އިނގިރޭސިވިލާތުގެ ބިލިއަނަރު ސަރ ރިޗާޑް ބްރެންސަންގެ ރޮކެޓް ކުންފުނި ވާޖިން އޯބިޓް އިތުރަށް އިންވެސްޓްކުރާނެ ފައިސާ ހޯދުމަށް ކުރަމުންއައި މަސައްކަތް ނާކާމިޔާބުވުމުން އެކުންފުނިން ބަނގުރޫޓުވުމަށް ހުށަހަޅައިފި އެވެ.
މިހުށަހެޅުން ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުގައެވެ.
މީގެ ހަފްތާތަކެއް ކުރިން ސެޓެލައިޓް ލޯންޗް ކުންފުނިން އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް އެ ވިޔަފާރި ގަންނާނެ މީހަކު ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް މީގެ ކުރިން ބްރެންސަން ބުނެފައިވެއެވެ.
ކެލިފޯނިއާގައި ހުންނަ އެ ކުންފުނިން މިދިޔަ ހަފްތާގައި ވަނީ 750 މީހުންގެ ވަޒީފާގެ ތެރެއިން %85 ކުޑަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.
މިއަހަރުގެ ކުރީކޮޅު ވާޖިން އޯބިޓް ރޮކެޓެއް، އިނގިރޭސިވިލާތުގެ ބިމުން، ފުރަތަމަ ފަހަރަށް ފޮނުވާލުމުގެ މަސައްކަތް ކުރިނަމަވެސް އެމަސައްކަތް ފުރިހަމަ ކުރެވިފައި ނުވެއެވެ. އެމަސައްކަތް ނާކާމިޔާބުވީ ރޮކެޓް ފިއުލް ފިލްޓަރެއް ޑިސްލޮޖްވެ، އެއް އިންޖީނު ހޫނުވުމުންނެވެ.
ވާޖިން އޯބިޓްގެ ވެރިޔާ ޑޭން ހާޓް ވިދާޅުވީ އެކުންފުނީގެ މާލިއްޔަތު ހައްލުކޮށް އިތުރު ފައިސާ ހޯދުމަށް "ބޮޑު މަސައްކަތެއް" ކުރި ނަމަވެސް "އާޚިރުގައި ވިޔަފާރިއަށް އެންމެ ރަނގަޅު ކަމެއް ކުރަން ޖެހޭ" ކަމަށެވެ.
2017 ވަނަ އަހަރު އުފެދުނު ވާޖިން އޯބިޓް އަކީ ސަރ ރިޗާޑްގެ ސްޕޭސް ޓޫރިޒަމް ކުންފުނި ވާޖިން ގެލެކްޓިކްގެ ސްޕިން އޮފް އެކެވެ.
މިކުންފުނިން ޖައްވަށް ސެޓެލައިޓްތައް ފޮނުވުމަށް މަސައްކަތްކޮށްފައިވަނީ ބޮއިންގް 747 ބޯޓުތައް ބޭނުންކޮށްގެން އެބޯޓުތަކުގެ ދަށުން ރޮކެޓްތައް ފޮނުވާލުމަށެވެ.
ސަރ ރިޗަޑް އަކީ ވިޔަފާރީގެ ބާޒާރުފުޅާކޮށް ސެޓެލައިޓް ފޮނުވާލުމާއި ވިޔަފާރި ދަތުރުފަތުރު ކުރިއަރުވަން މަސައްކަތްކުރާ ވަރަށް މަދު ބިލިއަނަރުންގެ ތެރެއިން އެކަކެވެ.
ދެންތިބި މީހުންގެތެރޭގައި އޭނާގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިން އުފެއްދި އޮންލައިން ރީޓެއިލާ އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ އިތުރުން ޓްވިޓާ އާއި ސްޕޭސްއެކްސް އުފެއްދި ޓެސްލާގެ ވެރިޔާ އެލޮން މާސްކް ހިމެނެ އެވެ.