އައްޑޫ ސިޓީއަށް، ފެބްރުއަރީ މަހުގެ ފުރަތަމަަކޮޅު ފެށުމަށް ތައްޔާރުވަމުން އައި ދުބާޢީގެ ބަޖެޓް އެއަރލައިން، "ފްލައި ދުބާޢީ" ގެ ދަތުރުތައް އެއެއާލައިނުން ފަސްކޮށްފިއެވެ.
ފްލައި ދުބާޢީގެ ރާއްޖޭގެ ސޭލްސް އެޖެންޓެއް ކަމުގައިވާ އިނާރ މޯލްޑިވްސް އިން ބުނެފައިވަނީ ކުރިން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަށް ޝެޑިއުލްކުރި ދަތުރުތައް މިހާރު ޖޫންމަހުގެ 24 އަށް އެއާލައިނުން ފަސްކޮށްފައިވާ ކަމަށް އަންގާފައިވާކަމަށެވެ.
އިނާރމޯލްޑިވްސް އިން ބުނެފައިވަނީ މިބަދަލު ގެނެސްފައިވަނީ އިތުރަށް ދެކުނު ޓޫރިޒަމް ޕްރޮމޯޓްކުރަންޖެހޭކަމަށް ޔޫރަޕް ސަރަޙައްދުން އެއާލައިނާއި ގުޅުންހުރި ފަރާތްތަކުން ލަފާ ދީފައިވާތީ، އެމަސައްކަތް ކުރުމަށް ކަމަށް އެއެއާލައިނުން އަންގާފައިވާކަމަށެވެ.
މިހާރު ފްލައި ދުބާއީގެ އޮފިޝަލް ވެބްސައިޓްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުން ދަތުރުތައް ބާއްވާނީ ޖޫންމަހުން ފެށިގެން 9 މަސް ދުވަހަށެވެ.
ފްލައި ދުބާޢީގެ ފްލައިޓް ޝެޑިއުލް އަށް ބަދަލު ގެނެސްފައިވާއިރު، އިނާރ މޯލްޑިވްސް އިން މީގެކުރިން ބުނެފައިވަނީ ވިއްކަންޖެހޭ ޓިކެޓްތަކުގެ ބޮޑުބައި ވިކިފައިވާކަމަށެވެ. އަދި ޓިކެޓްތައް ވިއްކަމުން އައީ ޕްރޮމޯޝަނަލް ރޭޓެއްގައެވެ.
ނަމަވެސް މިހާރު، ކެއުމާއި ޗެކްޑް ބެގޭޖް ނުހިމަނާ، ދުބާއީއަށް، އެއްކޮޅު ޓިކެޓެއް އެއާލައިނުން ވިއްކަންހުރީ 400 ޔޫއެސް ޑޮލަރަށެވެ. މިއީ މާލެއިން ދުބާޢީއަށް ދިއުމާއި ދާދި އެއްއަގެކެވެ.
އަދި ކުރިން 370 ޔޫއެސް ޑޮލަރަށް ވިއްކަންހުރި ދެކޮޅުޓިކެޓްތައް ވެސް މިހާރު އެންމެ ކުޑަކޮށް ލިބެންހުރީ 570 ޔޫއެސްޑޮލަރަށެވެ. ޗެކްޑްބެގޭޖާއި، ކެއުން އަދި ޓިކެޓް ޗޭންޖް އެކްސެޕްޓްކުރާގޮތަށް ހިމަނައިފިނަމަ 690 ޔޫއެސް ޑޮލަރަށް އަރައެވެ.
