އަމިއްލަ ފަރާތަކުން އައްޑޫގައި ހަދާފައިވާ މިސްކިތެއް ހުޅުވައިދެއްވުމަށް ފަހު، އައްޑޫގައި އިސްލާމިކް ސެންޓަރެއް ހެދުމަށް ބަޔަކާއި ޙަވާލުކުރަނީ

ހަބަރު

"ދައުރެއްގެ ތެރޭގައި މިސްކިތް އަޅާލެވޭނީ މިވަރަށް" : މޭޔަރ ނިޒާރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 24 މާރޗް 2023 , ހުކުރު 22:01   184

އައްޑޫގައި ސަރުކާރަކުން ދައުރެއްގެ ތެރޭގައި ކަންކަންކޮށްދެވޭނެ އެންމެ ފުރިހަމައެއްކޮށް މިސަރުކާރުން ކަންކަންކޮށްދެއްވަމުން ގެންދަވާކަމަށާއި، އައްޑޫގައި ސަރުކާރުން ހަދަމުންދާ 5 މިސްކިތަކީ މީގެ އަލިގަދަ ހެއްކެއްކަމަށް އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ، އައްޑޫގައި އަމިއްލަ ފަރާތަކުން ހަދާފައިވާ މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އިސްލާމިކް މިނިސްޓަރާއި ނައިބްރައީސް ފައިސަލް ނަސީމް އާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނިޒާރު މިފަދަ މޭރުމަކުން ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް ސަރުކާރުން ވަޢްދުވެފައިވާ 5 މިސްކިތުގެތެރެއިން ޢަމަލީ މަސައްކަތް ކުރިއަށް ދަނީ އެންމެ މިސްކިތެއްގައެވެ.

ސަރުކާރުން އައްޑޫ ވަޢްދުނާމާގައި ހިމަނާފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް މިއަދާ ހަމައަށް އެއްވެސް ޢަމަލީ މަސައްކަތެއް ފެށިފައިނުވާއިރު، އެ ސެންޓަރުގެ ހަދަން މިއަދު ވަނީ ރަސްމިއްޔާތަކާއިއެކު ބަޔަކާއި ޙަވާލުކޮށްފައެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި، އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައިވަނީ، ކުރިން ސެންޓަރު އަޅަން ކަނޑައެޅި ބިން ތައްޔާރު ނުވުމާއި ގުޅިގެންނެވެ. ކުރިން މިތަން އެޅުމަށް ނިންމާފައިވަނީ، އައްޑޫ ސިޓީ ސްކެއަރ ކުރިމަތިން ހިއްކާ ބިމުގައެވެ. ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދާތީ އާއި، އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރަން ޖެހޭ ލޭންޑް ޔޫޒް ޕްލޭންތައް ނުނިމޭތީ، ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައި ނުވެއެވެ. ސަރުކާރުން މިހާރު ބޭނުން ވަނީ ދައުރު ނިމުމުގެ ކުރިން މަސައްކަތް ފެށުމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން ވަނީ މި ތަން ޢިމާރާތްކުރުމަށް ކުރީ އައްޑޫ ޕޮލިސް ޓްރޭނިންގ ސްކޫލް މިނިސްޓްރީއަށް ދައްކާފައެވެ.

ބިމުގެ ކަންކަން ހަމަ ނުޖެހޭތީ އާއި ސައި އެލޮކޭޝަން ހަދާފައި ނުވާތީ، ޢަމަލީ މަސައްކަތް ފެށޭނެއިރެއް ނޭނގޭކަމަށް ކޮންޓްރޭޓަރު މަޢްލޫމާތު ދެއްވައެވެ.

މިއީ ކުރިން 2000 މީހުންނަށް އަމާޒުކޮށް ހަދަން ނިންމާފައިވާ މިސްކިތެއް ނަމަވެސް، މިހާރު މިހާރު މިމިސްކިތް ވަނީ 1500 މީހުންގެ ޖާގައަށް ކުޑަކޮށްފައެެވެ.

މޭޔަރ ނިޒާރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، އައްޑޫގައި ވޭތުވެދިޔަ 25 ވަރަކަށް އަހަރުތެރޭގައި ވެސް އެއްވެސް މިސްކިތެއް އައްޑޫގައި ބިނާކުރެވިފައި ނުވާކަމަށާއި، ޖުމްލަ އައްޑޫގައިވާ 68 މިސްކިތުގެ ތެރެއިން، ސަރުކާރުން އަޅާ ދީފައިވަނީ އެންމެ ދެ މިސްކިތްކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ، އައްޑޫގައި ހުރި 68 މިސްކިތުގެ ބެލެހެއްޓުމާއި ހިންގުމުގެ ހުރިހާ ޚަރަދެއް ކުރަނީ އެމިނިސްޓްރީ އިން ކަމަށެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.