އާމިންދައްތަ އެކްސްޕްރެސް ނިއުސް ޓީމާއި ވާހަކަދައްކަނީ

ހަބަރު

"މިއުންމަތުގެ އެހެން މީހަކަށް މިފަދަ އަނިޔާއެއް ލިބުމަށް ނޭދެން" - އާމިންދައްތަ [ވީޑީއޯ އިންޓަވިއު]

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 22 އޭޕުރިލް 2022 , ހުކުރު 18:21   14554

ކުށެއް ނެތް އާމިނަތުދިޔެ ގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސް ކަމާއި ހިތްދަތިކަމެވެ. އެކްސްޕްރެސް ނިއުސްގެ ނިއުސް ޓީމުން އާމިންދައްތަ އަށް ޒިޔާރަތްކޮށް ވާހަކަ ދައްކާލައި ކަންހިނގައި ދިޔަގޮތް އޮޅުންފިލުވުމުގެ ފުރުސަތު ލިބިފައިވެއެވެ.

އާމިންދައްތަ (ސުއޭހުހީނާގެ، ސ.ހިތަދޫ) ވަނީ ވަރަށް އަސަރާއިއެކު އެވާހަކަތައް ކިޔައިދީފައެވެ. ފުލުހުން އާމިންދައްތަ ދޫކޮށްލާފައިވަނީ ރޭ ދަންވަރު ވަޤުތެއްގައެވެ.

މާރޗް 23 ވަނަ ދުވަހުގެރޭ ވެގެންދިޔައީ، އާމިންދައްތަގެ ޙަޔާތް ކަޅުވިލާގަނޑަކުން ބަނަކޮށްލި ރެއަކަށެވެ. ޝަރަފުއްދީން ސްކޫލްގައި މަސައްކަތް ކުރާތާ 27 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އާމިންދައްތަ ކިޔައިދިން ގޮތުގައި، އެދުވަހު މަސައްކަތް ނިންމާލާފައި ގެއަށް ދިޔަތަނާ ސްކޫލުން ގުޅާފައި ގޭގައި މަޑުކުރުމަށް އެންގިއެވެ.

ސަބަބު ހޯދަން ސުވާލުކުރިކަމަށާއި ނަމަވެސް ސަބަބު ސާފުކޮށްދީފައިނުވާ ކަމަށެވެ.

"ކުނިކަހަން ހުއްޓާ ޓީޗަރު ގޮވާލާފައި ބުނީ ކުއްޖާ ފާޚާނާ އަށް ފޮނުވި ވާހަކަ. ދެން ކުނިކެހުން ހުއްޓާލާފައި ދިޔައީ ފާޚާނާ ކައިރިއަށް" އާމިންދައްތަ ކިޔައިދިނެވެ.

އިތުރަށް ބުނެފައިވަނީ، ފާޚާނާ އަކީ ޖާގައިގެ ގޮތުން ކުޑަ ފާޚާނާއެއް ކަމަށާއި ފާޚާނާތެރެއަށް ވަދެފައި ނުވާނެ ކަމަށެވެ. މުސްލިމް ޝަވަރު ބޭނުންކޮށްގެން އެހެންކުދިން ވެސް ކަންކުރާ އުސޫލުން އެކުއްޖާ ވެސް އަމިއްލަ ސާފުތާހިރުވިކަމަށެވެ. އެއަށްފަހު ކުލާހާއި ހަމަޔަށް ގެންގޮސްދިން ކަމަށެވެ.

ވީޑިއޯ : އާމިންދައްތަގެ އިންޓަވިއު

ހުވަފަށް ވެފައިވާ އާމިންދައްތަ އަކީ އޭނަގެ މާމަ 3 ދަރިން އެކަނިމާއެކަނި ބާލާބޮޑުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ މީހެކެވެ. އަޅާލާނެ ބަޔަކު ނެތް އާމިންދައްތަ ބުރަ މަސައްކަތުން ހަދާފައިވާ ގެވެސް ދެއްކިއެވެ. އަދި އޭނާ ބަލަހައްޓަމުން އައި ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުމަށްޓަކައި ބޭންކު ލޯނެއް މީގެ ކުރިން ވެސް ނަގާފައިވާ ކަމަށާއި، އިތުރު ލޯނެއް ނެގުމަށް އެދިފައިވާނެ ކަމަށް އާމިންދައްތަ ބުނެފައިވެއެވެ.

ނަމަވެސް ބަންދުގެ ސަބަބުން އެމަސައްކަތް ހުއްޓާލާފައިވާކަމަށް އާމިންދައްތަ ބުންޏެވެ.

ފޮޓޯ : އާމިންދައްތަ ބަންދުން ދޫކުރުމަށްފަހު ފުލުހުން ނެރެފައިވާ ނޫސް ބަޔާން

މީގެ ކުރިން ސިއްޙީ މާބޮޑު މައްސަލަތަކެއް ނެތް އާމިންދައްތަ ހާސްކަމުގައި އެކަހެރިކޮށް އޮންނަން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ލޭ މައްޗަށް ގޮސްފައިވާކަމަށާއި އެކަމަށް ސަމާލުވުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށް ވެސް އާމިންދައްތަ ބުނެފައިވެއެވެ.

އާމިންދައްތަގެ ފަހު ބަހަކީ ވެސް، "މީއީ ބޮޑު އަނިޔާއެއް ކަމަށާއި މިފަދަ އަނިޔާއެއް އުއްމަތުގެ އެއްވެސް މީހަކަށް ލިބުމަށް ނޭދޭކަމަށް" އާމިންދައްތަ ބުންޏެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.