ސްކޫލްތަކުގެ ވާދައިގެ ތައްޓަށްކުޅެވޭ ވެންއޫދު 15 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމި، ސެމީ ފައިނަލްގެ މެޗްތައް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މޭ 8 ގައި ފެށި ފޯރިގަދަ މި މުބާރާތުގައި 9 ޓީމަކުން ބައިވެރިވެ މިހާތަނަށް ޖުމްލަ 16 މެޗް ކުޅެފައިވޭ. އެއީ ގްރޫޕް އޭ ގެ 9 މެޗާއި ގްރޫޕް ބީ ގެ 7 މެޗެވެ.
ގްރޫޕް އޭ ގެ 1 ވަނަ ޓީމެއްގެ ގޮތުން މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ޝަރަފުއްދީން ސްކޫލް އެވެ. އަނެއް ކޮޅުން ބައްދަލުކުރާނީ ގްރޫޕް ބީ ގެ 2 ވަނަ ހިތަދޫ ސްކޫލް އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 19 މޭއި ވާ ހުކުރުދުވަހުގެ ހަވީރު 4:00 ގައެވެ.
ސެމީ ފައިނަލްގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ 1 ވަނަ އަށް އައި ސީނު އެޓޯލް ސްކޫލާއި، ގްރޫޕް ބީ ގެ 2 ވަނަ އަށް އައި ފޭދޫ ސްކޫލެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20 މޭ ވާ ހޮނިހިރުދުވަހުގެ ހަވީރު 4:00 ގައެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ 22 މޭ ވާ ހޯމަދުވަހުގެ ހަވީރު 4:00 ގައެވެ.


އިތުރު މަޢްލޫމާތު
މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.
މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.