ތިންދުވަސް ކުރިން ރޯވާންފެށި އައްޑޫ ކުނިކޮށީގައި އަދިވެސް އަލިފާން ނިއްވާނުލެވޭ

ހަބަރު

އައްޑޫ ކުނިކޮށީގައި ރޯވިތާ 3 ވަނަ ދުވަސް، އީޕީއޭއިން ބުނީ މޮނިޓާރ ކުރަމުންދާކަމަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 އޭޕުރިލް 2023 , ބުރާސްފަތި 08:12   391

އައްޑޫ ކުނިކޮށީގައި އަލިފާން ރޯވާން ފެށިތާ ތިން ދުވަސްވެފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް ކަމާއިގުޅޭ އިދާރާތަކުން ކުރަމުންނުދާތީ އާއްމުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ފުރަތަމަ ރޭ 12 ޖެހުމާއި ހަމައަށް، މަގު ބަންދުކޮށް ކޮންމެވެސް ވަރަކަށް އެންއެންޑީއެފް އަދި ފުލުހުންގެ ވެހިކަލްތަކުން ފެންއަޅައި ހެދިތަން ފެނުނު ނަމަވެސް، ފަހުން ފެނުނީ އެއްކޮށް މަސައްކަތް ހުއްޓާލައި އެންމެން ކަހަލަ ގޮތަކަށް ގެއަށް ވަންތަނެވެ.

ފާއިތުވެ ދިޔަ ދެދުވަހު ވެސް، ޢާއްމުންނަށް ދުމުގެ އިންޒާރުދިނުން ފިޔަވައި ކަމާއިގުޅޭ އިދާރާތަކުގެ މާބޮޑު ޙަރަކާތެއް ފެނިފައިނުވެއެވެ.

މިކަމާއި ގުޅިގެން ޢާއްމުންގެ ގިނަ ބަޔަކު މިހާރު އަންނަނީ ޝަކުވާކުރަމުންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި ފުލުހުންނާއި ސިފައިން މިފަދަ ރައްޔިތުންނާއި ގުޅުހުރިކަމެއްގައި ޢަމަލުކުރަންޖެހޭގޮތަށް ޢަމަލުކޮށްފައި ނުވާކަމަށެވެ.

މެދުކެނޑުމެއް ނެތި އެކިޒާތުގެ ގޮވުންތަކުގެ އަޑާއިއެކު އަރަމުންދާ ކަޅުކުލައި ބޯދުމުން އެސަރަޙައްދުގައި މަސައްކަތް ކުރާ އެތައް ރައްޔިތުންނަކަށާއި، މަގު ހުރަސްކުރާ އައްޑޫގެ އެތައް ރައްޔިތުންގެ ސިއްޙަތައް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އެބައޮތެވެ. އަދި އެސަރަޙައްދުގައި ދިރިއުޅޭ ދޫނި ސޫފާސޫފިތަކަށް ވެސް ދުމުގެ އަސަރުތައް ދަނީ ކުރަމުންނެވެ.

އައްޑޫ އަކީ ރާއްޖޭގެ އެހެން ސަރަޙައްދުތަކާއި އަޅާ ބަލާއިރު ޙިމާޔަތް ކުރެވިފައިއޮތް ބޮޑު ސަރަޙައްދެއް އޮތްތަނެކެވެ.

"ހިމާޔަތް ކުރިއަކަސް ނުފުދޭ. އީޕީއޭ އަށް ވެސް އެނގޭ ހަމަ އެކަނި ކަމަކީ ފަރަށް ލިބޭ ގެއްލުން ބެލުން. ދެން ރުއްގަސް ކަނޑާވަރު ބެލުން. އަޅެ މިއީ، ވެސް ތިމާވެއްޓެއް ނޫންބާ؟ މިކަމުން ލިބެމުންދާ ގެއްލުން ބަލާނެ ބަޔަކު ނެތް. ހަމަ އަލިފާންގަނޑު އޭގެ ޒާތުގައި ނިވޭނެކަމަށް ބަލައި ހަމަ އެހެން ބާއްވާފައި އެއޮތީ. ބައެއް މީހުން ބުނޭ، ބުނޭ ގަސްތުގައި ބަޔަކު ކުރާކަމެކޭވެސް." އެތަނުން ދިމާވި މީހަކު ކިޔައިދިނެވެ.

އެކްސްޕްރެސް ނިއުސްގެ ފަރާތުން އެތަނުން ފެނުނު ބައެއް ފުލުހުންނާއި ސުވާލުކުރުމުން ބުނީ، އަލިފާންގަނޑު އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށާއި މުޅިތަނަށް ފެތުރެމުންދާކަމަށެވެ.

މިކަމާއި ގުޅިގެން އީޕީއޭ އާއި ގުޅުމުން ބުނެފައިވަނީ، ބޯދުން އެރުމުގެ މައްސަލަތައް ބެލުމަކީ އެތަނުގެ މެންޑޭޓްތެރޭގައި ހިމެނޭކަމަކަށް ވާތީ މޮނިޓާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް، ކުރަމުންދަނީ ކޮން މަސައްކަތްތަކެއް ކަމާއި، އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލް ދެއްވާފައިނުވެއެވެ.

ޓެގްސް: އީޕީއޭ އަލިފާނުގެ ޙާދިޝާ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.