މިދިޔަ މަހު ހުޅުމާލޭގައި ހުޅުވި ރެސްޓޯރެންޓުގައި ޚިދުމަތްދޭން ތިބި މުވައްޒަފުންތަކެއް – ފޮޓޯ/ މުޙައްމަދު ޝާން ޢަބްދުއްﷲ

ހަބަރު

ބޭރުގެ ފްރާންޗައިޒް ރެސްޓޯރެންޓްތަކުން ރާއްޖޭގައި ރަސްކަންކުރަނީ، ދިވެހިންނަށް އޮތީ ކޯޗެއް

މުޙައްމަދު ޝާން ޢަބްދުއްﷲ - ކ. މާލެ | 28 މާރޗް 2022 , ހޯމަ 22:03 1   963

ދިވެހި ފަސްގަނޑުގައި ބޭރުގެ ރެސްޓޯރެންޓް ޗޭނެއްގެ ގޮތުގައި ތަޢާރަފްވީ މެލޭޝިއާގެ މޭރީ ބްރައުން ރެސްޓޯރެންޓް ޗޭން ހުޅުވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވި ޙަފްލާއެއްގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރާއްޖޭގައި ބޭރުގެ އެތައް ރެސްޓޯރެންޓް ވަނީ ރާއްޖެ އައިސް އެމީހުންގެ ވިޔަފާރި ފުޅާ ކުރަން ފަށާފައެވެ.

މިގޮތުން ރާއްޖޭގައި މިވަގުތު ހިންގަމުންދާ އިތުރު ރެސްޓޯރެންޓްތަކުގެ ތެރޭގައި ބާރގާރކިންގ، ދަ ކޮފީ ކްލަބް، ޕިއްޒާ ހަޓް، ކޭއެފްސީ، އަދި ތައި އެކްޕްރެސް، ޑައިރީ ކުއީން، ހާވެސްޓްމާކެޓް، އަދި ޑޯމް ހިމެނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުލޭ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ދިވެހި ކުންފުންޏަކުން ހިންގަމުން އައި ކެފޭ ބަންދުކޮށް، ކުރިމަތީގައި އިތުރު ބިލްޑިންގ އެއް އަޅައި ސީކްރެޓް ރިސިޕީ އާއި ކޮސްޓަކޮފީ ފަދަ ތަންތަން ތަޢާރަފްކޮށްފައިވެއެވެ. އަދި ރަސްފަންނުގައި ދެބުރި ޢިމާރާތެއް ގައި ގްލޯރިއާ ޖީން ކޮފީ ފަދަ ތަންތަން ދިވެހި ރާއްޖެ ގެނެސްފައިވެއެވެ.

ކޮންމެއަކަސް ފާއިތުވެދިޔަ 10 ވަރަކަށް އަހަރުތެރޭ މިފަދަ ތަންތަނުން ދިވެހީންނާއި ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތަކާއި މެދު ވިސްނައި ބަލާއިރު ކަންބޮޑުވާންޖެހޭ ގިނަކަންކަން އެބަހުއްޓެވެ.

ދިވެހިރާއްޖޭގައި ބޭރުމީހުން ޢާއްމު ވިޔަފާރިކުރުމަކީ ޤާނޫނީގޮތުން ތަންދޭކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން 11/7 ފަދަ ތަންތަން ރާއްޖެ ގެންނަން ދިވެހި ކުދި ވިޔަފާރިތަކުން ވަނީ ދެކޮޅުހަދާ މުޒާހަރާކޮށްފައެވެ. މިޗޭނު ރެސްޓޯރެންޓްތަކުގެ ސަބަބުން ދިވެހި ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރި އަށް ދަނީ ހިޔަނި އެޅެމުންނެވެ.

މި ރެސްޓޯރެންޓްތަކުގެ ފިއްތުންތަކާއި ހެދި ދިވެހި ރެސްޓޯރެންޓެއް ނުވަތަ ކެފޭ އެއް އެއަޕޯޓްގައި ވެސް ނެތެވެ. އެގައުމެއްގެ ރަހަތައް އެގައުމެއްގެ އެއަރޕޯޓުން ދައްކާދީ އިސްކަން ދިނުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގެންގުޅޭ އުސޫލެކެވެ. އެއީ ސްރީލަންކާ އާއި މެލޭޝިއާގައި ވެސް ކަން އޮތް ގޮތެވެ.

ދިވެހިންނަށް ދިވެހިންގެ ފަސްގަނޑުގައި މިއިން ކެފޭއަކުން ނުވަތަ ރެސްޓޯރެންޓަކުން ވަޒީފާއެއް ނެތެވެ. ފުރަތަމަކޮޅު މިތަންތަނުން ދިވެހިންނަށް ވަޒީފާ ދިނަސް މިހާރު ހަމަ އެއްގޮތަކަށް ވެސް ނުދެނީއެވެ.

މިދިޔަ މަހު ހުޅުމާލޭ ފެރީޓާމިން ކައިރީގައި ހުޅުވި މޭރީ ބްރައުންގެ ބޮޑު ސިންގާ ރެސްޓޯރެންޓްގައި 22 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ގިނައީ ނޭޕާލް، އިންޑިއާ، އަދި ބަގްލަދޭޝްގެ މުވައްޒަފުންނެވެ. މެލޭޝިއާގެ ދިދަ ޔުނިފޯމްގައި ހިމަނާފައިވާއިރު މި ރެސްޓޯރެންޓްގައި ދިވެއްސަކު މަސައްކަތް ނުކުރާކަމަށް އެތާ މަސައްކަތް ކުރާ 2 މުވައްޒަފަކު ކިޔައިދިނެވެ.


ވީޑިއޯ: މޭރީބްރައުންގެ މުވައްޒަފުން މަޢްލޫމާތު ޙިއްސާކުރަނީ [ސަބްޓައިޓްލް ދިވެހިބަހުން]

ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދިވެހި ރާއްޖޭގައި ފައިސާގެ ހުރިހައި މުޢާމަލާތެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާ އިންނެވެ. މިދެންނެވި ގިނަ ތަންތަނުގައި ފައިސާ ކަނޑަނީ ޑޮލަރުންނެވެ. އަދި އެފައިސާ ދިވެހި ބޭންކްތައް ފަހަނަޅާގޮސް ވަންނަނީ އަވައްޓެރި ގައުމެއްގެ ބޭންކް އެކައުންޓަކަށެވެ.

ދިވެހި ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓްކުރާއިރު އޭގައި ހިމެނޭ ބާވަތްތަކުގެ ކިޔަންފަސޭހައިން އެނގޭނެފަދަ ގޮތަކަށް ލޭބަލްކުރަން ޖެހެއެވެ. ކޭއެފްސީގެ ނުވަތަ ބާގާ ކިންގ ގެ ރެސްޓޯރެންޓްތައް ދުނިޔޭގެ އެހެންތަންތާ ވެސް ހިންގަނީ އެތަންތަނުގެ ބަހަށާއި ސަގާފަތްތައް ހިމަނައިގެން އަދި ސަމާލުކަން ދީގެންނެވެ. ވީއިރު ދިވެހިރާއްޖޭގައި މިކަން އިސްތިސްނާ ވާންޖެހޭ ސަބަބު ނުވިސްނެއެވެ.

ވީޑިއޯ: މޭރީ ބްރައުން ހުޅުމާލޭގައި އަލަށް ހުޅުވި ރެސްޓޯރެންޓް ކަސްޓަމަރުންނާއި އެކު ފުރި ބާރުވެފައި

ފްރަންޗައިޒް ވިޔަފާރިތަކަކީ އެމީހުންގެ އިޖްތިމާޢީ ޒިންމާ އޭގައި ހިމަނައިގެން ވިޔަފާރި ކުރާބައެކެވެ. އެމަންޒަރު މިތަނުން ނުފެންނާތީ ހައިރާން ވަމެވެ.

ދިވެހިންނަށް ވަޒީފާގަނޑެއް ނުލިބި، ކުރަމުން އައި ވިޔަފާރިތައް ރޫޅި، ސަގާފަތާއި އާދަކާދަތައް ގެއްލެމުންދާއިރު މިކަންކަމާއި މެދު ވާހަކަ ދެކެވެން ޖެހެއެވެ. އަދި ދިވެހި ރެސްޓޯރެންޓްތަކުގެ ވިޔަފާރިތައް އަލުން މުރާޖަޢާކޮށް ދެވޭ ޚިދުމަތާއި ވިއްކާ ބާވަތްތައް ވަޒަން ކުރަން ވެއްޖެ ދަނޑިވަޅުކަމުގައި މިދަނޑިވަޅު ދެކެމެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.