ޝަރަފުއްދީން ސްކޫލުން ބާއްވާ 'ރަން' އެއް މިއަދު ހަވީރު އޮންނާނެކަމަށް އެސްކޫލުން ބުނެފިއެވެ.
އެކްސްޕްރެސް ނިއުސްއަށް މަޢްލޫމާތު ދެއްވަމުން އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މަޒްކޫރާ މޫސާ ދީދީ ވިދާޅުވީ މިރަން އަކީ ބައިނަލްޢަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އެސްކޫލުން ބާއްވާ ޙަރަކާތެއްކަމަށެވެ.
މިރަން ފެށޭނީ ބުރާސްފަތި ދުވަހުގެ ހަވީރު 4 އިން ޝަރަފުއްދީން ސްކޫލް ކުރިމަތިންނެވެ. އަދި ނިމޭނީ ހަވީރު ހަޔެއް ޖަހާއިރު ހަމަ އެސްކޫލް ކުރިމަތިންނެވެ.
މިއީ ހަމައެކަނި ރަންއެއް ނޫން. މިއީ ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދިނުމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތެއް ވެސްމެ. އަޅުގަނޑުމެން މިވަކާލާތު ކުރަނީ ކުޑަކުދިންގެ ޙައްޤުތައް އަދާކުރުމުގައި އިޙްމާލުނުވުމަށް. އަދި ޒިންމާދާރުވުމަށް. ދެން، މިޙަރަކާތުގެ ތެރޭގައި ޖުމްލަ ތިން ކުލަ ސްޓޭޝަނަކުން ކުލަވެސް ޖަހާނެ. ކުޑަކުދިންނަށް އުފާކޮށް މަޖާކޮށްލެވޭނެ އިވެންޓަކަށް މިއިވެންޓްވާނެ.
~ މަޒްކޫރާ މޫސާ ދީދީ
މަޒްކޫރާ އިތުރަށް ވިދާޅުވީ މިޙަރަކާތަކީ އައްޑޫގެ ވަރަށްގިނަ މުއައްސަސާތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ޙަރަކާތެއްކަމަށެވެ.
