ޢިބްރަތްތެރި ވާހަކަ.

މުނިފޫހިފިލުވުން

ކުރުވާހަކަ : ބައްޕާއެވެ.

އަލްމާ - އެހެނިހެން | 30 އޭޕުރިލް 2022 , ހޮނިހިރު 10:56   547

ނޯޓް : މިއީ ހުރިހައި ޢުމުރުފުރާއަކަށް އަމާޒުވެގެން ލިޔެވިފައިވާ ޢިބްރަތްތެރި ވާހަކައެކެވެ.

- - - - - - - - - - - - -

މީހުން ބުނާތީ އަޑުއަހަމެވެ. މަންމައެއްގެ ލޯބި ނަސީބުގައި ނެތް ކުއްޖަކީ ވަރަށް ބަދުނަސީބު ކުއްޖެކެވެ. މަންމަގެ ފިރުމުންތަކަށް ފެންބޮވައިގެންފައިވާ ކުއްޖަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންނަމަވެސް ބައްޕަގެ ލޯތްބާއި ބައްޕައެއްގެ ފިރުމުންތަކުގެ ވާހަކަ ދައްކާ އަޑު އިވެނީ ވަރަށް މަދުންނެވެ. އާނއެކެވެ. މަންމައެއްގެ ލޯބި ބައްޕައަކަށް ނުދެވޭނެއެވެ. ހަމަ އެފަދައިން ބައްޕައެއްގެ ލޯބި މަންމައަކަށްވެސް ނުދެވޭނެއެވެ. މި ދެ ޝަހުސިއްޔަތަކީ ވެސް ދަރިއެއްގެ ހަޔާތުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ފަރާތްތަކެވެ. މިކަން ޚުދު އަހަންނަށް ވެސް ވިސްނުނީ މާ ލަހުންނެވެ. ވަގުތު ފާއިތުވެ ކުރެވޭނެ އިތުރު ކަމެއް ނެތި ގޮތް ހުސްވީފަހުންނެވެ.

އަހަރެންނަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މަންމައަކާއި ބައްޕައަކާއި އަދި ބޭބެއަކާ އެކު އުފާވެރި ދިރިއުޅުމެއް ދިރިއުޅެމުން އައި ކުއްޖަކީމެވެ. ބައްޕަ ގިނަ ވަގުތު ބޭރުގައި މަސައްކަތުގައި އުޅުމުގެ ސަބަބުން އަބަދު މަންމަ ކައިރީގައި ވަގުތު ހޭދަކުރެވޭތީވެ އަހަރެންގެ ހުރިހާވެސް މީހަކީ އެ މަންމައެވެ. އަހަންނަށް އެންމެ އެންމެބޮޑަށް ލޯބި ވެވުނީވެސް މަންމަ ދެކެއެވެ. މަންމަ ކޮއްކޮއަށް ބަލިވެ އިނީ އަހަންނަށް 5 އަހަރުގައެވެ. އޭރުވެސް މަންމަ ގިނަވަގުތު މާ ބަލިކޮށް އުޅޭތީވެ އެކަމާއި ވަރަށް ކަންބޮޑުވިއެވެ. މަންމަ ތާ އަބަދަށް ގެއްލިދާނެތީ އަބަދުމެ ހުންނަންޖެހުނީ ހިތުގައި ބިރުވެރިކަމެއް އުފެދިފައެވެ. ކޮއްކޮއެއް ލިބޭތީ އުފާވިޔަސް މަންމަގެ ހަށިގަނޑުގައި އަޅާވޭން ފެނިފައި ލޮލުން ކަރުގަ އާދެއެވެ.

އެރޭވެސް ބައްޕަ ގެއަކުނެތެވެ. ގޭގައި އެވަގުތު އުޅުނީ މަންމަ އާއި ބޭބެ އަދި އަހަރެން އެކަންޏެވެ. މަންމަ ކުއްލިއަކަށް ބަނޑުގައި ރިއްސާތީ ކެތްނުވެގެން އުޅޭ މަންޒަރު ދުށީމެވެ. އަދި ރޮއިފައި ދަރިފުޅާ ބައްޕައަށް ގުޅާބަލާށޭ ބުނުމުން އަހަރެން އަވަހަށް ފޯނުނަގާ ބައްޕައަށް ގުޅަންފެށީމެވެ. ބައްޕަ ފޯނެއް ނުނަގައެވެ. ދެތިން ފަހަރު ގުޅުމުން ވެސް ބައްޕަގެ ފޯނުން ޖަވާބެއް ނުލިބުނެވެ. ހަމަ އެވަގުތުކޮޅުގައި ވެސް ހީވީ މަންމަ އެންމެ ފަހު ނޭވާ ދޫކޮށްލާނެހެންނެވެ. ބޭބެ ވެސް އަވަހަށް ފޯނު ނަގައި އެމްބިއުލާންސް އަށް ގުޅިއެވެ. ބާރުއަޑާއި އެކު އެމްބިއުލާންސް ގޮސް ހޮސްޕިޓަލްތެރެއަށް ވަނުމާއެކު މަންމަ ވެއްދީ އޮޕަރޭޝަން ތިއޭޓަރަށެވެ. އޭރުވެސް ބޭބެ އާއި މާމަ މެން ދިޔައީ ބައްޕައަށް ގުޅޭތޯ މަސައްކަތްކުރަމުންނެވެ. އެންމެފަހުން ބައްޕައަށް ގުޅުނީ ކޮއްކޮގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނު ތަނާއި ވެސް އެކުއެކީގައެވެ.

އިރުކޮޅަކޮޅަކުން ހިތްފަޅައިގެން ދާހާވަރުގެ ޚަބަރެކެވެ. ކޮއްކޮ ވިހުމުގެ ތެރޭގައި މަންމަ މި ދުނިޔެ ދޫކޮށްފިކަން އެނގުނެވެ. އެވަގުތު ހިތާއި ހިތުން މަންމަ ގެ މަރުގެ ޒިންމާ އެޅުވެންފެށީ ބައްޕަގެ ބޮލުގައެވެ. ވެދާނެއެވެ. ބައްޕަގެ ފޯނުނިވުނީއެވެ. އެކަމަކުވެސް މަންމަ ދުނިޔެ ދޫކޮށް އެދިޔައީ ބައްޕައާއި ހެދިއެވެ. ފޯނަށް ޖަވާބު ނުދެވުމުގެ ސަބަބުން މަންމަ އަށް ބޭނުންވި ފަރުވާ ލިބުން މާބޮޑަށް ލަސްވީއެވެ.

ބައްޕަ އަންނަން ދެން މަންމަގެ ފުރާނަ ނެތް މަސްގަނޑު ޖެހުނީ ހޮސްޕިޓަލުގައި ބާއްވާށެވެ. އެދުވަހުގެ އިރުއޮއްސެން އުޅެނިކޮށް ބައްޕަ ހޮސްޕިޓަލުގެ ތެރެއަށް އައިސް ވަންތަން ފެނުމާއިއެކު ބޭބެ ގޮސް ބައްޕަގެ ގައިގައި އޮޅުލައިގަނެ ބާރަކަށް ހިފެހެއްޓިއެވެ. އަހަރެންގެ މި މައުސޫމް ހިތުގައި އެވަގުތު ހިނގަމުންދިޔަ ނުރުހުންތެރިކަމުގެ އިޙްސާސްތަކުން ހުރިތަނުން ގުޑިވެސް ނުލަމެވެ. ބައްޕައާއި ދިމާލަށް ބަލައިލާނެ ހިތެއް ވެސް ނެތެވެ. ބައްޕަ އައިސް އަހަރެންގެ ގައިގައި ބައްދައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އުޅުނީ ބައްޕައާއި ދުރަށް ދެވޭތޯއެވެ. މަންމައަށް އެންމެ ފަހު އަލްވަދާޢު ކިޔުމަށްފަހު ގެއަށް އައިސް ވަނީ މާމައާއި ލޯބިލޯބި ކޮއްކޮވެސް ގޮވައިގެންނެވެ. މައިވަންތަކަމުގެ ލޯތްބާއި ކުލުނަށް ފެންބޮވައިގެންފައިވި ކޮއްކޮ ދިޔައީ ހުއްޓުމެއްނެތި ބާރުބާރަށް ރޮމުންނެވެ. މާމަދިޔައީ ކޮއްކޮ މަތަ ކުރެވޭތޯ ކުރެވެނު މަސައްކަތެއް ކުރަމުންނެވެ. ގޭތެރެއަށް ފަޅުކަން ވެރިވިއެވެ. ގޭގެ ކޮންމެ ދިމާލަކުން ވެސް ދިޔައީ މަންމަގެ ހަނދާންތައް އާވަމުންނެވެ.

އަހަރުތައް ފާއިތުވެއްޖެއެވެ. ބައްޕަ ދެކެ ހިތުގައިވި ނުރުހުމާއި ނަފްރަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިހާރު އަހަރެންނަކީ ގްރޭޑް 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ކުއްޖަކީމެވެ. ކޮއްކޮ އަށް 3 އަހަރުގައި ބައްޕަ އެހެން ކައިވެންޏެއް ކުރިއެވެ. ކޮއްކޮއަށް މައިވަންތަ ލޯބި ހޯދައިދިނުމުގެ ނިޔަތުގައި ވިޔަސް ބައްޕަ މަންމަގެ ބަދަލުގައި އެހެން އަންހެނަކު ގެއަށް ގެނައުމުން ބައްޕަދެކެ ވާ ނުރުހުން ވީއިތުރެވެ. މުސްކުޅި އުމުރު ފުރައިގައި ތުއްތު ކުއްޖަކު ބެލުމަށް މާމަ އަށް ދަތިވާނެ ކަން ވެސް އަހަރެންގެ މި ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. ދޮންމަންމަ ވަރަށް ވެސް ހެވެވެ. އެކަމަކު އަހަރެންގެ މި ހިތުން އޭނާއަށް ދުވަހަކުވެސް މަންމައަށް އޮތް ޖާގަ ނުލިބޭނެކަން ޔަގީނެވެ. ބޭބެ ކިޔަވައި ނިންމުމަށްފަހު ވަޒީފާ އަދާކުރުމަށްޓަކައި ގޮސް ދިރިއުޅެންފެށީ ރަށާއި ކައިރީގައި އޮންނަ ރެސޯޓެއްގައެވެ. އެހެންކަމުން ގޭގައި އުޅެނީ ބައްޕައާއި ދޮންމަންމައާއި ކޮއްކޮއާއި އަހަންނެވެ. ބައްޕައާއި އަގައިން ބަހެއް ބުނެނުލާތީ ބައްޕަ އަބަދުވެސް އެވާހަކަ ދައްކައެވެ. އެގޮތުން އެއް ދުވަހަކު ބައްޕަ ޑިއުޓީއިން އައި ވަގުތު އަހަރެން ގެއިން ނިކުންނަނީއެވެ.

"ދަރިފުޅާ މިގަޑީގައި ކޮންތާކަށްތަ؟" ބައްޕަ ސުވާލުކުރިއެވެ.

"އަހަރެން ކޮންމެ ތާކަށް ދިޔައަސް ބައްޕައަށް ކޮންކަމެއްތަ؟ އަބަދުވެސް ހުންނާނީ ކޮންމެވެސް ސުވާލެކޮށްކޮށް" އަހަރެން ރައްދުގައި ބައްޕަ އަށް ޖަވާބުދިނުމަށްފަހު ބައްޕަ އަހަންނަށް ގޮވަގޮވާހުއްޓާ ގެއިން ނިކުމެގެން ދިޔައީމެވެ.

އެދުވަހު ގެއަށް އައިސް ވަންއިރުގައި ސޯފާގައި އިން ބައްޕަ ފެނުމުން އަހަރެން ވަރަށް ފޫހިވިއެވެ. އަޅައިލުމެއްނެތި ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހި ނަމަވެސް ކުރިއަށް ދިއުމަށް ހުރަސް އެޅި ބައްޕައެވެ.

"ރިޝްފާން ކިހިނެއްތަ ތިޔަ އުޅެނީ. ދަރިފުޅަށް ބައްޕައާޢި ރީތިކޮށް ބަހެއް ހަމަ ނުބުނެވެނީތަ؟ ތިހާވަރަށް ވަރަށް ބައްޕަދެކެ ރުޅި އަންނަންވީ ސަބަބެއް ވެސް ކިޔައިދޭން ވެއްޖެއެއްނު. ބައްޕަ ދަރިފުޅު ކައިރީ ބުނީމެއްނު ބައްޕަ މަސައްކަތުގައި ހުރެފަ ފޯނު ދުރުގައި އޮތީމަ ނުނެގުނީއޭ. ދަރިފުޅު ބައްޕަ ދެކެ ތިހެން ނުރުހުންވެފަ ހުންނާތީ ބައްޕަ ހާދަ ދެރައެއްވެއޭ."

"ނިމިއްޖެ؟" ފަރުވާކުޑަގޮތަކަށް އަހާލެވުނެވެ. ބައްޕަގެ ލޮލުން އޮހޮރުނު ކަރުނަ ތިކިވެސް ފެނުނެވެ. އަހަރެންގެ މި ހިތަކަށްއެކައްޗެކޭވެސް ނާރައެވެ. އެ ދިޔަ ގޮތަށް އަހަރެން ދިޔައީ ބޭރަށެވެ. އަނބުރާގެއަކަށް ނާންނަމެވެ. ދިޔައީ މާމަ ގެއަށެވެ. ބައްޕަ މާމަގެޔަށް އަހަރެން ބަލައި އައުމުން ބޮޑާހޭކުމަށްފަހު ގެއަކަށް ނުދަމެވެ. ބައްޕަ ކުރި އާދޭސްތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ބައްޕަގެ ލޮލުން އޮހޮރުނު ކަރުނަތަކަށް ނުފެންނަކަމަށް ހެދީއެވެ. ގެއަށް ގޮސް އުޅެނީ ހަމައެކަނި ކޮއްކޮ ދެކިލާށެވެ. އެއީވެސް ބައްޕަ ނުހުންނަ ގަޑިއެއް ބަލައިފައެވެ. ބައްޕަދެކެ މިހާރު ފޫހިވެއެވެ. މަންމަ އަހަރުމެން ދޫކޮށް ދިޔައީ ބައްޕަ މަންމައަށް ހައްޤު ލޯބިނުދޭތީ އޭ ގަބޫލު ކުރެވުނު، ގަބޫލުކުރެވެމުން އަހަރެންގެ ނަޒަރުގައި ބައްޕައަކީ މަންމަގެ ގާތިލެވެ.

ބައްޕަ ކުއްލިއަކަށް ވަރަށް ބަލިވި ކަމުގެ ހަބަރު އަހަންނަށް ދިނީ ބޭބެއެވެ. ބައްޕަ ކައިރިއަށް ދިއުމަށް ބޭބެ އަހަރެން ކައިރީ ދިޔައީ އާދޭސް ކުރަމުންނެވެ. "ރިޝްފާން. ކޮއްކޯ ވިސްނާލަބަލަ 15 އަހަރު ވަންދެން ކޮއްކޮ ބައްޕައާއި އަނގައިން ރަނގަޅަށް ބުނެލީ ކޮންއިރަކު؟ ބައްޕަ އަށް ކޮއްކޮ ތިހާ ބޮޑު އަނިޔާ އެއް ތިދެނީ އެ ބައްޕަ އަހަރުމެންނަށް މީރު ކާއެއްޗެހި ހޯދުމަށާއި ރީތި ހެދުން ހޯދައި ދިނުމަށްޓަކައި ފައިސާ ހޯދުމަށް ބައްޕަ ވަރުބަލިކަމެއްނެތި މަސައްކަތްކުރާތީތަ؟ މަންމަ އަހަރެމެން އެންމެން ދޫކޮށް ދިޔައީ ތަގްދީރުގައި ކަންތައް އެގޮތަށް ވުމަށް އޮތުމުން. ކޮއްކޯ! މި ބޭބެގެ ބަސް އަޑޫއަހާ ވަގުތު ފާއިތުވެދާނެ. މަންމަ ގެއްލުނު ފަދައިން ބައްޕަވެސް ގެއްލިދާނެ!" ބޭބެ ދިޔައީ އަހަރެންނަށް ވިސްނައިދެމުންނެވެ. ބައްޕަ ގާތަށް ހަމަ އެންމެ ފަހަރަކު ގޮސްލުމަށެވެ. އަހަރެންގެ ހިތުގައި ކިތައްމެ ސުވާލުތަކާއި ޝަކުވާތައް ހުއްޓަސް ބޭބެ ދެއްކިވާޙަކަތަކަކީ "ސެންސިބަލް" ވާޙަކަތަކެއްކަން ގަބޫލުކުރެވުނެވެ.

ބޭބެ އާއި އެކުގައި ބައްޕަގެ ގާތަށް ދިއުމަށް ނިންމީ ވަރަށް ވިސްނުމަށްފަހުގައެވެ. ކިތައްމެ ނުރުހުނަސް ބައްޕައަށް ކަމެއް ވުމަށް ނޭދޭތީއެވެ. ގެއާ ކައިރިވީ ވަރަކަށް ގެއަށް މީޙުން އެއްވެފައި ތިބިކަން ފާހަގަވިއެވެ. ދުވެފައި ގޮސް ބޭބެ އާޢި އަހަރެންގޮސް ބައްޕަގެ ކޮޓަރިއަށްވަނީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. ވަގުތު ފާއިތުވެއްޖެއެވެ. ބައްޕަ ވެސް މި އަނިޔާވެރި ދުނިޔެ ދޫކޮށް އަހަރުމެންނަށް އަލްވަދާޢުކިޔައިފިއެވެ. އަހަރުމެންނަށް ކޮޓަރި ތެރެއަށް ވަދެވުނު ވަޤުތަކީ ބައްޕަގެ މޫނުގައި ޑޮކްޓަރު ފޮތިގަނޑު އަޅިވަޤުތެވެ. ބޭބެ ގޮސް ބައްޕަ ކައިރީގައި އިށީނދެ ރޯންފެށިއެވެ. އަހަންނަށް ހުރެވުނީ ހުރި ތާގައެވެ. މީގެ 10 އަހަރު ކުރިން ހުރި ތަނުގައި ހުރެވުނުކަމުގެ އިހްސާސް ކުރެވުނެވެ.

އެހެންނަމަވެސް މިއަދު ފޮތިގަނޑެއްގެ އެހީގައި ނިވާވެފައިވަނީ މަންމަގެ މޫނެއް ނޫނެވެ. އެއީ ބައްޕައެވެ. މިފަހަރު ބައްޕަގެ މަރުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ. އަހަރެންބާވައޭ ހިތަށް އެރިއެވެ. އަހަރެންގެ ހިތުގައި އަދަމުން ދިޔަ ނަފްރަތުގެ އަލިފާނުގައި ބައްޕަ އަދާ ހުލިވީއެވެ. އަހަރެންނަށް ބައްޕަ އާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު ވިސްނިއްޖެއެވެ. ރެއާއި ދުވާލު އަހަރުމެންގެ ހަރަދުތައް ބެލެހެއްޓުމަށް އަހަރުމެންނަށް އުފާވެރި ހަޔާތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ކުށެއްހެއްޔެވެ؟ މިހާރު މާ ލަސްވެއްޖެއެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ބައްޕަގެ އެންމެ ފަހު ނޭވާ ލުމުގެ ކުރީން ބައްޕައާއި ރީއްޗަށް ވާހަކަ އެއްވެސް ނުދެއްކުނެވެ.

މިއަދާޖެހެންދެން ބައްޕައާއިމެދު ކަންތައް ކުރެވުނު ގޮތާއި މެދު ވިސްނައި ފިކުރު ނުކުރެވޭ ދުވަހެއް ނުދެއެވެ. މި ފަދަ ހާލަތެއް ކުރިމަތި ނުވޭތޯ ބައްޕަގެ މުހިއްމުކަން ބައްޕަ ދުނިޔޭގައި ހުއްޓަ ދެނެގަންނާށެވެ. ބައްޕަގެ ހަށިގަނޑުން އޮހޮރޭ އެންމެ ދާ ތިއްކެއްގެވެސް އަގު ވަޒަން ކުރަންވާނެއެވެ. ބައްޕަގެ ލޮލުން އޮހޮރޭ އެންމެ ކަރުނަ ތިއްކަކީ އަހަރުމެންގެ ގައިގައި އަޅާ ވޭނެއްކަމުގައި ދެކޭށެވެ. ވަގުތު ފާއިތުނުވަނީސް އެއީ އަހަރުމެންގެ ހަޔާތުގައިވާ "ސުޕަހީރޯ" ކަން ދަންނާށެވެ. ބައްޕައާއި މެދު އިހާނެތިކޮށް ކަންތައް ނުކޮށް ވޭތޯ މަސައްކަތްކުރާށެވެ. ބައްޕަގެ އަގު ވަޒަން ކުރާށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.