މިއާންޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޑޫ ސިޓީގައި ހިންގާ، މިއާންޒް އިންޓަނޭޝަނަލް ސްކޫލްއިން ދުނިޔޭގެ އެކި ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަތަކަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން "ވޯލްޑް ފެސްޓިވަލް" ގެ ނަމުގައި ފެސްޓިވަލެއް ބާއްވައިފިއެވެ.
މި ފެސްޓިވަލް ބޭއްވިފައިވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 10 ން މެންދުރު 1 އަށް އެސްކޫލްގައެވެ.
މިއާންޒް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ވާހަކަދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް ނިލާންތި ޕެރޭރާ ވިދާޅުވީ، މިޙަރަކާތަކީ ފައުންޑޭޝަން ކުދިން ކިޔެވި ޚާއްސަ ތީމްއެއްގެ ދަށުން ، އެތީމް ނިންމާލުމުގެ ގޮތުން ފާހަގަ ކުރެވުނު ދުވަހެކެވެ. މިޙަރަކާތުގައި މިސްކޫލްގެ ކީސްޓޭޖް ދަރިަވަރުންވެސް ބައިވެރިވިއެވެ.
މިޙަރަކާތުގައި ދުނިޔޭގެ މަޤްބޫލު 8 ޤައުމެއްގެ ސަޤާފަތާއި އާދަކާތައް ތަމްސީލްކޮށް ދައްކާލެވިފައިވެއެވެ. އޭގެތެރޭގައި ބްރެޒިލް، ފްރާންސް، އިޓަލީ، ޕާކިސްތާން، އީރާން، މިޞްރު، ބަނގްލަދޭޝް، އަދި ދެކުނު އެމެރިކާގެ އިތުރު ޤައުމެއްކަމަށްވާ ކޮލަމްބިއާ ހިމެނެއެވެ.
ނިލާންތި އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ސަޤާފަތާއި އާދަކާދަތައް، އަދި ތާރީޚާއި ތަފާތުކަން ކްލާސްތެރޭގައި ވެސް ވަރަށް ބޮޑަށް ދަސްކޮށްދިނުމަށް މަސައްކަތްކުރެވޭކަމަށާއި، މިޙަރާތުގެ ސަބަބުން އެކަންކަން ޢަމަލީގޮތުން ތަޖްރިބާކުރުމަށް ދަރިވަރުންނަށް ފުރުޞަތު ލިބިގެންދިޔަކަމަށެވެ.
ކޮންމެ ޤައުމެއްގައި ވެސް އެބަހުރޭ އެޤައުމަކަށް ޚާއްސަ ސިފަތަކެއް. ޚާއްޞަ ކުރެވޭ ކެއުންތަކާއި އަންނައުނު ތުރުކުރުމުގައި ހުރި ވައްޓަފާޅީގެ ތަފާތުކަން. އަދި ޠާރީޚްގެ ތެރެއިން ގުޅިގެން އަންނަކަންކަން. އަޅުގަނޑުމެން ބޭނުންވޭ ލާމެހިގެން އަންނަ ދުނިޔެއެއްގައި ދަރިވަރުން މިފަދަކަންކަން ދަސްކޮށްދީ ހޭލުންތެރިކުރުމަށް.
~ ނިލާންތި ޕެރޭރާ، މިއާން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް

މިއާންޒް އިންޓަނޭޝަނަލް ސްކޫލް އައްޑޫގައި ހުޅުވުނީ 2019 ވަނަ އަހަރުއެވެ. ގިނަ ޢަދަދެއްގެ އައްޑޫގެ ދަރިވަރުން ކިޔަވަމުން އަންނަ މިސްކޫލްގައި މިހާރު ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 4 އާއި ހަމައަށް އަށް ކިޔަވައިދެއެވެ. ގްރޭޑް 4 އަށް ކިޔަވައިދޭން ފެށުނީ މިއަހަރުއެވެ. އަދި ކުރިއަށް އޮތްތަނުގައި ގްރޭޑްތައް އިތުރުކުރާނެކަމަަށް ވެސް އެސްކޫލުން ބުނެފައިވެއެވެ.
މިލިޔުމާއި ގުޅުންހުރި: