ފަހު ވިންދާ ޖެހެންދެން ލޯބިވާނަން (ފަހު ބައި )

މުނިފޫހިފިލުވުން

ފަހު ވިންދާ ޖެހެންދެން ލޯބިވާނަން (ފަހު ބައި)

އަލްމާ - އެހެނިހެން | 10 ނޮވެންބަރު 2022 , ބުރާސްފަތި 22:03   240

އާ ދިރިއުޅުމަކަށް ފެށީ ދެމީހުން އެކު އެކީގައެވެ. މަޖަލާއި އުފަލުން ފެށިގެންވާ އާހަޔާތެއްގެ ފެށުމާއިއެކު ހީވީ ދެމީހުންގެ ހަޔާތަށް ވެސް ބާހަރު މޫސުމެއް އައިސްގެން އުޅެހެންނެވެ. އަހަރެންގެ ހަޔާތުގެ މަގްސަދަކީ އަދި އަމާޒަކީ ވެސް މިއަދު ވެފައިވީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. ލަޔާން އަކީ ކޮންމެ އަންހެން ކުއްޖެއްވެސް އޭނާގެ ހަޔާތުގައި ފިރިއެއްގެ ގޮތުގައި ބޭނުންވާނެ ފަދަ ލޯބިވާން ދަންނަ އަންބެއްގެ އިހްސާސް ދަންނަ ފުރިހަމަ ޒުވާނެކެވެ. ކައިވެންޏަށް އަހަރެއް ވިއިރުގައިވެސް ދެމީޙުންގެ ދެމެދުގައި ޖެހޭ ކޫސަނި މައްސަލަ ނޫން އެހެން މައްސަލައެއް ނުޖެހެއެވެ. ދެބަސްވުންތަކަކީ ވެސް މާ ދިގު މުއްދަތައް ދެމިގެންދާ މައްސަލަ އެއް ނޫނެވެ.

ކައިވެންޏަށް އެއް އަހަރު ވީއިރު އަހަރެން އިނީ އަހަރުމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އެއީ އަހަރުމެން ދެމީހުންގެ ލޯބީގެ ނިޝާނެވެ. ހަމައެކަނި ނިޝާނެވެ. މާދަމާ އަހަރެން ނެތަސް ލަޔާން އުފަލުގައި ބަހައްޓާނީ އަހަރެންގެ ބަނޑުގައި މި އޮތް ތުއްތު ފުރާނައެވެ. މި ދަރިފުޅަކީ އަހަރެން ނެތް ދުނިޔެއެއްގައި ލަޔާންގެ ދިރިހުރުމުގެ ޒަރިއްޔާކަން ޔަގީނެވެ. އަހަރެން ބަނޑުބޮޑު ވީއްސުރެ ލަޔާން ހުންނަނީ އަބަދުވެސް އުފާވެފައެވެ. އަބަދުވެސް ކޮންމެވެސް މޭވާއެއް ކާއެއްޗެއް ޑިއުޓީ ނިންމުމަށްފަހު ގެނެސްދެއެވެ. ލަޔާންގެ އެދުމުގެ މަތިން ބަނޑަށް 3 މަސް ވީއްސުރެން އަހަރެން ހުރީ ނޯ ޕޭއި ލީވްގައެވެ. ދަރިފުޅަށް އަދި އަހަރެންނަށް ކަމެއް ވުމަށް ލަޔާން ނޭދޭތީއެވެ.

މީހުން ބުނާތީ އަޑުއަހަމެވެ. ކޮންމެ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެއެވެ. އެގޮތުން އަހަރުމެން ހަޔާތުގެ އުފަވެރި ދުވަސްތަކަށް ފުލް ސޮޓޮޕެއް ޖަހައި މިއަދު މިއޮތީ ހިތާމަތަކަށް މަރުހަބާ ކިޔުމުގެ ވަގުތު އައިސް ބޯމަތި ވެފައެވެ. އެކަމަކު އެއީ ހަމައެކަނި އަހަރެންނަށެވެ. އެ ހިތާމަތަށް އަހަރެން ލަޔާން އަށް ކުރިމަތިވިޔަ ދޭކަށް ބޭނުމެއް ނޫނެވެ. ލަޔާންގެ އަތުން މި އުފާތަށް ފޭރިގަންނަން އަހަރެންނަށް ކުޅަދާނަ ވާނީ ކިހިނަކުންހެއްޔެވެ.؟ އެ ހިނިތުންވުން ކަރުނަޔަށް އަހަރެން ބަދަލު ކުރާނެ ގޮތެއް އަދި ހިތްވަރެއްވެސް އަހަރެންގެ މިހަށިގަނޑަކު ނެތެވެ. އަހަރެން ބަނޑުބޮޑުވުން އެއީ އަހަރެންގެ ފުރާނަ އެއް ނުރައްކަލެއްކަން އަހަރެން ލަޔާން ކައިރީގައި ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެއީ ލަޔާން އަށް ލަޔާންގެ މިދަރިފުޅާއި އަހަރެންނާއި ދެމެދު އިހްތިޔާރު ކުރުމަށް މަޖްބޫރު ކުރުމަށް ބޭނުންނުވާތީއެވެ. އެހެންނޫނަސް ދެވަނަ ފަހަރަކު އަހަރެންނަށް މައިވަންތަ ކަމުގެ އިހްސާސް ކުރެވޭނެ ފުރުސަތެއްވެސް ނެތެވެ. އެހެންކަމުން އަހަރެންބޭނުންވީ ފުރަތަމަ ފަހަރަށް ލަޔާން އަށް ކަމެއް ފޮރުވާށޭވެ. ދެމީޙުންގެވެސް އުފަލަށްޓަކައެވެ.

އަހަރެންގައިގައި އަޅާ ވޭން ލަޔާން އަށް ފޮރުވުން އުނދަގޫވެސް ވިއެވެ. އެހެންނަމަވެސް ފޮރުވީމެވެ. ހިނިތުންވުމަކުން ކަރުނަތަށް ފޮރުވާލީ ހިތުގައި ހަރު ހިލަ އެއް ބާއްވައިގެންނެވެ. ދުވަސް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. އިސާހިތަކު މި ދިރިއުޅުމަށް އަލްވީދާ ކިޔަން ޖެހިދާނެއެވެ. އުފަތަކާއި ދުރަށް ލަޔާންގެ ލޯތްބާއި އަޅާލުމާއި ދުރަށް ދާން ޖެހޭވަގުތު ވަރަށް ކައިރިވެއްޖެއެވެ. އަހަރެން ލަޔާން އާއި ކައިވެނި ކުރި އިރު ލަޔާން އެއް ވައުދެއް ވީ މެވެ. އަހަރެންގެ އެންމެ ފަހު ވިންދާ ޖެހެންދެން ލޯބިވާނެ ފަރާތަކީ ހަމައެކަނި ލަޔާން ކަމަށް އަހަރެން ލަޔާން އަށް ވައުދު ވީމެވެ. މިއަދު މިއޮތީ އެ ވައުދު ފުއްދުމުގެ ވަގުތު ޖެހިފައެވެ. އަހަރެން ނެތިވެ ދިޔައަސް ތިހަޔާތުގައި އަހަރެންގެ ލޯބީގެ ނިޝާން ދެމިހުންނާނެއެވެ

---

ނަބާހާ އާއި ލަޔާންގެ ލޯބީގެ ނިޝާން ކަމުގައިވި 10 އަހަރުގެ ދަރިފުޅު ލަޔާނާ އެނާގެ މަންމަގެ ޑައިރީ ކިޔުމައިގެން ކުރިއަށް ދިޔައިރު ލޮލުން އޮހޮރެމުން ދިޔަ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ކުރިއަށް ގަނޑުތައް ހިއްލަމުން ދިޔައީ މަންމަގެ އިތުރު ބަސްކޮޅެއް ފެނޭތޯއެވެ. އެއީ އޭނާއާއި އާއި އޭނާގެ ދުވަހަކު ވެސް އެ މަންމަ ހަމަ ލޮލުން ދެކެފައިނުވާ މަންމަ އާއި "ކަނެކްޓް" ވުމަށް އޮތް ހަމައެކަނި ޒަރިއްޔާއެވެ. ލަޔާނާގެ މޫނުމައްޗާށް ހިނިތުންވުމެއް ވެރިވީ މަންމަގެ ޑައިރީގެ އިތުރު ސަފްހާއެއްގައި ލިޔެފައި އޮތްތަން ފެނުމުންނެވެ.

--

ދަރިފުޅާއެވެ. މަންމަގެ ކުޑަކުޑަ ލަޔާނާއެވެ. މި މަންމަ އަށް މާފު ކުރާށެވެ. ދަރިފުޅަށް މަންމަގެ އިނގީލީގައި ހިފައިގެން ފުރަތަމަ ފިޔަވަޅު އެޅުމުގެ ފުރުސަތު މި މަންމައަކަށް ނުދެވުނެވެ. ދަރިފުޅަށް މައެއްގެ ލޯތްބެއް ވެސް ނުދެވުނެވެ. އެހެންނަމަވެސް މައެއްގެ ލޯތްބާއި ބައްޕައެއްގެ ލޯބި ވަރަށް ފުރިހަމައަށް ދެވޭނެ ބައްޕައެއް ދަރިފުޅުގެ ގާތުގައި ވާނެއެވެ. ދަރިފުޅާއެވެ. ބައްޕަގެ ހާލު ރަނގަޅަށް ބަލައްޗެވެ. ބައްޕަގެ ދިރިއުޅުމުގެ ހުރިހާ އެއްޗަކީވެސް ތިއީއެވެ. ބައްޕަގެ ދިރިހުރުމުގެ މައިގަނޑު މަގްސަދަކީ ވެސް ތިއީއެވެ. ބޮޑުވެގެން ތަސައްރަފް ފުދުމުން ބައްޕައަށް ދެރަ ގޮތެއް ނަހަދައްޗެވެ. ދަރިފުޅު ދެކިލަން މަންމަގެ ނަސީބުގައި ލެއްވީ އެންމެ ފަހަރަކު އެވެ. އެ ފަހަރަކީ މަންމަގެ އެންމެ ފަހު ފަހަރު ކަމުގައިވިޔަސް އެވަރު ނަމަވެސް މި މަންމައަށް މިންވަރު ކުރެއްވީތީ މަންމަ މާތްﷲ އަށް ޝުކުރު ކުރަމެވެ. ދަރިފުޅާއެވެ. ބަސް އަހައިގެން ކިޔަވައްޗެވެ. މާމަ ދަރިފުޅަށް މަންމަގެ މި ޑައިރީ ދޭއިރު މަންމަ ވާނީ ދަރިފުޅާ އެތައް ހާސް މޭލެއް ދުރުގައެވެ. އެކަމަކު މަންމަގެ ހިތް އަދި ލޯބި ތާ އަބަދުމެ ދެމިއޮންނާނީ ދަރިފުޅާއި ބައްޕައާއި އެކުގައެވެ.

--

"ޔާނާ" ބައްޕަ ގޮވާލި އަޑަށް ޑައިރީ ލެއްޕުމަށްފަހު މާމަ އަތަށް ދިނީ ބައްޕަގެ ގާތަށް ދިއުމަށެވެ. ނަބާހާ ދުނިޔެ ދޫކޮށް ދިޔައީ ލަޔާނާ ވިހެއުމަށްފަހު 24 ގަޑިއިރުވެސް ނުވަނީހެވެ. ނަބާހާ އެންމެ ފަހު ނޭވާ ލީ ސިކުންތުއްސުރެ ލަޔާންގެ މުޅި ދިރިއުޅުން ވީ އެފުށް މިފުށަށް ޖެހިފައެވެ. އަބަދު ހިނިތުންވެފައި ހުންނަ އެންމެންނާއި ގުޅޭ ލަޔާން ވަނީ މިއަދު ހަމަހިމޭން މަޑުމައިތިރި މިޒާއްޖެއްގެ މީހަކަށް ވެފައެވެ. އޭނާ ހިނިތުންވެފައި ހުންނަތަން ފެންނާނީ ހަމައެކަނި އެނާގެ ދަރިފުޅު ލަޔާނާއާއި އެކުގައި ހޭދަކުރާ ވަގުތު ތަކުގައެވެ. ނަބާހާ ދިޔައީ ލަޔާން އަށްވި ހުރިހާ ވައުދެއް ފުއްދުމަށް ފަހުގައި ނަމަވެސް ލަޔާން އަށް އެކަމުގެ އުފާވެރިކަމެއް އިހްސާސެއް ނުކުރެވެއެވެ. ނޭވާލިޔެއްކަމަކު އެއީ ހަމަނެތް މީހެއްކަހަލައެވެ.

"ކުއްލިގޮތަކަށް މުޅި ހަޔާތުގެ ކުއްލިގޮތަކަށް ކުލަ ބަދަލުވެ ހިނގަޖެއޭ

ޔާ އިލާހީ އަޅުގެ މިހިތަށް ކެތްނުވާ ވަރު ވެއްޖެއޭ

ލޯބި ތިޔަ އެސްފިޔަތަކާއެކު ރީތި ލޯ ހުޅުވާނުހޭ

ވަކިވުމުގެ ކުރިން ލޯބިވާވަރު

ބުނެލަދޭން ކުޑަ ފުރުސަތެއް އަދު ލިބިދާނެބާއޭ

ވަކިވުމުގެ ކުރިން އެއްފަހަރުވެސް.............."

ލޯމަރާލަމުން ބާލީހުގެ ދަށުގައި ނަބާހަގެ ފޮޓޯ ބޭއްވިއެވެ. އަދި އެފޮޓޯގައި ލިޔަން ގެންގުޅުނު ގަލަން ކައިރީ ހުރި ސައިޑް މޭޒުމަތީ ބާއްވައިލަމުން ކައިރީ ގައި އޮތް ލަޔާނާގެ ކޮލަށް ބޮސްދިނުމަށްފަހު އޭނާގެ ކުޑަކުޑަ އަތުގައި ހިފައިލީ ނިދޭތޯ މަސައްކަތް ކުރަމުންނެވެ.

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.