ހަންކެޑެ : މިއީ ސަރުކާރުން ހިންގާ މިފަދަ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓް، ޕްރޮޖެކްޓް ނިމުމުން ހިންގާނީ ކޮންބައެއްކަން ސާފުނުވޭ.

ހަބަރު

ޗައިނާއިން 145 މިލިއަން ޑޮލަރުގެ ލޯނު ނަގައި، އައްޑޫގައި ސަރުކާރުން 1041 ކޮޓަރި އަޅަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 މާރޗް 2023 , ބުރާސްފަތި 19:52 3   346

އައްޑޫގައި، މަރަދޫ ކައިރީގައި އޮންނަ 'ހަންކެޑެ' ރިސޯޓް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ބިޔަ ލޯނެއް ނަގައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާގެ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިޕްރޮޖެކްޓް ރާވައި ހިންގުމުގެ ކަންކަން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ކުންފުންޏާއިއެވެ. އެކުންފުނިން ވަނީ މިހާރު ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) ކުންފުންޏާއި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

މިމަޝްރޫޢުގެ ދަށުން 2 ގްރޭންޑް ހޮޓަލަކާއި، 2 ޑިލަކްސް ހޮޓާ، 10 ބުޓީކް ހޮޓާ، 17 ބީޗް ވިލާގެ އިތުރުން 64 ސާވިސްޑް އެޕާޓްމެންޓްސް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ޤާއިމުކުރާނެ ޚިދުމަތްތަކުގެ ތެރޭގައި ރެސްޓޯރެންޓްތަކާއި، ޝޮޕިންގ އޭރިއާތަކާއި، ވޯޓާރޕާކަކާއި، މުނިފޫހި ފިލުވުމުގެ ވަޞީލަތްތައް ހިމެނޭކަމަށް އެމްއެފްއެމްސީ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ބުނެފައިވާއިރު، މިއީ ސަރުކާރުން ހިންގާ ޓޫރިޒަމްގެ މިފަދަ އެންމެ ބިޔަ މަޝްރޫޢުއެވެ.

ސަރުންކާރުން އައްޑޫގެ ޓޫރިޒަމް ދިރުވަން މަސައްކަތްކުރުން

ސަރުކާރުން މީގެ ކުރިންވެސް އައްޑޫގައި އައްޑުގައި ޓޫރިޒަމް ދިރުވުމަށްޓަކައި ހެރެތެރެ ރިސޯޓާއި ޝަންގްރިލާ ރިސޯޓަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްފައި ވީނަމަވެސް، އޭގެއިން އެންވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވެއެވެ. ޝަންގްރިލާ ކުންފުންޏަށް ގެއްލުންވާކަމަށް ބުނެ އެތަން ހުއްޓާލާފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ހެރެތެރެ ރިސޯޓްވެސް ވަނީ ސިންގަޕޫރުގެ ކުންފުންޏަކަށް ނުއަގުގައި ވިއްކާލާފައެވެ. އަދި އެކުންފުނިން ވެސް އެތަނުގައި ހަދާފައިވާ 300 އަށްވުރެ ގިނަ ކޮޓަރީގެ ތެރެއިން ހިންގަނީ އެންމެ 100 ވަރަކަށް ކޮޓަރިއެވެ. ބާކީ ހުރި ކޮޓަރިތަށް ހުރީ ވީރާނާވާން ދޫކޮށްލެވިފައެވެ.

ޕްރޮޖެކްޓް ނިމުމަށްފަހު ހިންގާނީ ކޮންބައެއްކަން ސާފުނުވޭ

އަނެއްކާވެސް 2.2 ބިލިއަން ރުފިޔާގެ ބޭރުގެ ލޯނުގައި މިފަދަ ތަނެއް ސަރުކާރުން ތަރައްޤީކުރާއިރު، މަޒީ ތަކުރާރުވެދާނެކަމަށް ދިރާސާކުރައްވާ ފަރާއްތަކުން ދެކެވަޑައިގަނެއެވެ.

މިހާތަނަށް މިޕްރޮޖެކްޓް ނިންމުމަށްފަހު ހިންގަން ޙަވާލުކުރާނީ ކޮންބަޔަކާއިކަމެއް ސާފުވެފައިނުވެއެވެ. ސަރުކާރުން ސީދާ ޓޫރިޒަމަށް އިންވެސްޓްކޮށް ހިންގުމަކީ ސަރުކާރުން ސަރުކާރުން ވިޔަފާރިކުރަން ނިކުތުމެވެ. އެއީ ޑިމޮކްރެޓިކް އުސޫލްތަކާއި ޚިލާފު އުސޫލެކެވެ. ސަރުކާރުން ވިޔަފާރި ކުރުމަކީ ކޮމިއުނިޒަމްގެ އަސާސެކެވެ. ސަރުކާރަކީ ކުރާ ވިޔަފާރިތަކުން ޓެކްސް ނަގައިގެން ދައުލަތް ހިންގަން ތިބޭ ބައެކެވެ. އެހެން މިއީ އަނެއްކާވެސް ޝަންގްރިއްލާގެ އިތުރު ބޮޅެއްކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

ޝަންގްރިއްލާ ހެދިއިރު ވެސް އޭގެ ނާޖާއިޒު ފައިދާ ލިބިގެން ދިޔައީ ސަރުކާރުގެ ބާރުގަދަ ދެތިން ވަޒީރެއްގެ ޖީބަށެވެ.

ޓެގްސް: އައްޑޫގެ ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.