ޗައިނާއަށް މިކުރިއެރުން ހޯދުނީ ރަޝިއާއަށް ބޭރުކުރާ ކާރުތައް އިތުރުވުމާއި، އިލެކްޓްރިކް ކާރަށް އޮތް ޑިމާންޑް ބޮޑުވުމުން

ވިޔަފާރި

ޖަޕާނު ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ ބޮޑު ކާރު އެކްސްޕޯޓްކުރާ ގައުމެއްގެ ގޮތުގައި ޗައިނާ

އަލީ އަޒްޔަން - ދުނިޔެ | 21 މެއި 2023 , އާދީއްތަ 09:57   387

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު ކާރު އެކްސްޕޯޓްކުރާ ގައުމަކަށް ޗައިނާ ވެއްޖެއެވެ.

މިދިޔަ ހަފްތާގައި އާންމުކުރި ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި ޗައިނާއިން 1.07 މިލިއަން އުޅަނދު އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު %58 އިތުރު އަދަދެކެވެ.

ހަމައެއާއެކު ޖަޕާނުގެ އުޅަނދު އެކްސްޕޯޓް 954،185 އަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %6 އިތުރުވުމެވެ.

ޗައިނާގެ އެކްސްޕޯޓް ކުރިއަރާފައިވަނީ އިލެކްޓްރިކް ކާރުތަކަށް ޑިމާންޑް އިތުރުވުމާއި ރަޝިޔާއަށް ކާރުވިއްކުން ގިނަވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ޗައިނާއިން ވަނީ ޖަރުމަނު ފަހަތަށް ޖެހި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކާރު އެކްސްޕޯޓްކުރާ ގައުމަކަށް ވެފައެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ޗައިނާއިން 3.2 މިލިއަން ވެހިކަލް އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުން 2.6 މިލިއަން ވެހިކަލް އެކްސްޕޯޓްކޮށްފައިވެއެވެ.

އިލެކްޓްރިކް ކާރުތައް ހިމެނޭ ގޮތަށް ނިއު އެނާޖީ ވެހިކަލް (އެންއީވީ) ގެ ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓް ކުރި މިންވަރު މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު %90 އަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ.

ޓެސްލާގެ ޗައިނާ ވިންގް، އެމްޖީ ބްރޭންޑްގެ ވެރިޔާ އެސްއޭއައިސީ އާއި އެމެރިކާގެ ވެޓެރަން އިންވެސްޓަރު ވޮރެން ބަފަޓްގެ ތާއީދު އޮންނަ ބީއައިޑީ އަކީ ޗައިނާއިން އެންއީވީ އެންމެ ގިނައިން އެކްސްޕޯޓްކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުނި އެވެ.

އީލާން މާސްކްގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިން ޝަންހާއީގައި ބޮޑު އުފެކްޓްރީއެއް ހަދާފައިވާއިރު، އެތަނުން ޖަޕާނާއި ޔޫރަޕް ފަދަ ސަރަހައްދުތަކަށް އެކްސްޕޯޓް ކުރެ އެވެ.

ޓެސްލާގެ 'ގިގަފެކްޓްރީ' އިން މިހާރު އަހަރަކު 1.25 މިލިއަން އުޅަނދު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ފެކްޓްރީއަކަށް ވާއިރު، ކެޕޭސިޓީ އިތުރަށް އިތުރުކުރުމަށް އެކުންފުނިން ރާވަމުން އަންނަ ކަމަށް ވެސް ބުނެފައިވެެއެވެ.

އަދި މިދިޔަ މަހު ވަނީ ކެނެޑާއަށް އެކްސްޕޯޓް ކުރުމަށް މޮޑެލް ވައި ސްޕޯޓް ޔުޓިލިޓީ ވެހިކަލްތައް އުފައްދަން ފަށާފައެވެ.

ހުޅަނގުގެ ގައުމުތަކުން މޮސްކޯއަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު، ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއަށް ޗައިނާއިން އެކްސްޕޯޓްކުރާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

ޓެގްސް: ޗައިނާ އިލެކްޓްރިކް ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.