ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ ކަރެންސީ ކަމަށްވާ 'ބިޓްކޮއިން'، މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އަގު ވެއްޓެން ފެށިގޮތަށް ވެއްޓެމުން އައިސް 50 ޕަސެންޓް އަށް ވުރެ ވެސް ބޮޑަށް ވެއްޓިއްޖެ އެވެ.
މިދިޔަ ހަފްތާ ތެރޭގައި އިތުރަށް ވެއްޓިގެން ދިޔައީ ދުނިޔޭގެ ޙިއްސާގެ ބާޒާރުގައި ޖުމްލަކޮށް ހުރިހާ ދިމާލަކުން ވެސް އަގުތައް ވެއްޓެމުން ދިޔުމާއި އެކު ކަމަށް ބީބީސީ ބުނެއެވެ.
ކުރީ އަހަރު ތަކާއި ޚިލާފަށް، 2022 ވަނަ އަހަރު ދުނިޔޭގެ ކްރިޕްޓޯ ބާޒާރަށް ބޮޑެތި ބަދުލުތައް އައިސް، ވަރަށް ބޮޑުތަން ވަނީ މަޑު ޖެހިފައެވެ. މީގެ ކުރިން ފަރުދުންގެ ބޮޑު ހިއްސާއެއް އޮތް މިބާޒާރަށް ފަހަކަށް އައި އަތްގަދަކޮށްފައި ވަނީ ބޮޑެތި ފައިސާގެ މުޢާމަލާތް ކުރާ ކުންފުނިތަކުންނާއި ހެޖް-ފަންޑް ގުރޫޕް ތަކުންނެވެ. އަދި އެ އިންވެސްޓަރުންގެ ނަޒަރުގައި ވެސް ކްރިޕްޓޯ އަކީ ރިސްކް ބޮޑު އެސެޓެކެވެ. ކިރިޔާ ވެސް ބާޒާރަށް ބަދަލެއް އަތުވެއްޖެނަމަ އެންމެ ފުރަތަމަ ވިއްކާލާ އެސެޓްތަކުގެ ތެރޭގައި ކްރިޕްޓޯ ހިމެނެއެވެ.
ޖުމްލަ 650 ބިލިއަން ޑޮލަރަށް އަގުކުރެވޭ 'ބިޓްކޮއިން' އަކީ ދުނިޔޭ ކްރިޕްޓޯ ނުވަތަ ޑިޖިޓަލް ފައިސާގެ ބާޒާރުގައި ތިންބައިކުޅަ އެއްބައެވެ. ދެވަނަ އަށް އެންމެ ބޮޑު މިފަދަ ޕްލެޓްފޯމްކަމަށްވާ 'އެތެރިއަމް' ގެ އަގު ވެސް ވަނީ 10 ޕަސެންޓް ވެއްޓިފައެވެ.
