މާލޭގެ ސްކޫލެއްގެ ބޭރުންގައި ދަރިވަރުންތަކެއް، ވަޒީފާ އަދާކުރުން ވެސް މަނާކޮށްފައިވޭ

ހަބަރު

ސްކޫލްކުދިން ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅޭނަމަ ހަރުކަށި ފިޔަވަޅު އަޅަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޭޕުރިލް 2023 , ހޮނިހިރު 12:47 2   450

ސްކޫލްކުދިން ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިއެއްގެ ހުއްދައާއި ނުލައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީ އިން ބުނެފައިވަނީ، ރޭގަނޑު 10 ގެ ފަހުން އެއްވެސް ދަރިވަރަކަށް ގެއިން ބޭރުގައި އުޅެވޭނީ ބެލެނިވެރިއެއްގެ ހުއްދައާއިއެކު ކަމަށެވެ.

މިޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވާއިރު، 10 ގެ ފަހުން ބޭރުގައި އުޅޭ ދަރިވަރުން ހޯދައި، މިނިސްޓްރީގެ ބިހޭވިއާ މެނޭޖްމެންޓް ޕޮލިސީގެ ދަށުން ފިޔަވަޅުއަޅާނެކަމަށް ބުނެފައިވެއެވެ.

މިޤަވާޢިދުގެ އިތުރުން ތަޢްލީމީ ބޭނުމަށް ހިންގޭ ތަމްރީން ޕްރޮގްރާމްތައް ފިޔަވައި 16 އަހަރުން ދަށުގެ ކުދިން ވަޒީފާތަކަށް ނިކުތުން ވެސް މަނާކޮށްފައިވެއެވެ. މިޤަވާޢިދުތައް ހަދާފައިވަނީ، ދަރިވަރުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުތައް ހަރުދަނާކުރުމަށް ކަމަށާއި، ޤަވާއިދުތައް ހަދާފައިވަނީ، މިނިސްޓްރީއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުންކަމުގައި ވެސް ބުނެފައިވެއެވެ.

އެހެން ޤައުމުތަކުގައި އޮންނަނީ ކިހިނެތް

މިކަމާއި ގުޅޭގޮތުން އެކްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވަމުން ތަޢްލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ މިއީ ރަނގަޅު ހެޔޮ ބަދަލެއްކަމަށްވުން އެކަށީގެންވާކަމަށެވެ.

މިގޮތުން އަވަށްޓެރި ގިނަ ޤައުމުތަކުގެ އިތުރުން، ބައެއް ތަރަޤީވެފައިވާ ޤައުމުތަކުގައި ވެސް މިފަދަ އުސޫލުތަކަށް ޢަމަލުކުރަމުން އަންނަކަމަށެވެ. މިގޮތުން ސިންގަޕޫރުގައި ވެސް ސްކޫލްކުދިން ސްކޫލް ދުވަސްތަކުގައި ރޭގަނޑު 10.30 ގެ ފަހުން އަދި ބަންދު ދުވަސްތަކުގައި 11.30 ގެ ފަހުން ބޭރުގައި އުޅުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

އަވަށްޓެރި އިންޑިއާގައި އެކި ސްޓޭޓްތަކުގައި ޢަމަލުކުރަނީ އެކި އުސޫލްތަކަށެވެ. ކެރަލާ ސްޓޭޓްގައި ރޭގަނޑު 10ގެ ފަހުން ސްކޫލް ކުދިންނަށް ކާފިއު ހިންގާއިރު، ދިއްލީގައި ވެސް ރޭގަނޑު 9ގެ ފަހުން ދަރިވަރުން ބޭރުގައި ނޫޅެވެއެވެ.

ފިންލޭންޑު ފަދަ ޤައުމުތައް ހިމެނޭހެން ނުރަސްމީކޮށް ޔޫރަޕްގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ވެސް 13 އަހަރުން ދަށުގެ ދަރިވަރުންނަށް ރޭގަނޑު 7.30 ގެ ފަހުން އަދި ބޮޑެތި ދަރިވަރުންނަށް 9.00 ގެ ފަހުން ކާފިއު ހިންގައެވެ.

ނިދި މަދުވުމުގެ މައްސަލައަށް ޙައްލު، މައިންބަފައިންގެ ހިތަށް ފިނިކަން

ތަޖުރިބާކާރުން ދެކެވަޑައިގަންނަވާގޮތުގައި ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ދަރިވަރުންނަށް ހިންގާ ކާފިއުގެ ސަބަބުން, އެއްގޮތަކަށް ވަކި ގަޑިއެއްގައި ނިދުމުގެ ޝެޑިއުލް އަށް ހިތްވަރު ދެވެއެވެ.

އެއްގޮތަކަށް ނިދުމުގެ ޝެޑިއުލް އާއި އެކަށީގެންވާ ނިދި ލިބުމަކީ ދަރިވަރެއްގެ ސަމާލުކަން ދިނުމާއި، އުނގެނުމާއި، މައުލޫމާތު ހިފެހެއްޓުމުގެ ގާބިލްކަން ރަނގަޅުކޮށްދޭ ކަމެކެވެ.

ކާފިއު ކަނޑައެޅުމަކީ ވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވަކި ވަގުތަކަށް ދަރިވަރުން ގޭގައި ތިބެން ލާޒިމުކޮށްގެން، ދަރިފުޅު ސަލާމަތުން ގޭގައި ހުރިކަން އެނގިގެން މައިންބަފައިންނާއި ބެލެނިވެރިންނަށް ހަމަޖެހުމެއް ލިބިގެންދިއުން ވެސް މަންފާތަކުގެ ތެރޭގައި ހިމެނެއެވެ.

ޓެގްސް: ތަޢްލީމް ސްކޫލްތަކުން ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.