ރޭގައި ސިންގަޕޫރާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅެފައިވާ މެޗުން ރާއްޖެ ވަނީ އަނެއްކާވެސް 1-3 އިން ބަލިވެފައެވެ.
މެޗު ފެށުނުތާ 5 މިނެޓު ތެރޭގައި ސިންގަޕޫރުން ލީޑު ނަގައި އިލްހާން ފާންޑީ ވަނީ ގޯލެއް ކާމިޔާބުކޮށް ދީފައެވެ. އަދި މިއީ ލަޔަންސް އަށް ފާންޑީ ކާމިޔާބުކޮށްދިން އެންމެ ފުރަތަމަ ސީނިޔާ ގޯލްވެސް މެއެވެ.
ހަމްޒާ މުހައްމަދްގެ އެސިސްޓަކާއި އެކު އިބްރާހިމް މަހުދީ 15 ވަނަ މިނެޓުގައި ގޯލެއް ޖެހުމާއެކު ހިނދުކޮޅަކަށް ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ.
މިގޯލަށް ފަހުވެސް ރާއއްޖެއަށް ލީޑު ނެގުމުގެ ގިނަ ފުރުސަތުތަކެއް ލިބިފައިވި ކަމުގައި ވިޔަސް މިއިން އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން ޝަވަލް އަންވަރްގެ ގޯލާއި އެކު ސިންގަޕޫރުން އަނެއްކާވެސް ލީޑު ނެގިއެވެ. އަދި މެޗު ނިމެން 3 މިނެޓަށް ވެފައި އޮތް އިރު އިތުރު ގޯލެއް ކާމިޔާބުކޮށް މި މެޗު ސިންގަޕޫރަށް ހޯދައިދިނީވެސް ހަމަ ޝަވަލް އެވެ.
މި މެޗަކީ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުގައި ރާއްޖެ އޮތް އިރު ރާއްޖެއިން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި 5 ވަނަ މެޗުކަމަށްވެސް ފާހަގަކޮށްލެވެއެވެ.