ސަރުކާރުގެ ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން 17 ޕްރިންސިޕަލަކު މެލޭޝިއާއިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ވަޒީފާއަށް ނިކުމެއްޖެއެވެ.
ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވައިފައިވަނީ، ބުރާސްފަތި ދުވަހު ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެވެ.
އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާއަކީ ތަޢްލީމު ކަމަށާއި، މިފަދަ މުނާސަބަތަކުން ވެސް އެކަން ވަރަށް ބޮޑަށް ރަމްޒުވެގެންދާ ކަމަށެވެ.
މި ޙަފްލާގައި ނައިބް ރައީސްގެ އިތުރުން ތަޢުލީމާއި ބެހޭ ވަޒީރު، ޢައިޝަތު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ ވާހަކައިގައި ވިދާޅުވީ، ޕްރިންސިޕަލުން ވާން ޖެހޭނީ މައްސަލައަކަށް ނޫން ކަމަށާއި ކަންކަމުގެ ހައްލު ހޯދާ ބަޔަކަށް ކަމަށެވެ. އަދި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުޖުތަމައުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާ އެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ޕްރިންސިޕަލުން ވާން ޖެހޭނެ ކަމަށެވެ.
2022 ވަނަ އަހަރު ސަރުކާރުން އިޢްލާންކުރި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް 18 ފަރާތެއް ފޮނުވުނެވެ. ޕްރޮގްރާމް ނިންމުމަށްފަހު ވަޒީފާ އާއި ޙަވާލުވެފައިވަނީ 17 ދަރިވަރެކެވެ.
މިހުރިހާ ބޭފުޅުންވެސް ފުރިހަމަކުރެއްވީ މެލޭޝިއާ އިންނެވެ. ޙާޞިލުކުރައްވާފައިވާ ސަނަދަކީ މާސްޓާސް އިން އެޑިއުކޭޝަން އެވެ.
އިތުރު ފޮޓޯތައް


