ޢުމުރުން ދުވަސްވީ މީހަކަށް ޗައިނާގައި ވެކްސިން ދެނީ

ދުނިޔެ

ޗައިނާގައި އަދިވެސް ކޯވިޑްގެ ދަންމަރުން ސަލާމަތް ނުވެވިގެން އުޅެނީ ކީއްވެބާ

އަލީ އަޒްޔަން - އޭޝިއާ | 26 އޭޕުރިލް 2022 , އަންގާރަ 09:40   441

ދުނިޔޭގެ ގިނަ ޤައުމުތައް ވަކިން ޚާއްސަކޮށް އޭޝިއާ ސަރަޙައްދުގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ކޯވިޑްގެ ޙާލަތު ރަނގަޅުކޮށް ބޯޑަރުތައް ހުޅުވާލާފައެވެ.

މާރޗް މަހުގެ 28 ވަނަ ދުވަހު ޗައިނާއިން ވަނީ ބޮޑެތި ގިނަ ސިޓީތަކެއް ލޮކްޑައުންކޮށްފައެވެ. މީގެތެރޭގައި ޗައިނާގެ މާލީ މައި މަރުކަޒުކަމަށްވާ ޝަންހާއި ވެސް ހިމެނެއެވެ. ލޮކްޑައުން ޢިއްލާން ކުރުމާއި އެކު ތޮއްޖެހުން ބޮޑުވެ ޒަރޫރީތަކެތި ހޯދަން ކިއުތައް ދަމާލިއެވެ. ބައެއް ބޭންކުތަކުގެ މުވައްޒަފުން ވަނީ ބޭންކްތަކުގެ ތެރޭގައި ނިދަން ވެސް ފަށާފައެވެ.

ޗައިނާއިން ލޮކްޑައުން ކުރަނީ އެމީހުންގެ "ޒީރޯ ކޯވިޑް" މޮޓޯގެ ދަށުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ޗައިނާއިގައި ވަރަށް މަދު ކޭސް ހުއްޓަސް މިހާރުގެ ޙާލަތު ތަފާތެވެ.

ރޮއިޓާސް ނޫސް އެޖެންސީ ބުނާގޮތުން، ޗައިނާ އަކީ މިހާރު މިބަލީގައި އެންމެ ގިނަ މީހުން މަރުވާ ޤައުމެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިން ނުޖަހާ ޢުމުރުން ދުވަސްވީ މީހުންނެވެ.

އޮމިކްރޮން ވޭރިއެންޓް ފެތުރެން ފެށިއިރުވެސް ހޮންގކޮންގ ގައި އެކަނިވެސް 65 ޕަސެންޓް މީހުން ތިބީ ވެކްސިން ނުޖަހައެވެ. މެއިންލޭންޑް ޗައިނާގައި ވެސް ކަންހުރީ ހަމަ ދާދި އެއްކަހަލަ ގޮތަކަށެވެ.

އެހެން ޤައުމުތަކުން، ވެކްސިންގެ ފުރަތަމަ ކޮޅު ހައި-ރިސްކް މީހުންނާއި ޢުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެމުން ދިޔައިރު، ޗައިނާއިން ބޮޑަށް މަސައްކަތް ކޮށްފައިވަނީ ޖުމްލަކޮށް ޖެކްސިން ޖެހޭ މީހުންގެ ޢަދަދު އިތުރުކުރުމަށެވެ. މިހާރު ޗައިނާގައި 88 ޕަސެންޓަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފިއެވެ. މިއީ ނިސްބަތުން އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ބޮޑު ޢަދަދެކެވެ.

ނަމަވެސް ޢުމުރުން 80 އަހަރުން މަތީގެ ދެބައި ކުޅައެއްބައި މީހުންނަށް އަދިވެސް ވެކްސިން ނުދެވެއެވެ. ބޫސްޓަރ ޝޮޓް ޖަހާފައިވާ މީހުންގެ ޢަދަދު ފަސްބައިކުޅަ-އެއްބަޔަށް ނާރައެވެ. ޢުމުރުން 60 އިން މަތީގެ 52 މިލިއަން މީހުން ތިބީ ވެކްސިން ނުޖަހައެވެ.

ޗައިނާ ސަރުކާރުން ނެރެފައިވާ ބަޔާންތަކުން ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ. ޗައިނާގައި ޢުމުރުން ދުވަސް ގިނަ މީހުން ހީކުރާ ގޮތުގައި ކޮވިޑް ވެކްސިނަކީ ވަރަށްނުރައްކާތެރި އެއްޗެއްކެވެ. އެންމެ ފުރަތަމަ ވެކްސިން ޕްރޮގްރާމް ފެށި އިރުވެސް ޗައިނާ ސަރުކާރުން ހުއްދަ ދިނީ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްޙަތު ރަނގަޅު މީހުންނަށް އެކަންޏެވެ. އޭރު ސަރުކާރުން ބުނީ ހައި-ރިސްކް މީހުންނަށް ދޭވަރަށް ޓެސްޓްތައް ހަދާ ރައްކާތެރިކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

މީގެ ސަބަބުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ވެސް ބިރުވެރިކަން އުފެދުނެވެ.

އޮކްސްފޯޑް ޔުނިވާރސިޓީގެ އެޕިޑެމިއޮލޮޖިސްޓަކު ބުނެފައިވަނީ، "އެންމެ ފުރަތަމަ ލިބޭ މެސެޖުން ކުރާ އަސަރު ބޮޑުވާނެ. ކަމަކާއި ގުޅޭގޮތުން ބައެއްގެ ތެރޭގައި ވަކިގޮތަކަށް ވިސްނުމެއް އުފެދިއްޖެނަަމަ، ދެން ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވާނެ. އެފަދަ ބަދަލަކަށް ދިހަ ގުނަ އިތުރަށް މަސައްކަތް ކުރަން ޖެހޭނެ."

ޗައިނާ ސަރުކާރުން މިހާރު ދަނީ ޢުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމަށް ޓަކައި ތަފާތު އުކުޅުތައް ބޭނުން ކުރަން ފަށާފައެވެ. ވެކްސިން ޖަހާ ޢުމުރުން ދުވަސްވީ ކޮންމެ މީހަކަށް 200 ޔުއާން (ގާތްގަނޑަކަށް 30 ޑޮލަރު) ދޭން ފަށާފައެވެ. ނަމަވެސް ޝަޢުޤުވެރިކަން ހުރީ އަދި ވަރަށް ދަށުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.