮތުގައި އެކުންފުނީގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި އަދި ޢިމާރާތެއް ހަދާފައި ނުވާކަމަށެވެ. ނަމަވެސް އެ ކުންފުނީގެ އެކި ޑިރެކްޓަރުންހަދާފައިވާ އެކިއެކި ކުންފުނިތަކުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އިތުރަށް ބުނެފައިވަނީ، ދިވެހި އެހެން ޕާޓީއަކާއިއެކު މާލޭގައި ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ބިން ލިބުނުހާ އަވަހަކަށް، އައްޑޫގައި މޮކްއަޕް ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެމީހުންގެ، ކުންފުނީގެ ޕްރޮފައިލް، ވެބްސައިޓް އަދި އީމޭލް އެޑްރެސްތައް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، މިކުންފުނިން ތުރުކީ ވިލާތުގައި ވެސް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިހުރިކަން އެނގެން ނެތެވެ. އަދި ކުންފުނީގެ ވެބްސައިޓް ކަމަށް ބުނާ ވެބްސައިޓުގައި ހުރި ވަރަށް ގިނަ މަޢްލޫމާތުތަކުގައި ފުށުއެރުންތައް ހުރިކަން ފާހަކަކުރެވެއެވެ.

މީގެ ކުރިން، 2010 އެއް ހިސާބުގައި، ޙަޤީގަތް ނޭނގޭ ތުރުކީވިލާތުގެ ކުންފުނިތަކަކުން ހުޅުމާލޭގައި އޮޅުވާލައިގެން ފްލެޓް އަޅައިދޭނެކަމަށް ބުނެ ބޮޑެތި ޢަދަދުން އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުން ޑައުންޕޭމަންޓަށް ފައިސާ ނަގައި އޭގެއިން ބައެއް ފަރާތްތައް ފިލާފައިވާ މައްސަލަތަކެއް އޭރު މީޑިއާގައި ފެންފަތިވެފައިވެއެވެ.

އަދި ތުރުކީވިލާތުގެ އިންޓަނޭޝަނަލް ބޯޑަރ ކްރައިމްސް އަށް މަޝްހޫރު "އާރތޫރު ބްރަދާސް" ކިޔާ ކުންފުންޏަކުން ސަރުކާރުގެ ބައެއް އޮފިޝަލުންނާއިއެކު ކުރި ވިޔަފާރީ މުޢާމަލާތަކެއްގެ މައްސަލަތަކެއް ވެސް ވަނީ މީޑިއާގައި ތިލަވެފައެވެ.

ޖަލްސާގައި ބައެއް ކައުންސިލަރުން ދެއްކެވި ވާހަކަތަކުގެ އުސްއަލިތައް

މެމްބަރުންގެ ތެރެއިން ކައުންސިލަރ ޚާލިދާ މުޙައްމަދު ވިދާޅުވީ އެންމެ ފުރަތަމަ ކައުންސިލްގެ ބައްދަލުވުމާއި ގުޅޭގޮތުން ފޮނުވާފައިވާ ލިޔުންތަކުގައި ތުރުކީގެ ކުންފުނިން ފޮނުވި އީމޭލް އެޓޭޗްކޮށްފައިވާކަމަށާއި، އޭގައި ބުނަނީ 10،000 (ދިހަ ހާސް އަކަފޫޓު) ގެ ބިމެއް ހޯދުމަށް އެދޭކަމަށް ކަމަށެވެ. ނަމަވެސް، ބިއުރޯއިން، ޖަލްސާގެ އިރުކޮޅެއްކުރިން، ލިޔެކިޔުން ބަދަލުކޮށް އޮޅުވާލާފައިވާކަމަށެވެ.

ކައުންސިލަރ ހުސެން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ތުރުކީގެ މިކުންފުންޏާއިއެކު ޖޮއިންޓްވެންޗަރ ކުންފުންޏެއް ހަދަން މަސައްކަތްކުރާއިރު، ޖޮއިންޓް ވެންޗާރ ކުންފުނި ހެދެނީ ލޯކަލް އޮތޯރިޓީ ކުންފުނި އޮވެގެން ކަމަށްވެފައި، އެފަދަ ކުންފުންޏެއް އަދި މިހާތަނަށް ވުޖޫދުގައި ނެތްކަމަށެވެ.

"މިއަދާއި ހަމަޔަށް އައިއިރު އަޅުގަނޑުމެންނަށް މިވަނީ އެކުންފުނި ނެހެދި" ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ހުޅުދޫގެ ކައުންސިލަރު ހުސެން ފައިޒުއް ރަޙްމާން ވިދާޅުވީ، މިހުށަހަޅާފައިވާ މައްސަލައިގައި ޤާނޫނީ ފުށުއެރުންތަކެއް އެބަހުރިކަމަށެވެ. އެއްބަސްވެވޭ ކަންކަން ބަޔާންވެ އެނގެންނެތުމުގެ އިތުރުން، ޤާނޫނުގައި ބުނާ، ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ނެތި، އަމިއްލަ ވިޔަފާރިއެއްގެ ވިޔަފާރި ޕްރޮމޯޓްކުރުމަށް، ކައުންސިލްގެ ބިމާއި އެހެންނިހެން ވަޞީލަތްތައް ދިނުމަށް މަގުފައިވާގޮތަށް ހުށެހެޅިފައިވާ ހުށަހެޅުމެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތްކަމަށެވެ.

ލޭންޑް ޔޫޒް ޕްލޭނެއް ނެތި، ދިރިއުޅެން ނޫންގޮތަކަށް އަމިއްލަ ފަރާތަކަށް ފައިދާވާގޮތަށް އަނެއްކާވެސް މިފަދަ ބިމެއް ދިނުން އެއީ ކުރެވިދާނެކަމެއް ކަމަށް ނުދެކޭކަމަށް ވެސް ފައިޒުއް ރަޙްމާންގެ ވާހަކައި ވިދާޅުވިއެވެ.

ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ، މިއީ ވަރަށް ރަގަޅު ކަމެއް ކަމަށާއި، އެކަމަކު މިކަން މިހާހިސާބަށް އައިއިރު ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. "ކައުންސިލަރުން އަނދަގޮޑި ޖެހޭގޮތަށް މިފަދަކަންކަން ކޮށްގެން ނުވާނެ. ކުރެވިފައިވާ މުޢާމަލާތުތަކަށް ބަލާއިރު ޖޭވީއެއް ހަދަން ޖެހޭ. މިއަދު މިތަނުގައި ދޭ ވޯޓަކުން އޭސީސީއަށް މައްސަލަ... " ސަޢީދު ވިދާޅުވިއެވެ.

އެކުންފުނިން ފޮނުވާފައިވާކަމަށް އަޅުގަނޑާއި ކައުންސިލްގެ ބިއުރޯ އިން ޙިއްޞާކޮށްފައިވާ ޑޮކިއުމެންޓަށް ބަލާއިރު އެކުންފުނިން އެދިފައިވަނީ އެކުންފުނީގެ ޝޯރޫމާއި ސޭލްސް ސެޓަޕް ހަދާނެ ބިމެއް ހޯދުމަށް. މިހާރު މިހުށަހަޅާފައިވާ ހުށަހަޅުމަކީ އެމީހުން ހުށަހެޅި ހުށަހެޅުމާއި އެއްގޮތަށް އޮތް ހުށަހެޅުމެއް ނޫން. ބަޔަކު ހުށަހަޅާފައިވާ ހުށަހެޅުމެއް، އެމީހުންގެ ބަހެއް ނެތި، ކައުންސިލަށް ބަދަލުކުރުމަށްފަހު ހުށަހެޅިދާނެތޯ އެއީވެސް އުފެދޭ ސުވާލެއް.

~ ~ ހުސެން ފައިޒުއް ރަޙްމާން، ހުޅުދޫގެ ކައުންސިލަރ

ޤާނޫނީ ލަފާ އަދި ނިންމުނު ގޮތް

މިކަމާއި ގުޅިގެން ލީގަލް ޑެސްކުން ކައުންސިލްގެ ލޯޔަރު ހުސެން ހަބީބު ޖަވާބުދާރީވެ ވަޑައިގެންނަވަމުން ވިދާޅުވީ، ވިޔަފާރި ކުންފުންޏަކާއި އެކު އެއްވެސް މުޢާމަލާތެއް ހިންގޭނީ، ޖޮއިންޓް ވެންޗަރ (ޖޭވީ) ކުންފުންޏެއް އޮވެގެން ކަމަށެވެ. ނުވަތަ ޖެވީ އަކަށް ދާނެ "ޓާމްސް އެންޑް ކޮންޑިޝަން" [އެއްބަސްވޭކަންކަން] އަދި ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ސާފުކޮށް އެނގޭނެހެން އޮންނަ އެއްބަސްވުމެއް އޮތުން ލާޒިމުކަމަށެވެ. ދެފަރާތުގެ މަސްއޫލިއްޔަތުތައް ހިމެނެންވާނެކަމަށެވެ. އަދި ބިންދިނުމުގައި ބިން ދޭންވާނީ ޤާނޫނުތަކާއި އެއްގޮތަށްކަމަށާއި، ހުށެހެޅިފައިވާ ހުށަހެޅުމެއް، ކައުންސިލަރު ފައިޒުއް ރަޙްމާން ފާހަގަކުރެއްވިގޮތަށް ބަދަލު ނުކުރެވޭނެކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ މިހުށަހުޅުން ފާސްކޮށްފައެވެ. ނަމަވެސް، ތުރުކީވިލާތުގެ ކުންފުންޏަށް އެއްވެސް ބިމެއް ނުވަތަ ތަނެއް އެއްވެސް އުސޫލަކުން ދިނުމަށް ކައުންސިލްގައި މަޝްވަރާ ކުރެވިފައިނުވެއެވެ. އަދި އެފަދަ ކަމެއް ނިންމާފައި ވެސް ނުވެއެވެ.

ދިވެހިރާއްޖޭގެ ޖޭވީ ވިޔަފާރިއެއް ވަކި ޝަޚުސެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ޤާނޫނުތައް ބުނާގޮތުން، ރަޖިސްޓްރީ ކުރެވިފައިވާ ދެ ވިޔަފާރިއެއްގެ ދެމެދުގައެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގައި އެފަދަ ވިޔަފާރިއެއް މިހާތަނަށް ރަޖިސްޓްރީކޮށްފައި ނުވެއެވެ.

މިބައްދަލުވުމަށްފަހު އެކްޕްރެސް ނިއުސް އާއި ވާހަކަދެއްކެވި ބައެއް ކައުންސިލަރުން ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުން ބާއްވަން އޮތް ގަޑީގައި މޭޔަރުގެ ނުފޫޒާއިއެކު ވޯކިން ސެޝަންތަކުގެ ނަމުގައި ކައުންސިލުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ވޯކިން ސެޝަންތަކުގައި ކައުންސިލަރުންގެ ވިސްނުންހުރިގޮތް ބެލުމަށްފަހު މޭޔަރު ކޮންމެ ފަހަރަކު ވެސް ނިންމުންތަކާއި ގުޅިގެން ބިރުދައްކައި ނުފޫޒު ފޯރުވާކަމަށެވެ. ތަކުރާރުކޮށް އެކަން އެގޮތަށް ނުކުރުމަށް ދެންނެވި ނަމަވެސް އަޑުއެހުމެއް ނެތި ހުރާ ކައުންސިލްގެ ހުރިހާ ބައްދަލުވުންތަކުގައި ވެސް ކަންކުރައްވަނީ އެގޮތަށް ކަމަށެވެ.

މޭޔަރ ޢަލީ ނިޒާރު މިވަތު ހުންނެވީ ގދ. ތިނަދޫގައި އޮތް އެތްލެޓިކްސް މުބާރާތެއް ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގެންނެވެ. ނަމަވެސް، ކައުންސިލަރުން ހިއްޞާކޮށްފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، މޭޔަރު ވަނީ ވޯކިން ސެޝަންތަކުގައި ވާޗުކޮށް [އޮންލައިންކޮށް] ބައިވެރިވެ މައްސަލަ ދިފާޢުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ބުދަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.