ބޭހާއި ހޮސްޕިޓާތަކަށް ބޭނުންވާ ސާމާނު ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ސްރީލަންކާގެ ސިއްޙަތާއި ބެހޭ އެންމެ މަތީ އިދާރާއިން ހެލްތް އިމަޖެންސީ އިޢްލާންކޮށްފިއެވެ.
ބީބީސީ ބުނާގޮތުން މީގެ މާނައަކީ މީގެ ފަހުން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މީގެފަހުން ޚިދުމަތް ދިނުމުގައި އިސްކަންދޭނީ ހަމައެކަނި ބަލިޙާލުދެރަ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެމަޖެންސީކޮށް އަންނަ ފަރާތްތަކަށް ވާވަރަށް ވެސް ބޭސްވެރިކަމުގެ ސާމާނު ނެތްކަމަށް ހޮސްޕިޓާތަކުން ބުނެއެވެ.
ބޭރުފައިސާ ލިބުންދަތިވެ، އަވަށްޓެރި ލަންކާގެ އިގްތިޞޯދު ފުނޑުފުނޑުވެ ކަރަންޓާއި ކާބޯތަކެއްޗާއި ޒަރޫރީ އެހެން ގިނަކަމަށް ވަނީ ބޮޑެތި ބުރޫތައް އަރާފައެވެ.

އަދި ފަހަކަށް އައިސް ކާފިއުއަށް ބެލުމެއް ނެތި، ރައްޔިތުން ނިކުމެ އިޙްތިޖާޖުކޮށް ސަރުކާރަށް ވަނީ ބޮޑު ޕްރެޝަރާއި ކުރިމަތި ލާން ޖެހިފައެވެ. ޕްރެޝަރާއި ހެދި މަހިންދަ ރާޖަޕަކްސަގެ ކެބިނެޓް ވަނީ އެކީ އެއްކޮށް އިސްތިޢުފާ ދީފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާއި ދެކޮޅު ޙަރަކާތްތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. މުޒާހަރާކުރާ މީހުން ވަނީ އަންގާރަ ދުވަހު (މިއަދު) ބޮޑެތި ހުރިހާ ސިޓީތަކުގައި މުޒާހަރާކުރުމަށް ތައްޔާރުވަމުންނެވެ.