އައްޑޫ ސިޓީ "ރުއްޖެހެރަ" ސަރަޙައްދު ޕިކްނިކް އައިލެންޑަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތް ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާތީ، އަންގާރަ ދުވަހު، އެންވައިރޮންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނިކޮށް އަނެއްކާވެސް އެފަދަ އެހެން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އީޕީއޭއިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ވަނީ ދެނެގަނެވިފައެވެ.
ރަށްރަށުގެ ހޭޅިފަށާއި، އެއްގަމާއި، ފަޅާއި ފަރުތައް ޙިމާތައްކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާއިއެކު މިނިވަން ޤާނޫނީ ބާރު ދެވިފައިވާ މުއައްޞަސާ އަކީ އީޕީއެވެ. އީޕީއޭއިން އަންނަނީ މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ވެސް ކުރަމުންނެވެ.
އީޕީއޭގެ ނިންމުމުގައިވާގޮތުން 1 މާޗް 2023 ގެ ކުރިން، ޖޫރީމަނާއަށްވާ 30 މިލިއަނަށްވުރެގިނަ ރުފިޔާ އީޕީއޭއަށް، އައްޑޫ ސިޓީ ކައުންސިލުން ދައްކަންޖެހެއެވެ.

އައްޑޫސިޓީ ކައުންސިލުން މީގެކުރިން ކޮށްފައިވާ ސޯޝަލްމީޑިއާ ޕޯސްޓެއްގައި އެހެން ފަރާތްތަކަކާއި ގުޅިގެން މިމަސައްކަތް ކުރާކަމަށް ބުނެފައިވީ ނަމަވެސް، އެފަދަ އެއްވެސް މުޢާމަލާތެއް އަދި އެއްބަސްވުމެއް އެފަރާތްތަކާއިއެކު ކުރެވިފައިނުވާކަމުގެ މަޢްލޫމާތު އެކްސްޕްރެސް ނިއުސް އަށް ލިބިފައިވެއެވެ.
އަދި އެފަރާތްތަކުން ވެސް މިފަދަ ކަމެއްގައި ޝާމިލްވެފައި ނުވާނެކަމަށް ބުނެފައިވެއެވެ. އެފަރާތްތަކުން ބުނެފައިވަނީ، ރަށުތެރެ ސާފުކޮށް ބެލެއްހެއްޓުމަކީ އަބަދުވެސް ކުރަމުން އައި ކަމެއް ކަމަށާއި، ނަމަވެސް ބީޗެއް ހެދުމުގެ ޚަރަދާއި މަސައްކަތަކީ އެފަރާތްތަކަށް ޝާމިލުވެވޭ ވަރަށްވުރެ ބޮޑެތިކަންކަންކަމުން، އެއީ ހަމަޖެހޭ ވާހަކަތަކެއްކަމުގައި ނުދެކޭކަމަށެވެ.
އަދި އީޕީއޭއިން ވެސް މިކަމުގައި އެއްވެސް ސުވާލެއް އެފަރާތްތަކާއި ކޮށްފައިނުވާކަމަށެވެ.
އައްޑޫ ސިޓީ މޭޔަރ މިވަގުތު ދުބާޢީގައި ރަސްމީ ދަތުރެއްގައި ދުބާޢީއަށް ވަޑައިގެން އުޅުއްވާތީ މޭޔަރުގެ ފަރާތުން މިކަމުގައި ބަހެއް ލިބޭގޮތް ވެފައިނުވެއެވެ.
ބައެއް ކައުންސިލަރުން މަޢްލޫމާތު ދެއްވިގޮތުގައި މިކަމާއި ގުޅޭ އެއްވެސް ނިންމުމެއް ކައުންސިލުން ނިންމާފައި ނުވެއެވެ. އަދި ހުއްދައަކަށް ވެސް އެދިފައި ނުވާނެއެވެ. ނަމަވެސް، މިމަސައްކަތުގައި ބޭނުންކޮށްފައިވަނީ ކައުންސިލްގެ ވެހިކަލްތަކާއި މީހުން ކަމަށް ވެސް މަޢްލޫމާތު ދެއްވާފައިވެއެވެ.
ހިތަދޫ ކުނިކޮށި ކުރިމަތިން ބީޗެއް ހެދުމުގެ މައްސަލަ
އީޕީއޭއިން ފިޔަވަޅު އަޅާފައިވަނިކޮށް މިފަދަ އެހެން މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އަންނަނީ މިފަދަ އެހެން ބީޗެއް ހިތަދޫ ކުނިކޮށި ހުންނަ ސަރަޙައްދުގައި ވެސް ހެދުމުގެ ޢަމަލީ މަސައްކަތް ކުރަމުންނެވެ. އަދި އެމަސައްކަތް ވެސް ކުރަމުން އަންނަނީ، ކައުންސިލްގެ މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުންކޮށްގެން ނަމަވެސް، މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، މިފަދަ ކަމެއް ކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތައް އައްޑޫ ސިޓީ ކައުންސިލުން ހޯދާފައި ނުވެއެވެ.
އަދި ކުނި ކޮށި ސަރަޙައްދަކީ ދަތުރުކުރަން އުނދަގޫ ސަރަޙައްދަކަށްވެފައި، ތަޢައްޔަރުވެފައިވާ މާޙަލެއްގައި މިފަދަ ޓޫރިސްޓް ބީޗެއް ހަދަނީ ކީއްވެތޯ މީގެ ކުރިން އޮތް ރައްޔިތުންގެ ބައްދަލުވުމެއްގައި، މީހަކު ސުވާލުކޮށްފައިވެއެވެ.
ވީޑިއޯ ފުޓޭޖް : އައްޑޫގައި ޓޫރިސްޓް ބީޗެއް ހެދުމާއި ގުޅޭގޮތުން، ޢާއްމު ބައްދަލުވުމެއްގައި، އައްޑޫ މޭޔަރ ވާހަކަ ދައްކަވަނީ.