ޕީ.ޖީގެ މުވައްޒަފުންތަކެއް ކުޅުދުއްފުށީ ރައްޔިތުންނަށް ހަދިޔާކުރި ޖޯލިފަތި

ހަބަރު

ޚިޔާލު : ބައެއް މީހުންނަށް ވަރަށް އާދައިގެ ކަމެއް، އަނެއް ބަޔަކަށް ބޮޑު އުފަލެއް

އަލީ އަޒްޔަން - ހދ | 26 އޭޕުރިލް 2022 , އަންގާރަ 21:59   242

ފޮޓޯގައި އެފެންނަ ޖޯލިފައްޗަކީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ކުޅުދުއްފުށީގެ ގޮފީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ގުޅިގެން ތައްޔާރުކޮށް އެރަށުގެ ރައްޔިތުންނަށް ހަދިޔާކުރި، 10 މީހުންނަށް އިށީދެލެވޭވަރުގެ ޖޯލިފައްޗެކެވެ.

ސޯޝަލް-މީޑިއާގައި ބައެއް ފަރާތްތަކުން މިޖޯލިފަތީގެ ފޮޓޯލައި ހަޖޫޖަހާފާ ވާތަން ފެނެއެވެ. އެމީހުން ބުނާގޮތުން މިއީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންތަކެއް ކޮށްދޭންޖެހޭވަރުގެ ކަމެއް ނޫނެވެ. އެއްއަށް ވުރެ މާ ކުޑަ އާދައިގެ ކަމެކެވެ. ޢާއްމު ބަހުރުވައިން ބުނާނަމަ ބޭކާރުކަމެއްގެ ގޮތުގައި އެމީހުން ސިފަކޮށްފައިވެއެވެ. ކޮށްދޭން ޖެހެނީ ބޮޑެތި ކަންކަމެވެ.

ނަމަވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި ޖޯލިފަށްޗަށް މަރުޙަބާ ކިޔާފައެވެ. އޭގެ ހެއްކެއްގެ ގޮތުގައި ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖަށް މި ޖޯލިފަތީގެ ފޮޓޯތައް ލާފައިވެއެވެ. ކައުންސިލުން ދެކެނީ މީ ރަނގަޅު ރޯދަ ހަދިޔާއެއްގެ ގޮތުގައެވެ.

"މުޖުތަމަޢުގެ ފައިދާއަށް ކުރާ މިފަދަ މަސައްކަތްތަކަކީ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަންކަންކަމަށް ވާހިނދު، މި ފުރުސަތުގައި ޕީ.ޖީ އޮފީހުގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރަން." ސިޓީ ކައުންސިލުން ލިޔެފައިވާ ޝުކުރުގެ މެސެޖްގައި ވެއެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒު ހުސެން ޝަމީމު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މިފަހަރު މިތައްޔާރު ކުރެވުނު ޖޯލި ފައްޗަކީ ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި ބެހެއްޓުމަށް ތައްޔާރުކުރެވުނު ޖޯލިފައްޗެއް ކަމަށެވެ. މީގެ ސަބަބުން އެކިއެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުންނަށް ގަހެއްގެ ހިޔަލުގައި ހަމަޖެހިލައި އިށީދެ ތިބެވޭނެ އިންތިޒާމް މިހާރު މިއޮތް ހަމަޖެހުނީއެވެ.

ޝަމީމު އިތުރަށް ވިދާޅުވެފައިވަނީ ވެލްޑިންގ އިން ފެށިގެން ގޮސް ހަރުކުރުމާއި ހަމައަށް ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޚުދު މުވައްޒަފުން އަމިއްލައަށް ކަމަށެވެ. އަދި އެއީ ވެސް ރަސްމީގަޑި ނިންމައި ލިބުނު ހުސް ވަޤުތު ތަކުގައި ކޮށްފައިވާ މަސައްކަތެކެވެ. މިއީ ޕްރޮސިކިއުޓާރ ޖެނެރަލަށް އެނގިވަޑައިގެން ފެށުނު ކަމަކަށް ނުވިޔަސް، ޖޯލިފަތީގެ މަންޒަތުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއި އެކު، ޝަމީމް އުފާފުޅު ކުރެއްވިކަން އޭނާގެ ލިޔުމުން ކިތަންމެހާ ވެސް ރަނގަޅަށް ދޭހަވެއެވެ.

ޝަމީމް އިތުރަށް އަލިއަޅުއްވައިލެއްވީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް މިފަދަކަންކަމުން ލިބިދޭ މަންފާ އާއި ދަރުމައިގެ މަތިވެރިކަމެވެ. މިގޮތުން ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކީރިތި ރަސޫލާގެ ބައެއް ޙަދީޘްފުޅުތަކުން ވެސް ހެކިތައް ދެއްކެވިއެވެ. އަދި ސައިންސަށް ބަލާއިރުވެސް ތިމާއަށް ހިތްހަމަ ޖެހުން ހޯދައިގަތުމަށް އަބަދު ބޮޑެތިކަންކަން ކުރަން ނުޖެހޭކަމާއި، އެހެން އިންސާނަކަށް ނުވަތަ އިންސާނުންތަކަކަށް އެހީތެރިކަމެއް ފޯރުކޮށްދެވުނީތީ، އެއީ ކިތަންމެ ކުޑަވިޔަސް، އޭގެ ސަބަބުން ޑޯޕަމައިން ކިޔާ މާއްދާއެއް ސިކުނޑީގައި އުފައްދާ ކަމަށެވެ. މީގެ ސަބަބުން ހިތް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމަށެވެ.

ތެދެއްމެއެވެ. މިއީ ނިސްބަތުން ކުޑަކަމަކަށް ވެފައި، މިކަމުން ގެއްލުމެއް ލިބުނު އެކަކުވެސް ނެތެވެ. ހައްތަހާ ވެސް ވީ ފައިދާއެވެ. އެތައް ބަޔަކު އަރާފައިބާ ތަނެއްގައި ފޫޖައްސާލައި ވަރުބަލި ފިލުވަން ތިބެވޭނެ ގޮތެއް ހޯދައިދެވުނީއެވެ. ދެން ކޮން ހަޖޫއެއް ޖަހާކަށް ހެއްޔެވެ؟

އަޅުގަނޑުމެންގެ މާޙައުލަށް ބަލާއިރު ބޭނުންވަނީ މިކަހަލަ އެންމެ ޖޯލި ފައްޗެއް ނޫނެވެ. ޕީ.ޖީ. ނޫނަސް އެހެން އިދާރާތަކުގެ މުވައްޒަފުން ވެސް މިފަދަ ކަންކަމުގައި އިސްނަގަން ފަށައިފި ނަމަ މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ ކަންކަމަށް ރަނގަޅު ޙައްލު ހޯދޭނެއެވެ.

ޝަމީމް ވިދާޅުވިގޮތަށް އަޅުގަނޑުމެންގެ ކަންކަން ޙައްލުކުރަން އޭރުން ނަގާނީ ޖޯލިފަތި ތައްޔާރުކުރަން ނަގާނެހާ ވަޤުތު ކޮޅެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.