ކުނިގޮނޑުތައް ޕްލާސްޓިކް ފުޅިތަކާއި ޕްލާސްޓިކް ކޮތަޅުތަކުން ފުރިފައި

ހަބަރު

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ލިސްޓު އާ ގާނޫނުގެ ދަށަށް ބަދަލުކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 21 ޑިސެންބަރު 2022 , ބުދަ 10:02   135

ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. އަދި އެލިސްޓު ކަނޑައަޅުއްވައި އެ ލިސްޓު އާންމުކޮށްފައިވަނީ ރައީސްުލްޖުމްހޫރިއްޔާ ރޭގައި ނެރުއްވި ޤަރާރެއްގައެވެ.

މިލިސްޓު ކުރިން ކަނޑައަޅުއްވާފައި ވަނީ 1993 ގައި އުފެއްދި ތމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުންނެވެ. އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަގްސީދު ކުރެއްވި ކުނި މެނޭޖްކުރުމުގް ގާނޫނާއި އެކު މި ގާނޫނު ވަނީ އުވާލާފައެވެ.

މިގޮތުން ތިމާވެއްޓަށް ގެއްލުންދޭ 13 ބާވަތެއްގެ ޕްލާސްޓިކެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީހުތަކުން ފެށިގެން އެތަކެތި އުފެއްދުމާއި ރާއްޖޭގެ ބާޒާރަށް ނެރުން މަނާ ވާނެ ކަމަށް މިޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ލިސްޓުގައި ހިމަނާފައިވާ ބައެއް ބާވަތްތަކަށް ބަލާލާނަމަ އޭގެ ތެރޭގައި :

  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
  • 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
  • އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަށް ކުޑަ ކުރުމަށް މަސައްކަތް ކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ގޮތަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ވަނީ ނިންމާފައެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.