އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ޕެޓިޝަންގައި ސޮއިކުރައްވަނީ

ހަބަރު

"އާމިންދައްތަ ދޫކޮށްލާށެކޭ ނުބުނަން. އަދި ސޮއިކުރީ އަމިއްލަ ޙައިސިއްޔަތުން" - މޭޔަރ ޢަލީ ނިޒާރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 އޭޕުރިލް 2022 , ހުކުރު 15:20   607

ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައިގައި އަމިއްލަ ފަރާތްތަކެއްގެ އިސްނެގުމަކަށް ކުރިއަށް ގެންދިޔަ ޕެޓިޝަންގައި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ސޮއިކުރައްވާފައި ވަނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން، ނިޒާރު މޭޔަރު ކަމުގައި ހުންނަވައިގެން ކުރައްވަން އެންމެ ރަނގަޅުކަމެއްތޯ ވަނީ ސުވާލު އުފައްދާފައެވެ. ޤާނޫނީ ޒިންމާ އަދާކުރާނެ ބަޔަކު މަސައްކަތާއި ޙަވާލުވެތިބި އިރު، އަޑު އުފުލައިގެން އޭގެތެރެއަށް ވަންނަން ނުޖެހޭކަމަށް އެފަރާތްތަކުން ބުނެއެވެ.

މިމައްސަލަ އާއި ގުޅިގެން އެކްސްޕްރެސް ނޫހަށް ދެއްވާފައިވާ އެކްސްކްލޫސިވް އިންޓަވިއުގައި ނިޒާރު ވިދާޅުވީ އޭނާ ސޮއިކުރެއްވީ އަމިއްލަ ފަރުދީ ޙައިސިއްޔަތުން ކަމަށާއި، އޭނާ ކުށްވެރިވާނެ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށްގެންދާ ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި ދެކި ލޭބަލް ވެވިގެން ނުވާނެކަމަށާއި، އެއީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ނުބުނަން އާމިންދައްތަ ދޫކުރާށެކޭ. މިއީ އަޅުގަނޑު އަމިއްލަ ފަރުދެއްގެ ޙައިސިއްޔަތުން ކޮށްފައިވާ ކަމެއް" ނިޒާރު ވިދާޅުވިއެވެ.

އިތުރަށް ނިޒާރު ވިދާޅުވީ އާމިންދައްތަ އަކީ އޭނާގެ އެންމެ ކުޑައިރުއްސުރެ ދަންނަ އަދި ދެކެފަރިތަ އަވަށްޓެރިއެއް ކަމަށާއި، އޭނާ ކުށްވެރިއެއްގެ ގޮތުގައި ޝަރީޢަތުން ނިންމާފައި ނުވާކަމަށެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޒަމީރު ވެސް ޤަބޫލުނުކުރާ ކަމަށެވެ. އެހެންކަމުން އޭނާގެ ޙައްޤުގައި މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އަދިވެސް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވީޑިއޯ : މިކަމާއި ގުޅޭގޮތުން އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު އެކްސްޕްރެސް ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއު

ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީއިން މިމައްސަލަ ދިރާސާކުރަމުން އަންނައިރު، މިމައްސަލާ އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި 3000 ސޮއި ހަމަކޮށް، މިހާރު ވާނީ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅައިފައެވެ.

އަދި އެތަންތަނުން ވަނީ ޕެޓިޝަން ބަލައިވެސް ގެންފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.