ޓެކް ޖަޔަންޓް އެޕަލް އިން މިހާރު ކޫޕަޓީނޯ ކުންފުނީގެ އެންމެ ބޮޑު އައިފޯން ފެކްޓްރީ ޗައިނާގެ ޖަންޖޫގައި ހުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން އަންނަނީ އެހެން ސަރަހައްދުތަކުގައި ތިބި ފެކްޓްރީތަކުގެ އައިފޯން އުފެއްދުން އިތުރު ކުރުމަށް ބަލަމުންނެވެ. އަދި އެޕަލް އިން ވަނީ އޭޝިއާގެ އެހެން ތަންތަނުގައި، ހާއްސަކޮށް އިންޑިއާ އާއި ވިއެޓްނާމްގައި އެޕަލްގެ އުފެއްދުންތައް އެސެމްބްލް ކުރުމަށް ބެލުމަށް ސަޕްލައި ކުރާ ފަރާތްތަކަށް އެދިފަ އެވެ.
އެޕަލް ޗައިނާއިން ބޭރަށް ބަދަލުވުމަށް ބާރުއަޅަމުންދާ ކަމަކީ ދާދި ފަހުން އެގައުމުގައި ހިނގި އަނިޔާވެރި މުޒާހަރާތަކުގައި އެ ކުންފުނީގެ ޖަންގްޖޫ އައިފޯން ޔުނިޓްގައި ވެސް މުޒާހަރާތައް ހިނގައިފައި ވުމުންނެވެ. އަދި މިމުޒާހަރާތަކއި ގުޅިގެން ައިފިން އުފެއްދުންތައް ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ހަމަ އެހެންމެ ޗައިނާއިން އެޕަލްގެ އައިފޯން އުފެއްދުން މަދު ކުރުމަކީ އެކުންފުނީގެ އައިފޯންތަކުގެ 40 އިންސައްތައާއި 45 އިނސައްތައާއި ދެމެދުގެ އައިފޯންތައް އިންޑިއާގާއި އުފެއްދުމަށް އޮތް ދިގު މުއްދަތުގެ އަމާޒުގެ ބައެއްވެސްމެއެވެ.
މިގޮތުން 'މޭކް އިން އިންޑިއާ' އަދި އެގައުމުގެ މެނުފެކްޗަރިން ސެކްޓަރ އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެޕަލް އިން ވަރަށް އަވަހަށް އައިޕެޑް އުފެއްދުންވެސް އިންޑިއާއަށް ބަދަލުކުރާނެ ކަމަށް ލަފާވެއެވެ. އެމެރިކާގެ ޓެކް ޖަޔަންޓްގެ އައިޕެޑް އުފައްދާ ބައެއް ކުންފުނިތައް ޗައިނާއިން އިންޑިޔާއަށް ގެންނާނެ ގޮތްތައް އިންޑިއާއިން ހޯދަމުންދާ ކަމަށް އިންޑިއާ ސަރުކާރާއި ގާތް ދެ ފަރާތަކުން ސީއެންބީސީ ކައިރީ ވަނީ ބުނެފައެވެ.
އެޕަލްއާއި އިންޑިއާގެ ސަރުކާރާއި ދެމެދު މިކަމާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވި ނަމަވެސް، ކޮންކްރީޓް ޕްލޭނެއް އަދި ހެދިފައި ނުވެއެވެ. އެ މަޝްވަރާތައް ކުރިއަށް ގޮސްފި އެޕަލްގެ ފޫޓްޕްރިންޓް އިންޑިއާގައި ފުޅާވެގެންދާނެ އެވެ.
ފޮކްސްކޮން އިން އެންމެ ފަހުގެ އައިފޯން 14 އުފައްދަން ފަށާފައި ވަނީ ސެޕްޓެމްބަރު މަހު އިންޑިއާގައެވެ. އަދި އޭގެ ފަހުން އެޕަލްގެ އެހެން ސަޕްލައިއަރެއް ކަމަށްވާ ޕެގަޓްރޯން ކޯޕަރޭޝަނުން ވަނީ މިދިޔަ މަހު އިންޑިއާގައި އެ މޮޑެލް އެސެމްބްލް ކުރަން ފަށާފައެވެ.