ސޯލް ކްލާސިކް ފިލްމުތަކާއި ދަ ބެސްޓް އަދި ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް ފަދަ ޕޮޕް ހިޓް ލަވަތަކުން ސުޕަސްޓާރަކަށްވި، ލަވަކިޔުންތެރިޔާ ޓީނާ ޓަރނަރ އުމުރުން 83 އަހަރުގައި ދުނިޔެދޫކޮށްފިއެވެ.
ޓަރނަރ އަށް ފާއިތުވި އަހަރުތަކުގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިލާންޖެހުނުއިރު، އޭގެ ތެރޭގައި ކެންސަރާއި ސްޓްރޯކާއި ކިޑްނީ ފެއިލްވުން ހިމެނެއެވެ.
އޭނާ، ފިރިމީހާ އައިކް އާއި އެކު މަޝްހޫރުކަން ހޯދީ 1960 ގެ އަހަރުތަކުގައި ޕްރައުޑް މެރީ އާއި ރިވަރ ޑީޕް، މައުންޓް ހައި ފަދަ ލަވަތަކުންނެވެ.
ނަމަވެސް 1978 ވަނަ އަހަރު އަނިޔާވެރި އައިކް އާއި ވަރިވެ، 1980 ގެ އަހަރުތަކުގައި ސޯލޯ އާޓިސްޓެއްގެ ގޮތުގައި އިތުރު ކާމިޔާބީތަކެއް ހޯދިއެވެ.
ރޮކް އެން ރޯލްގެ ކުއީންގެ ނަމުން ނަންދީފައިވާ ޓީނާ ޓަރނަރ މަޝްހޫރުވެފައިވަނީ އޭނާގެ ރައުންޗީ އަދި ހަކަތަ އާއި ޖޯޝުން ފުރިގެންވާ ސްޓޭޖް ޕާފޯމަންސްތަކާއި ހަސްކީ، ޕަވަރފޫލް ވޯކަލްތަކުގެ ސަބަބުންނެވެ.
8 ގްރެމީ އެވޯޑް ހޯދައި، 2021 ވަނަ އަހަރު ސޯލޯ އާޓިސްޓެއްގެ ގޮތުގައި ރޮކް އެން ރޯލް ހޯލް އޮފް ފޭމް އަށް ވަދެފައިވެއެވެ.
ސޯލޯ އިންޑަކްޝަންގައި ހޯލް އޮފް ފޭމް އިން ފާހަގަކުރި ގޮތުގައި އޭނާއަކީ "ކަޅު އަންހެނަކަށް ވެހުރެ ސްޓޭޖެއް ފަތަހަކުރި ފަރާތެއް" އެވެ.
އޭނާގެ ނުފޫޒު ފޯރި ޒުވާން ތަރިންގެ ތެރޭގައި ބިޔޯންސޭ، ޖެނެޓް ޖެކްސަން، ޖެނެލް މޮނާ އަދި ރިހާނާ ހިމެނެ އެވެ.