ހަވަނަ ޓީޗާސް ކޮންފަރެންސް ވަނީ މިއަދު ހ.ދ ކުޅުދުއްފުށީގައި ފަށާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދް ވަނީ މި ރަސްމީއްޔާތު ހުޅުވާލަ ދެއްްވާފަވެސް މެއެވެ.
މިރަސްމިއްޔާތުގައި މެޑަމް ފަޒަނާއަށް ހަނދާނީ ފިލައެއްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އަރުވާ ދީފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވަނީ މި ރަސްމިއްޔާތު ނިންމާލާއިރު ޒަމާނީ ތައުލީމާއި ބެހޭ ގޮތުން ގިނަ މައުލޫމާތުތައް ބައިވެރިންނަށް ދަސްވެ، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މަދްރަސީ ތައުލީމު ފެށުނުތާ 150 އަހަރު ވެފައި މުޅި ދުނިޔެ ބަދަލުވެފައި ވާކަން ފާހަގަކޮށް، ކޮންމެ ކުއްޖަކާއި ވެސް މިއަދު ކުރިމަތި ވާނީ ތަފާތު މަންޒަރުތައް ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
ބައެއް މީހުން ހުތުރު ކަންތައްތައް ރީތިކަމަކަށް ހަދާ. ޙަރާމްކަންކަން ޙަލާލު ކަންކަމުގެ ގޮތުގައި ދައްކުވާ. ނިޔާ އާއި އަނިޔާ އެއްގޮތް ކުރަން ދަނީ މަސައްކަތްކުރަމުން. އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަން ވަނީ ލާ މެހިފަ.
~ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހްމަދް
ފަސްޓް ލޭޑީ ވަނީ އެކަމަނާގެ ވާހަކަފުޅުގައި ކްރިޓިކަލް ތިންކިންގ ގެ މުހިންމުކަން ވެސް ފާހަގަ ކޮށްލައްވާފައެވެ. އަދި ކޮންމެ މީހަކަށް ވެސް ފުޅާކޮށް ވިސްނޭނީ އެމީހަކަށް މައުލޫމާތު ލިބިފައިވާ މިންވަރަކުން ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
ދުނިޔޭގެ އިންގިލާބީ ކިތައްމެ ބަދަލެއް އައި ކަމުގައިވި ނަމަވެސް ، އިންސާނުންނަކީ ބަދަލު ނުވާ އެއްޗެކަށް ވުމުން ދަމަހައްޓަން ޖެހޭ އަގުތަކެއް ވާކަމަށް މެޑަމް ފަޒްނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން ސްކޫލް ނިންމުމަށް ފަހު މުޖުތަމައަށް ނިކުންނަ ދަރިވަރުންގެ ގައިގައި މި އަގުތައް އަށަގެންނެވުމުގައި ތައުލީމީ ދާއިރާއިން މަސައްކަތް ކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގަތެވެ.