ވިޔަފާރީގައި ދިމާވާ މާލީ އެކިއެކި ކަންކަމާއި ގުޅޭގޮތުންނާއި، ފައިނޭންޝަލް ލިޓަރެސީ އިތުރުކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫސިޓީގައި 1 ދުވަހުގެ ޕްރޮގްރާމެއް ބާއްވަން ނިންމާފައިވެއެވެ.
ބީއެމްއެލް އިން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، މި ޕްރޮގްރާމް އޮންނާނީ 27 މޭއި ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1 އިން ހަވީރު 5 އަށް އައްޑޫ ސިޓީކައުންސިލުގައި ހުންނަ ސިޓީހޯލުގައެެވ.
މި ޕްރޮގްރާމަކީ ޖުމްލަ 50 އަށް ވުރެ ގިނަ ބައިވެރިންނަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްގެންދާ މިޕްރޮގްރާމެކެވެ. ސާނަވީ އަދި މަތީ ސާނަވީ ތަޢްލީމް ހޯދަމުންދާ ދަރިވަރުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ގޭގައި ތިއްބަވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކަށް މާލީ އަދި ވިޔަފާރިއާއި ގުޅޭ ގިނަކަންކަމުގެ މަޢްލޫމާތު ލިބިގެންދާނެއެވެ.
ބައިވެރިންނަށް ލިބިގެންދާނެ މުހިއްމު މަޢްލޫމާތުތަކުގެ ތެރޭގައި :
- ކާމިޔާބު ވިޔަފާރިއެއްގެ ތަޞައްވުރު އަދި ސިފަތައް
- ރާއްޖޭގައި ވިޔަފާރިއެއް ފަށައިގަންނާނެ ގޮތާއި، ޤަވާޢިދުތައް، އަދި ހުރި ފުރުޞަތުތައް
- މާލީ ކަންކަމުގައި އަދި ފައިސާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް
- ރާއްޖެއިން ލިބެންހުރި މާލީ އެހީތެރިކަމާއި ވަޞީލަތްތައް
- މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި، ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް
- މާލީ ކަންކަމުގައި ޕްލޭންކުރުމުގެ މުހިއްމުކަން
ބީއެމްއެލް ގެ ފަރާތުން މީގެ ކުރިން މާލެ އާއި ކުޅުދުއްފުށީގައި ވެސް މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ މިއީ އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި އޮންޓަޕްރޕްރޮނޯރަލް (ވިޔަފާރިއެއް ދިރުވައި ބިނާކުރުމުގެ) ވިސްނުން ހުންނަ ކޮންމެ ފަރާތަކަށް އަގުހުރި މުހިއްމު ޕްރޮގްރާމަކަށް ވެގެންދާނެކަމަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރައްވަން ޖެހެއެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި 7697272 އަށް ނަން ފޮނުއްވައިގެން ރަޖިސްޓްރީ ކުރެވޭނެކަމަށް ވެސް ބީއެމްއެލް އިން މަޢްލޫމާތު ދެއްވާފައިވެއެވެ.