މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި، ފުރަތަމަ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ފެންނަކަމަށް ވެސް ވިދާޅުވި

ހަބަރު

ޓެކްސް ނެގުން : ވެރިންނަށް ފަސޭހަގޮތް، ހުރިހާ ބުރައެއް ރައްޔިތުންނަށް!

ރާނިއާ - ދިވެހި ރާއްޖެ | 17 ނޮވެންބަރު 2022 , ބުރާސްފަތި 09:23   243

ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމުގެ ގޮތުން ޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރަށް ހުށަހެޅި ބިލް ވަނީ އެފޮނުވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައެވެ.

މުދަލާއި ހިދުމަތުގެ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއުއެވެ. އަދި މި ބިލާއި އެއްކޮޅަށް 55 މެންބަރުން ވޯޓު ދީފާއިވާ އިރު މިބިލް ފާސް ކުރަން ނުފެންނަ ކަމަށް 26 މެންބަރަކު ވަނީ ވޯޓު ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދް ސޯލިޚް މިބިލް ތަގުސީދުކުރެއްވުމާއި އެކު، އަންނަ އަހަރުން ފެށިގެން، މިހާރު ޖީއެސްޓީގެ ގޮތުގާއި 6 އިންސައްތަ ނަގާ މުދަލާއި ހިދުމަތްތަކަށް 8 އިންސައްތަ ޖީއެސްޓީ ނެގިގެންދާނެއެވެ. އަދި މިހާރު ޓީޖީއެސްޓީގެ ގޮތުގައި 12 އިންސައްތަ ނަގާ މުދަލާއި ހިދުމަތްތަކަށް 16 އިންސައްތަ ޓީޖީއެސްޓީގެ ގޮތުގައިވެސް ނެގިގެންދާނެއެވެ.

ޓެކްސް ބިލަށް ވޯޓަށް އަހަން ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް ތާވަލުކުރެވިފައިވި ކަމުގައިވިޔަސް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދް ނަޝީދް ވަނީ މިކަން ފަސްކޮށްފައެވެ. އަދި މިބިލަށް ވޯޓަށް އަހަން ފަސް ކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ގިނަ ފާޑުކިޔުންތަކުގެ އިތުރުން އެމަނިކުފާނު މިބިލަށް ވޯޓަށް އެހުމަށް ހުރަސް އަޅާނަމަ މަޖިލީހުގެ ރައީސް ކަމުންވެސް ވަކިކުރާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންޒާރު ދީފައެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުގެ މިހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ވެސް ތަކުރާރުކޮށް ގޮވައިލައްވާފައެވެ. އަދި ޓެކްސް އިތުރުކޮށްފިނަމަ އޭގެއިން ޓޫރިމްގެ ސިނާޢަތަށާއި އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއިމެދު ސަރުކާރުން ރަނގަޅަށް ދިރާސާކުރައްވާފައިވާކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވެސް ވިދާޅުވިއެވެ. މިބިލް ފާސްވުމާއި ގުޅިގެން ފިނޭން މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅު ދެން ސަރުކާރު ހިންގުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިކަމާއި ގުޅިގެން، ގެސް ހައުސް އެސޯސިއޭޝަނުގެ އިތުރުން، ޓުއަރ އޮޕަރޭޓަރުން އަދި ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދަށް އަދި މެދު ފަންތީގެ ޓޫރިޒަމަށް އަސަރުކުރާނެކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޓެކްސް ބޮޑުކުރަން އިދިކޮޅު ޕީޕީއެމް އަދި ރައްޔިތުން މަޖިލީހުގައި ތިއްބަވާ ނަޝީދަށް ތާއިދު ކުރާ މެންބަރުން ދިޔައީ މިބިލް ފާސްކުރެވުނު އިރު އަޑުގަދަ ކުރަމުންނެވެ. އަދި މިބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެކްސް ބޮޑުކޮށްގެން ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށް ހަރަދުތައް ހަމަޖައްސަން މަސައްކަތް ކުރާތީއެވެ.

ޓެގްސް: އިގްތިޞޯދު ޓެކްސް ދައުލަތުގެ ބަޖެޓް ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.