ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބޭއްވުނު ޙަރަކާތެއްގެ ތެރެއިން - ފޮޓޯ : ޔުނިސެފް

ހަބަރު

މޭއި 10 : ކުޑަކުދިންނަށް އޮތް ޒިންމާ ހަނދާކުރަން ޖެހޭ ދުވަހެއް، ދުވަހާއި ގުޅުވައިގެން އައްޑޫގައި ޙަރަކާތްތަކެއް ހިންގުމަށް ރޭވިފައިވޭ

އަލީ އަޒްޔަން - ކ. މާލެ | 7 މެއި 2022 , ހޮނިހިރު 11:48   305

ދިވެހި ރާއްޖޭގައި ސަރުކާރުން 10 މޭއި ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި، ސްކޫލްތަކުގައި ޚާއްސަ އެސެމްބްލީ ބާއްވައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ 2001 ވަނަ އަހަރު އެވެ.

ޕާޓީތައް ބޭއްވުމާއި ކުޑަކުދިންނަށްޓަކައި ކުޅިވަރާއި މުނިފޫހިފިލުމުގެ ޙަރަކާތްތައް ބޭއްވުމަކީ މިދުވަހުގެ ޚާއްސަކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިދުވަހާއި ގުޅިގެން އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން، އ.ދ. ގެ ކުޑަކުދިންނާއި ގުޅޭ ޖަމާޢަތް ކަމުގައިވާ ޔުނިސެފްގެ ފަރާތުން މާލޭގައި ހުންނަވާ، ޗައިލްޑް ޕްރޮޓެކްޝަން ސްޕެޝަލިސްޓް މުޙައްމަދު ނަޢީމް ވިދާޅުވީ ދުނިޔޭގައި ޢާއްމުގޮތެއް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކު ވެސް 20 ނޮވެމްބަރުގައި ކަމަށެވެ. މައިގަނޑުގޮތެއްގައި އެއީ ކުޑަކުދިންނާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލް އަޤްވާމީ މުޢާޙަދާ ތަކުގައި ވާކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުންނެވެ.

މޭމަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، އިތުރު ގިނަ ޙަރަކާތްތައް ކުޑަކުދިންނަށްޓަކައި ހިންގުމަށާއި މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު އައްޑޫގައި ކުލަގަދަކޮށް ސަރުކާރުން މިދުވަސް ފާހަގަ ކުރުމަށްޓަކައި ޙަރަކާތްތައް ރޭއްވެވި ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއި ހެދި އެޙަރަކާތްތައް ކެންސަލް ކުރަން ޖެހުނެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔުނިސެފްގެ އިސްނެންގެވުމަކަށް، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅިގެން ހުޅުމީދޫގައި މޭމަހުގެ 13 ވަނަ ދުވަހު ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާފައެވެ.

އަދި މުޖްތަމަޢު ހޭލުންތެރި ކުރުވުމާއި އަލަށް ވުޖޫދުވި ކުޑަކުދިންނާއި ގުޅޭ ޤާނޫނުތަކަށް އަހުލުވެރިކުރުވުން ޙަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ހިތަދޫ ގައި މުވައްސަސަތައް ގުޅިގެން ކުޑަކުދިންގެ ކުލަގަދަ ހަވީރެއް ބޭއްވުމަށް ރޭވިފައިވާކަމަށް ވެސް ޔުނިސެފް އަދި ފުލުހުންގެ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.