ދިވެހި ފިލްމް، ނޫރާ އަކީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ހިތްގައިމު މަންޒަރުތަކާއި އެކު ގެނެސްދޭ އައިލީ ގުޅުމުގެ ހާދިސާތަކެއްގެ މައްޗައް ބިނާކޮށް ނެރެވިގެންދާ ފިލްމެއްކަމަށް، ފިލްމް ތައްޔާރުކުރާ ގްރީން އާޓް ސްޓޫޑިއޯއިން ބުނެފިއެވެ.
ގްރީންއާޓްސް އިން އިތުރަށް ބުނެފައިވަނީ، މިފިލްމަކީ ސައްތައިންސަައްތަ އައްޑޫސިޓީގައި މަސައްކަތް ފުރިހަމަކުރަމުންދާ ފިލްމެއްކަމަށެވެ.
ފިލްމް ނިންމަން މިޓާގެޓްކުރަނީ ރޯދަމަހުގެ މެދަށްވާގޮތަށް. ކުރިން މަސައްކަތްކުރީ އަވަހަށް ނިންމަން. އެކަމަކު ކޮވިޑާއިހެދި ލަސްތަކެއް ވެގެން މިދިޔައީ. އޭގެ އިތުރުން ޑައިރެކްޓަރަށާއި ލީޑްއެކްޓަރ އަމަން ޢަލީ އަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން އިތުރު ލަސްތަކެއްވެސް ވި. ޕްރޮޑަކްޝަން މެނޭޖަރ އަލީގެ ސާޖަރީއަށް ވެސް ވަގުތުކޮޅެއް ދިޔަ. އެކަމަކު މިހާރު މިދަނީ ހުރިހާކަމެއް ރަނގަޅަށް ސެޓްވަމުން.
~ ޕްރޮޑަކްޝަން މެނޭޖަރ، އިބްރާހިމް އަލީ

ޢަލީ އިތުރަށް ކިޔާދެއްވިގޮތުގައި، މިއީ މިފަދަގޮތަކަށް، މާލެއިން ބޭރުގައި ހުރިހާ މަސައްކަތެއް ކުރެވިގެންދާ މިފަދަ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ތަރިން ހިމެނެއެވެ. އޭގެތެރޭގައި، އައިމިނަތު ނޫރާ، .މަރިޔަމް ޝަހުޒާ އަދި އަހުމަދު އަމަން އަލީ ހިމެނޭ އިރު އަރަމުން އަންނަ ތަރިންގެ ތެރޭގަ ހިމެނޭ ޖިމްޝާދު ޝަރީފު، އައިމިނަތު ވަހީދާ، އިބުރާހިމް އަލީ، މުޙައްމަދު އަޒްމީލް، ޝަމްސުއްނިސާ، ނަޖުދު އާދަމް، އަހުމަދު ރިފްއަތު، މުޙައްމަދު އަމީލް، އަހުމަދު ޝިފާއު، އަދި މުހައްމަދު މަދީން ހިމެނެއެވެ.
ފިލްމް ނޫރާގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރީ މަރިޔަމް ޝަހުޒާއެވެ. މި ފިލްމްވެގެންދާނީ ގްރީން އާރޓްސް ސްޓޫޑިއޯގެ ވެސް ފުރަތަމަ ފިލްމަށެވެ.
މިފިލްމް އުފެއްދުމަށް، އައްޑޫ ސިޓީގެ ހުރިހާ ރައްތަކުންނާއި ރައްޔިތުން އަދި ފުވައްމުލައް ސިޓީ އިންނާއި ފުވައްމުލައް ސިޓީ ކައުންސިލުން ލިބުނު އެހީތެރިކަން ފާހަގަކޮށް ގްރީންއާޓުން ވަނީ ޝުކުރުދަންނަވާފައެވެ. އަދި ވަކިން ޙާއްސަކޮަށް އައްޑޫސިޓީ ކައުންސިލް މޭޔަރ އަލީ ނިޒާރު އަދި ކައުންސިލްގެ އެންމެހައި މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކޮށް ޝުކުރު އަދާކޮށްފައިވެއެވެ.