އިންފޮމޭޝަން ކަމިޝަނަރާއި އެކަމިޝަންގެ ބޭފުޅުން، އަދި ޓްރާންސްޕޭރެންސީ ގެ ބޭފުޅުން ސެޝަންތައް ކުރިއަށް ގެންދަވަނީ

ހަބަރު

ޓްރާންޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނާއި ގުޅޭ ވޯކްޝޮޕެއް ފަށައިފި

އާފް - ކ. މާލެ | 25 މާރޗް 2022 , ހުކުރު 10:38   287

ޓްރާންޕޭރެންސީ މޯލްޑިވްސްގެ (TI) ފަރާތުން، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު (މަހޯލި) ޕްރެކްޓިޝަނަރސް ވާރކްޝޮޕް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.

ކ. ދިއްފުށީ އަރާމު ހޮލިޑޭ އެންޑް ސްޕާގެ ކޮންފަރެންސް ހޯލުގައި މިއަދުން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 30 ބައިވެރިން ބައިވެރިވެއެވެ. މިޕްރޮގްރާމް ކުރިއަށް ދަނީ ދެދަންފަޅިޔަކަށް ބަހާލައިގެން ހެނދުނާއި މެންދުރު ފަހުގެ ވަގުތުތަކުގައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަންނީ މާހިރުން ބައިވެރީންނަށް މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނެއެވެ.

އިންފޮމޭޝަން ކޮމިޝަން (ICOM) ގެ ފަރާތުން އިންފޮމޭޝަން ކަމިޝަނަރ އާހިދް ރަޝީދު އާއި އެއޮފީހުގެ ފަންނީބޭފުޅުން ގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭފުޅުންނާއި ކޮމަންވެލްތް ހިއުމަން ރައިޓްސް އިނީޝިއޭޓިވްގެ (CWHRI) ފަރާތުން ވެންކަޓޭޝް ނަޔަކް ބައްދަލުވުމުގެ ބައިވެރީންނަށް އަގުހުރި މަޢުލޫމާތު ތަކެއް ފޯރުކޮށްދެއްވާނެއެވެ.

2014 ވަނަ އަހަރު ވުޖޫދުވެގެންއައި މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (މަހޯލި) ބުނާގޮތުން ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ހަމަކޮންމެ ފަރާތަކަށް އެއިދާރާއަކުން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު، ދިނުމަކީ އެއިދާރާއެއްގެ ޤާނޫނީ ޒިންމާއެކެވެ. އަދި ދައުލަތުގެ ކޮންމެ އިދާރާއަކުން އެއިދާރާއަކުން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު ފޯރުކޮށް ދިނުމަށް އިންފޮރމޭޝަން އޮފިސަރ (IO) އެއް ކަނޑައަޅަންވާނެއެވެ. އަދި އެފަދަ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ފޯރމް އައިކޮމް ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ދައުލަތުގެ އިދާރާކަށް މަޢުލޫމާތު ހޯދުމަށް އެދި ފޯރމް ހުށަހަޅާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭ އިންފޮމޭޝަން އޮފިސަރު ޖަވާބުދާރީ ވާން ވާނެއެވެ.

މިކަމާއި ގުޅިގެން އިތުރަށް ޢަމަލުކުރާނެގޮތް މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (މަހޯލި) ގައި ބަޔާންވެގެންވެއެވެ. މި ޤާނޫނުގެ އިތުރުން މިކަމާއި ގުޅޭ މަޢުލޫމާތު އިންފޮމެޝަން ކަމިޝަނަރގެ އޮފީސް (އައިކޮމް)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.