އެސްޓީއޯއިން އާމްދަނީ އާދަޔާއި ޚިލާފު މިންވަރަކަށް އިތުރުވެފައިވާކަމަށް ބުނެ ސަރުކާރުން ފަލަ ސުރުޚީ ހަދާފައިވާއިރު، މިފަދަ ބަދަލެއް އަންނަން ޖެހުނު ސަބަބު މިހާތަނަށް މީޑިއާތަކަށް ތިލަކޮށްފައި ނުވެއެވެ.
އަދި ސަރުކާރުން ދައްކަމުން އައީ މިއީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. ނަމަވެސް، ޙަޤީގަތް އެޔާއި ޚިލާފެވެ.
ނަމަވެސް، އެކްސްޕްރެސް ނިއުސް އަށް އެނިގިފައިވާގޮތުގައި، މިފަދަ ބޮޑުކުރިއެރުމެއް އައިކަމަށް ދައްކި ނަމަވެސް އެއީ އާދަޔާޚިލާފު މާމޮޅު ވިޔަފާރިއެއްކޮށްގެން ހޯދާފައިވާ ކުރިއެރުމެއް ނޫނެވެ. އެސްޓީއޯގެ ޢާމްދަނީ ދެގުނަ ވެފައިވާކަމަށް ދައްކަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނަ ވުމާއި އެކު ވިއްކާ މުދަލުގެ ވެސް އަގު ބޮޑުވުމުންނެވެ. އަދި މި ބަދަލާއިއެކު އެސްޓީއޯ އިން ވަނީ އާދަޔާއީ ޚީލާފު މިންވަރަކަށް އެތެރެއިންނާއި ބޭރުން ލޯނުތައް ބޮޑު އިންޓަރެސްޓުގައި ނަގާފައެވެ. ހަމައެހެންމެ ޑޮލަރުގެ ދަތިކަމާއިއެކު، އެސްޓީއޯގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މަޢްލޫމާތު ލިބިފައެވެއެވެ.

ލިޔެކިޔުންތަކަށް ބަލާއިރު، ޢާމްދަނީ 2021 ވަނަ އަހަރު ކުއާޓަރެއްގައި ހުރިވަރަށްވުރެ ގާތްގަނޑަކަށް ދެގުނަ 2022 ވަނަ އަހަރު ކުއާޓަރެއްގައި އިތުރުވެފައިވެއެވެ.
މިދެންނެވި ދުވަސްވަރަކީ، ރަޝިއާ އިން ޔޫކްރޭން ހަނގުރާމަ ފަށާއި މުޅިދުނިޔޭގައި ވެސް ތެލުގެ އަގު މައްޗަށް ގޮސްފައިވާ ދުވަސްވަރެވެ.
އެސްޓީއޯ އަކީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް، ތެލުގެ ވިޔަފާރި ފިޔަވައި އެހެން ގިނަ ވިޔަފާރިތަކުން ދަނީ ގެއްލުން ވަމުންނެވެ. މީގެ ސަބަބުތަކުގެ ތެރޭގައިން ބޭކާރުގޮތުގައި ހިންގުމުގެ ޚަރަދު އިތުރުކުރަމުން ދިއުމާއި، ބޭނުންނުވާ މިންވަރަށް ވަޒީފާއަށް މީހުންލުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.