ތިޔޭ މިހިތުގެ ވިންދަކީ...(1)

މުނިފޫހިފިލުވުން

ވާހަކަ: ތިޔޭ މިހިތުގެ ވިންދަކީ...(1)

އަލްމާ - އެހެނިހެން | 9 ނޮވެންބަރު 2022 , ބުދަ 00:33   306

އެއީ ކޮންފަދަ ފުރިހަމަ ސޫރައެއްހެއްޔެވެ. ފުރަތަމަ ފަހަރަށް ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ފިރިހެންވަންތަ ރީތި ހިނިތުންވުމެވެ. އެ ހިނިތުންވުމުގައި ޖާދުވީ ބާރެއްވާ ކަހަލައެވެ. އަހަރެންގެ ނަޒަރު އޭނާގެ މޫނަށް ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް ބަދަލުނުވިއެވެ. އޭނާގެ ކަޅި އަހަންނާ ދިމާލަށް ބަދަލުވެ އެކަކު އަނެކަކުގެ ލޯ ދިމާވުމުން އިސްޖަހާލެވުނެވެ. ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ގޮތްނޭގޭ ޒުވާނަކަށްޓަކައި ހިތް އެދި ގޮވަން ފެށިއެވެ. އޭނަގެ ހަނދާންތައް އަހަރެންގެ ނިދި އަތުލައިގެންފިއެވެ. އޭނާގެ ހުވަފެންތަކުން އަހަރެންގެ ހުވަފެންތައް ފުރިއްޖެއެވެ. އަހަރެންނަށް ކުރެވެމުން މިދާ އިހްސާސްތަކާއި އަދި އަހަރެންގެ ހިތުގެ ގޮވުމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ހަނގުރާމައިގެ ސަފުގެ އެންމެ ކުރީގައި ހުރީ އަހަރެންގެ ސިކުނޑިއެވެ. އަހަރެންގެ އަރުތެރޭގައި ހިތި ރަހަ ލައްވުއައިލި އަހަރެންގެ ހިތި މާޒީއެވެ. އެ މާޒީގައި އަހަރެންނަށް ކުރިމަތިލާންޖެހުނު ދަތިތަކާއި ތަހައްމަލް ކުރަން ޖެހުނު ވޭނެވެ. އަހަރެންގެ އުފާތައް ގެއްލި އަހަރެންގެ ހަޔާތް އަނދިރި ވެގެން ދިޔަ ދިޔުމެވެ.

އަހަރެންނާއި އަޔާން އާއި ދިމާވީ އަހަރެންގެ ރަހްމަތްތެރިއެއްގެ ގެއިންނެވެ. އަޔާންގެ އެންމެންނާއިވެސް އެކުގައި އުޅޭ މިޒާޖުގެ ސަބަބުން އަހަރެންނާއި އަޔާންގެ ދެމެދުގައި ރަހްމަތްތެރި ކަމުގެ ގުޅުން ގާއިމް ވުމަށްޓަކައި މާގިން ދުވަހެއް ނުނަގައެވެ. މަޑުމަޑުން ދެމީހުންގެ ހިތުގައި ވެސް އެކަކު އަނެކަކަށް ޓަކައި ލޯބީގެ އިހްސާސް ތައް ދިޔައީ އުފެދެމުންނެވެ. އެއިރު އަހަރެންނަކީ ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރަކަށް ވެފައި އަހަރެންގެ މިސްރާބަކީ ރަނގަޅު ނަތިޖާއެއް ހޯދުން ކަމަށް ވެފައި ދެމީޙުންގެ ދެމެދުގައި އޮތް ގުޅުން އެކުވެރިކަމުގެ ގުޅުމުގެ ގޮތުގައި ބޭއްވީ ދެމީޙުންގެ ވެސް އެއްބަސްވުމާއި އެކުއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިންތިޒާރު ކުރުމަށް ވަޢުދު ވީމެވެ.

އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ދެމީހުންގެ ގުޅުމަށް ކޫރުންތަކެއް އެޅެން ފެށިއެވެ. އަބަދުމެ އަބަދު ދެބަސްވުންތައް އުފަދުން އާންމު ކަމަކަށް ވެއްޖެއެވެ. އަހަރެންނަށް އަހަރެން ކުޑަކުޑަ ގޮޅިއެއްގައި ބަންދުވެފައިވި ކަމުގެ އިހްސާސްކުރެވެން ފެށިއެވެ. ބަންދުވެފައިވި އެ ކުޑަކުޑަ ގޮޅިން ނެރުމަށް ކުރި މަސައްކަތަށް ހުރަސް އެޅީ އަޔާން އަހަރެންގެ މި ނިންމުމުގެ ސަބަބުން އަޅާނެ ފިޔަވަޅެއް ނޭގޭތީ ހިތަށް ވެރިވެފައިވި ބިރުވެރިކަމެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި އަޔާން އަށް ޓަކައި ކިތައްމެ ލޯތްބެއް ވީ ނަމަވެސް އަހަރެން ބޭނުންވީ އަހަރެންގެ އަމިއްލަ ނަފްސުގެ ހައްގުގައި އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް ނިމުމެއް ގެންނާށެވެ. އެކަމުގައި އަހަރެންނަށް އެއްބާރުލުމާއި ހިތްވަރު ލިބުނީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިންގެ ފަރާތުންނެވެ. އަޔާންގެ އެތަކެއް އާދޭސްތަކަށް ފަހުވެސް އަހަރެން ފަސް އެނބުރި ބެލުމެއްނެތި ދިޔައީ ހިތުގައި ހިލަ ގަނޑެއްބާއްވައިގެންނެވެ.

އެއަށްފަހުގައި ވެސް އަހަރެން ބޭނުންވީ އަޔާންއަށް އިތުރު ފުރުސަތެއް ދޭށެވެ. އަހަރެން ލޯބިވާތީއެވެ. އިންތިހާއަށް ލޯބިވާތީއެވެ. އެހެންނަމަވެސް މާލަސް ވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. އަޔާން އަހަރެންގެ ނަން އޭނާގެ ހިތުން ފޮހެލައިފިއެވެ. އަހަރެން ދެކެ ބޭއިންތިހާ އަށް ލޯބިވި ކަމުގެ ދައުވާ ކުރި އަޔާން އަކީ މިއަދު އެހެން މީހެއްގެ މިލްކެކެވެ. މިއަދު އޭނާ ލޯބިވަނީ އެހެން މީޙެއް ދެކެއެވެ. އޭނާގެ އަތުގައި ހިފައިގެން ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދަނީ އަހަރެންނެއް ނޫނެވެ. އަޔާނީގެ ޒައިނީ އެއް ނޫނެވެ. އެހެން ކުއްޖެކެވެ. އެހެން ފަރާތަކެވެ. އަހަރެން އެންމެ ދެރަވީ އަހަރެން އަޔާން ދެކެ އެހާ ލޯބިވި އިރުވެސް އަޔާން އަށް އެހެން ފަރާތަކާއެކު ހަޔާތައިގެން ކުރިއަށް ދިއުމަށް އެންމެ މަހެއްވެސް ނުނެގުމުންނެވެ. އަހަރެންނަށް އަމިއްލަ ނަފްސާއި އެދުވަހު އެތަކެއް ސުވާލުކޮށްލެވުނެވެ. އަޔާން އަހަރެން ދެކެ ހަގީގަތުގައި ވެސް ލޯބިވިބާއެވެ ؟ އަނެއްކާ މީ އަހަރެންގެ ކުށްބާއެވެ.؟ އަހަރެންގެ ހުރިހާ ސުވާލުގެ ޖަވާބުވެސް އަހަރެންނަށް ދިނީ އަހަރެންގެ އެންމެ ގާތް އެކުވެރިންނެވެ. އަހަރެންގެ ހިތުގައި އޭނާއާއި މެދު ނަފްރަތު ނުއުފެދުނު ނަމަވެސް އަހަރެންގެ އެކުވެރިން ގެ ހިތުގައި އޭނާއަށްޓަކައި ނަފްރަތުގެ ހުޅުކޮޅު ރޯވެއްޖެއެވެ. އަހަރެންގެ ރުއިމާއި އެހުރިހާ ވޭނެއްގައި ބައިވެރިވެ އަހަރެންނަށް އެ ދެމީޙުން އެހީތެރިވެދިނެވެ.

ހަޔާތައިގެން ކުރިއަށް ދާންފެށީ އާހިތްވަރަކާއެކު އާ އަޒުމެއްގައެވެ.އެހެންނަމަވެސް އަޔާން ގެ ހިޔާލުތަކާއި ދުރަށް ދިއުން އަހަރެންނަށް ވީ ދަތިކަމަކަށެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާގެ ސޫރަ ފެންނާތީއެވެ، އެ އަންހެން ކުއްޖާއާއިއެކު ހީ ސަމާސަ ކޮށް އުޅެތަން ފެންނަ ކޮންމެ އިރަކު އަހަރެންގެ ހިތުގައި ހާދަ ރިހެއެވެ. ހާދަ ވޭނެއް އަޅައެވެ. އެހެންނަމަވެސް އަހަރެން އޭނާގެ ހިޔާލުތަކާއި ދުރަށް ދިއުމަށް ޓަކައި ނުގުޑޭނެ ފަދަ އަޒުމެއް ކަނޑައެޅީމެވެ. އެ އަޒުމާއިއެކު އަދި ހިތާއި ހަނގުރާމަ ކުރަމުންގޮސް ސްކޫލްނިންމައިފީމެވެ. އެއީ އަހަރެންގެ ނަސީބެވެ. ސްކޫލް ނިމުމުން އޭނާގެ ސޫރަ އަހަރެންނަކަށް ނުފެނެއެވެ. އެހެންވެ ހިތަށް ކޮނެމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އަޔާން ގެ އެ ހިތި ހަނދާންތަކާއި އަހަރެންނަށް ދުރަށް ދިޔުމަށް އެހީތެރިވެދިނީ އެއްކަލަ ދުވަހު ފެނުނު ޒުވާނާއެވެ. އެ ޒުވާނާގެ ހިޔާލުތަކެވެ. އެ ރީތި ހިނިތުންވުމެވެ. އެދުވަހު އެ ނޭނގޭ ޒުވާނާ ފެނުމުން ހިތަށް ކުރި އަސަރެވެ. މި ހިތުގައި ޖަހަން ފެށި އާ ވިންދެވެ. އަނެއްކާވެސް އެ ދުވަހު ފެނުނު ޒުވާނާގެ ހިތްގައިމު ސޫރަ ފެނުނެވެ. ހަމަ އެ ހިނިތުންވުމެވެ. އެ ރީތި ބިޔަ ހަށިގަނޑެވެ. އެހެންނަމަވެސް މިއަދު ފެނުނީ އިންސްޓަގްރާމް އިންނެވެ. އޭނާގެ ތަސްވީރެކެވެ. ހަގީގަތުގައެއް ނޫނެވެ.

އަބަދުވެސް އަހަރެންބުނަމެވެ. އަހަރެން ބޭނުންވަނީ އެމްއެންޑީއެފްގެ ވަޒީފައިގެ އުޅޭ ޒުވާނެކެވެ. ކޮންމެހެން އެއީ އެ ވަޒީފާގައި އުޅޭ މިހަކަށް ވުން މަޖްބޫރެއް ނޫނެވެ. އެހެންނަމަވެސް އިއްތިފާގަކުން އެ ޒުވާނާ އަކީ އެމްއެންޑިއެފްގެ ވަޒީފާ އަދާ ކުރާ ޒުވާނެކެވެ. ހިތާއިހިތުން އޭނާއަށް ކިޔާ ނަން ކިޔާލެވުނެވެ. " އަދްޔަން " . ނަން ވެސް އެހާ ފުރިހަމައެވެ. ކޮންމެ ދުވަހަކުމެ ކަހަލަ ގޮތަކަށް އޭނާގެ ފޮޓޯތައް ބަލަމެވެ. ތަކުރާރު ކޮށް ބެލި ނަމަވެސް ފޫއްސެނުވެއެވެ. އޭނާ އަށް އަހަރެންމީ ވުޖޫދުގައި ވާމީހެއްކަން ނޭގުނުނަމަވެސް އަހަރެންގެ ހިތުގައި އެ ސޫރަވީ ކަނޑައިނެގިފައެވެ. އެ ނަން ވީ ހިތު ތެރޭގައި ފޮރުވައިފައެވެ.

އަހަރެން އޭނާ އަށް އެންމެ ފުރަތަމަ އެފްބީ ރިކުއެސްޓް އެއް ފޮނުވީ އަހަރެންގެ ގާތް އެކުވެރިން ގާތު އެހުމަށްފަހުއެވެ. އަދި އަހަރެންގެ އަމިއްލަ ނަފްސާއިވެސް އެތަކެއްފަހަރު ސުވާލު ކުރުމަށްފަހުއެވެ.އޭނާ އަހަރެންގެ ރިކުއެސްޓު އެކްސެޕްޓް ކުރިއެވެ. އޭނާ މެސެޖެއް ކުރާތޯ ވަރަށް އިންތިޒާރު ކުރީމެވެ. އެހެންނަމަވެސް އޭނާގެ މެސެޖެއް ނުލިބުމުން އަނެއްކާވެސް އަހަރެންބޭނުންވީ އަހަރެން އަމިއްލައަށް އިސްނަގާށެވެ. މާޒީގައި ވެދިޔަ ގޮތަށް ކަންތައް ވެގެން ނުދާނެތޯ ދުޢާ ކުރަމުން އޭނާއަށް ފުރަތަމަ ފަހަރަށް މެސެޖެއް ކޮށްލީމެވެ. ފުރަތަމަ ފަހަރަށް ނުވެސް ދަންނަ ޒުވާނަކަށް މެސެޖް ކުރުމުން ހިތަށް ބިރުވެރި ކަން ވެސް ވަނެވެ. އެހެންނަމަވެސް އޭނާގެ ރިޕްލައި ލިބުމުން ވީ އުފާ އެއަށް ވުރެ ދެގުން އިތުރެވެ.

ފުރަތަމަކޮޅު އޭނާގެ ރިޕްލައި ލަސްވި ނަމަވެސް މަޑުމަޑުން އޭނާގެ ރިޕްލައި ތައް އަވަސް ވާންފެށިއެވެ. ދެމީޙުންގެ ދެމެދުގައި އެކުވެރިކަން ގާއިމްވިއެވެ. އަހަރެން ޑޮކްޓަރީކަން ކިޔެވުމަށްޓަކައި މެލޭޝިޔާ އަށްދާން އުޅޭކަމުގެ ހަބަރު އޭނާއަށް ދިނީ ހިތާމައާއި އެކުގައެވެ. ޑޮކްޓަރަކަށް ވުމަކީ އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނަށްވިނަމަވެސް އެ ހުވަފެން ހަގީގަތަކަށް ވުމަށް ވުރެ ބޮޑަށް އަދްޔަން އާއި ދުރަށް ދާންޖެހޭތީ ހިތުގައި އަޅަމުންދިޔަ ވޭން މާބޮޑެވެ. އަދްޔަންއަކީ އަހަރެންގެ ރަށު ކުއްޖެއްނަމަވެސް ވަޒީފާ އަދާކުރުމަށްޓަކައި އޭނާ ދިރިއުޅެނީ މާލޭގައެވެ. މެލޭޝިޔާ އަށް ދިއުމުގެ ކުރިން އެއްފަހަރު ނަމަވެސް އަހަރެން އޭނާ ދެކިލުމަށް ބޭނުންވިއެވެ. ލޯބިވާ ވާހަކަ އަދްޔަން ކައިރީ ނުބުނެވުނު ނަމަވެސް އެ އަތުގައި އެއްފަހަރު ނަމަވެސް ހިފާލުމަށް އަހަރެންބޭނުންވިއެވެ.

މެލޭޝިޔާއަށް ދިއުމުގެ ކުރިން މާލެ ދިއުމަށްފަހު އަހަރުމެން ނިންމީ މެލޭއަށް ފުރަން އޮތްރޭ ނޫން އޭގެ ކުރީ ރޭގައި ބައްދަލުކުރުމަށް ނިންމީމެވެ. މާލޭގެ "ދަ ކްލައުޑް ރެސްޓޯރެންޓް" ގެ ހިތްފަސޭހަ މާހައުލުގައި އަހަރެން ބޭރަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ ހިތުގެ ވެރިޔާ އަންނާނެ އިންތިޒާރުގައެވެ. މަޑުމަޑު ހިނގުމެއްގައި މީހަކު ކައިރި ވަމުން އަންނަ ކަހަލަ އިހްސާސެއް ވުމުން އަހަރެންގެ ހިތުގެ ތެޅުން ބާރުވެ ބިރުގަންނަން ފެށިއެވެ. ޖެހިލުންވެ ރެސްޓޯރެންޓުން ބޭރަށް ދުވެ ފިލައިގަންނަން ވެސް ހިތަށް އެރިއެވެ. ފުރަތަމަ ފަހަރަށް އޭނަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. "ޒައިނީ". އަހަރެންގެ ނަނަވެސް އަހަރެންނަށް އިވުނީ މިއުޒިކީ ރާގެއް ފަދައިންނެވެ.

އިސް އުފުލާލުމަށްފުހަ އޭނާއަށް ދިމާލުމަށްފަހު ބޯ ޖަހައިލިއެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ސަންފްލާވާރ މާބޮނޑި އަހަރެން އަތަށް ދިއްކޮށްލިއެވެ. ސަންފްލާވާރ އަކީ އަހަރެންނަށް އެންމެ ކަމުދާ އެންމެ ރީތި މަލެވެ. އެތަނަށް ވެރިވެފައިވި ހަމަހިމޭން ކަން ނަގައިލީ އެތަނަށް އައި ވެއިޓަރެވެ. ބޭނުންވާ އެއްޗަށް އޯޑަރު ދިނުމަށްފަހު ވާހަކަ ދައްކަން ފެށީ އަދްޔަނެވެ.

"ޒައި ދެންފެންނާނީ 5 އަހަރުފަހުން ދޯ ؟ ބަސްއަހައިގެން ކިޔަވާތީ އަހަރެން ޑރ. ޒައިނީ އަށް އިންތިޒާރު ކުރާނަން" މަޑުމަޑުން ހިނިތުންވަމުން އަދްޔަން ހިނިތުންވެލިއެވެ. އާހް އެ ހިނިތުންވުމެވެ. އަހަރެންގެ ހިތް މިއަދުވެސް އެ ހިނިތުންވުމަށްޓަކައި ފިދާވެއެވެ."އަހަރެން އަދްޔަން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރާނަން." އަހަރެންވެސް ބުނެލީމެވެ. މޭޒުމަތީގައި ބޭއްވިފައި އޮތް އަދްޔަން ގެ އަތުގައި ހިފާލުމަށް އަހަރެންގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. އެހެންނަމަވެސް މިފަހަރު އެންމެ ފުރަތަމަ އެކަން ކުރީ އަދްޔަންއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިލިއެވެ.

"ނެތިން ބުނާކަށް އަހަރެން ލޯބިވަމޭ އެކަމަކު އަހަރެންނަށް ޒައިނީ ވަރަށް ކަމުދޭ. އެދުވަހު ޒައި ބުނީ ޒައި ބޭނުމޭ އަހަރެން އެނގެން އަހަރެން ބޭނުން ޒައި މޭލޭއަށް ދިޔަނަމަވެސް މިހާރު އަހަރެންނަށް ޒައި އެނގޭވަރަށް ވުރެ ބޮޑަށް އެނގެން..... އަހަރެން ބޭނުން ޒައި އަންނާނެ ދުވަހަކަށް އިންތިޒާރުކުރަން.. އަދި ކުރާނަސްމެ ...މާދާމަދޯ ފުރަނީ ؟" އަހަރެން އާނ އެކޭ ބުނުމަށްފަހު ދެން ކުރިއަށް ދިޔައީ ކެއުމައިގެންނެވެ. ކައި ނިންމުމަށްފަހު ދިޔައީ ގެއަށެވެ.

ފުރާ ވަގުތު އައިސް ޖެހިއްޖެއެވެ. އެންމެންނައިވެސް ސަލާން ކޮށް ބައްދައިލީމެވެ. މިއަދުވެސް އަދްޔަން އެއާރޕޯޓަށް އައީ ސަންފްލާވާރ އެއް ހިފައިގެންނެވެ. ސަލާންކުރުމަށްފަހު މަޑުމަޑުން ބައްދައިލިއެވެ. ފުރާ ވަގުތު ޖެހި ލަސްވާން ފެށީނަމަވެސް އަހަރެން އަދްޔަން ދޫކޮށް ދިއުމަށް ބޭނުންނުވިއެވެ. އެހެންނަމަވެސް މިއަދު ދިއުމަށް މަޖްބޫރުވިއެވެ. އެންމެ ފަހު ފަހަރަށް އެއާރޕޯޓަށް ވަންނަމުން އެންމެންނާއި ދިމާލަށް އެނބުރިބަލައިލީމެވެ. އަހަރެން ރާއްޖެ ދޫކޮށް މެލޭއަށް ދިޔައީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދައި އަދްޔަން ގެގާތަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.