އައްޑޫސިޓީ - ބިލަބޮންގ ސްކޫލުން ބާއްވާ ސްޓެމް-ފެއާ ހުކުރު ދުވަހު އޮންނާނެކަމަށް އެސްކޫލުން ބުނެފިއެވެ.
ސްޓެމް ފެއާ އަކީ ސައިންސާއި ޓެކްނޮޖީގެ އަދި އިންޖިނިއަރިން ކުރިއެރުންތަކާއި އުފެއްދުންތައް ތަމްޞީލްކޮށް ތަޖުރިބާކޮށްލުމަށް ބޭއްވޭ ފެއާއެކެވެ.
ބިލަބޮންގ ހައި އަދި ކެންގަރޫ ކިޑްސް ސްކޫލްގެ ޕްރިންސިޕަލް މޮހްސިނާ މިރްޒާ އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ، މިޙަރަކާތް އޮންނާނީ ހުކުރުދުވަހުގެ ހަވީރު 3 ޖަހާއިރު އައްޑޫސިޓީ ހިތަދޫގައި ހުންނަ އެސްކޫލްގެ ހޯލްގައި ކަމަށެވެ.
އަޅުގަނޑުމެންގެ މިފެއާގައި ސައިންސާއި ޓެކްނޮލޮޖީގެ އުފެއްދުންތެރި އަދި އީޖާދީ އެތައް ޕްރޮޖެކްޓެއް ޝޯކޭސްކުރާނެ. ދެން މިސެޝަންތައް ގެންދާނީ ސުވާލުކޮށް މަޢްލޫމާތު އޮޅުފިލުވޭގޮތަށް އިންޓަރޭކްޓިވްކޮށް. ބޭނުމަކީ ދަރިވަރުންގެ އީޖާދީ ވިސްނުން ވަރުގަދަކުރުމާއި، އިންސްޕަޔާރކުރުން، އަދި އެޑިއުކޭޓްކޮށްދިނުން. ރޮބޯޓިކްސް އަދި ޑްރޯން ޓެކްނޮޖީގެ އެކްޕެރިމެންޓަލް ޕްރޮޖެކްޓްތައް މިފެއަރއިން ފެނިގެންދާނެ. މިއީ ދަރިވަރުންގެ މުސްތަޤްބަލުގެ ކެރިއަރތަކާއި ގުޅޭކަންކަން އަމިއްލަ އަތުން ތަޖުރިބާކޮށްލަން ލިބޭ ފުރުޞަތެއް.
~ މޮހްސިނާ މިރްޒާ
މޮހްސިނާ އިތުރަށް ވިދާޅުވީ މިފުރުޞަތަކީ ދަރިވަރުންނާއި ޓީޗަރުންނަށް މިފަދަ ޓެކްނޮލޮޖީތަކުގެ ތެރެއަށް ވަދެގަނެ އަހުލުވެރިވުމަށް ހުޅުވޭދޮރެއްކަމަށާއި، އެހެންކަމުން އައްޑޫގެ ހުރިހާ ސްކޫލެއްގެ ހުރިހާ ދަރިވަރުން ވެސް މި ފެއާރ ޒިޔާރަތްކޮށްލުމަކީ މުހިއްމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

