ޖަމްޢިއްޔާ އެއް ރަޖިސްޓްރީ ވުމަށް ފަހު މިނިސްޓަރ މަޙްލޫފް އާއި އެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

މަދަނީ ޖަމްޢިއްޔާތަކުގެ ޤާނޫނު އުވާލައި މުޅިން އާ ޤާނޫނެއް، މުހިއްމު ގިނަ ބަދަލުތަކެއް ހިމެނޭ

އަލީ އަޒްޔަން - ކ. މާލެ | 10 މެއި 2022 , އަންގާރަ 09:44   392

ޖަމްޢިއްޔާތައް ހިންގުމަށްޓަކައި 2003 ވަނަ އަހަރު ވުޖޫދަށް ގެނައި ޤާނޫނު 1-2003/81 އުވާލުމަށް ފަހު، ޖަމްޢިއްޔާތަކުގެ މުޅިން އާ ޤާނޫނެއް ފާސްކޮށް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީދުކުރައްވައި, މިޤާނޫނު ވަނީ މިހާރު ގެޒެޓް ވެސް ކޮށްފައެވެ.

ގެޒެޓްކުރާތާ 6 މަސް ދުވަސްތެރޭގައި މިޤާނޫނަށް ޢަމަލުކުރަން ފަށަން ޖެހެއެވެ.

މިޤާނޫނުގެ ދަށުން ޖަމްޢިއްޔާތައް އިދާރީ ގޮތުން ހިންގުމަށް އެހީތެރިވެދީ، ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޢާމްދަނީގެ ވަޞީލަތްތައް އިތުރަށް ފަހިކޮށްދީފައިވެއެވެ.

މިޤާނޫނުގައި ހުރި މުހިއްމުކަންކަމުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން :

  1. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެދަށުން ރަޖިސްޓްރީކުރެވޭ ކުޅިވަރު ކްލަބްތައް މި ޤާނޫނުތެރެއިން އިސްތިސްނާވުން.
  2. ޖަމްޢިއްޔާއެއް ރަޖިސްޓްރީކުރަން ހުށަހަޅާތާ 30 ދުވަސް ތެރޭގައި އެޖަމްޢިއްޔާގެ ރަޖިސްޓްރީ އާއިމެދު ގޮތެއް ނިންމާ އަންގަންވާނެ. އެ 30 ދުވަހުގެ މުއްދަތު ހަމަވާއިރު ލިޔުމަކުން ގޮތެއް ނާންގައިފިނަމަ، ޖަމްޢިއްޔާ ރަޖިސްޓްރީވީ ކަމުގައި ބަލިދާނެ. އޭގެ ފަހުން ރަޖިސްޓްރީ ވެފައިވާ ކަމުގެ ސެޓްފިކެޓް ދޭންވާނެ.
  3. ރެޖިސްޓްރާ އަކީ ރައީސުލްޖުމްހޫރިއްޔާ ސިދާ ޢައްޔަން ކުރާ ފަރާތަކަށްވުން. ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ފަރާތަކަށް ނުވުމާއި ވޭތުވެދިޔަ 5 އަހަރުތެރޭގައި އިންތިޚާބެއްގައި ވާދަކޮށްފައި ނުވުން.
  4. ޖަމްޢިއްޔާގެ ޙަރަކާތްތަކުގެ ތެރެއިން، އެ ޙަރަކާތްތަކެއްގައި ބައިވެރިވާ ފަރާތްތަކަށް ދެވިދާނެ. މާލީ ނުވަތަ އެނޫންވެސް އެފަދަ މަންފާއެއް މެމްބަރުންނަށް ލިބިދިނުން މަނާވާނެ.
  5. އިންތިޚާބުކުރެވޭ މެންބަރުން ހިމެނޭ ކޮމިޓީއެއް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާރ އެކުލަވާލަންވާނެ. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ. މަދުވެގެން އަހަރު 4 ފަހަރު ކޮމިޓީގެ ބައްދަލުވުންތައް އޮންނަންވާނެ. އެކި ބާވަތްތަކުގެ ޖަމްޢިއްޔާ ތަމްސީލުކުރާ މެންބަރުން އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ. ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، އެކި ބާވަތްތަކުގެ ތަމްރީނު ޕްރޮގްރާމްތަކާއި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފަރުމާކުރުމުގައި ރަޖިސްޓްރާރަށް ލަފާދިނުން ހިމެނޭ.
  6. ހިންގާގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ޖަމްޢިއްޔާއަކުން އެކިއެކި ވިޔަފާރި މުޢާމަލާތްތައް ހިންގުމަކީ ހުއްދަކަމެއް.
  7. އެއްވެސް ދަރަންޏެއް ނެގޭނީ ނުވަތަ އެނޫންވެސް މާލީ ޒިންމާއެއް އުފުލޭނީ، އެ ޖަމްޢިއްޔާއެއްގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ ދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅައި ހަމަޖެއްސުމަށްފަހު، އެ ޖަމްޢިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން.
  8. ކޮންމެ އަހަރަކު ސަރުކާރުން ޖަމްޢިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ ބަޖެޓުގެ %3 އަށްވާ ފައިސާ ހިމަނަންވާނެއެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް، ފާއިތުވެދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައިވާ ޢަދަދަށްވުރެ ކުޑަނޫން ޢަދަދެއް ބަޖެޓުގައި ހިމަނަންވާނެ.
  9. މަތީގައި ގައި ބަޔާންކުރާ ފައިސާ ނުހިމެނޭގޮތަށް، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ /ސީ.އެސް.އާރު" ގެ ގޮތުގައި ކޮންމެ އަހަރަކު ކަނޑައަ ޅާ ޢަދަދުގެ %25 އަށްވުރެ ކުޑަނޫން ޢަދަދެއް މިނިސްޓްރީން ކަނޑައަޅާ
  10. އުސޫލެއްގެ ދަށުން ޖަމްޢިއްޔާތަކަށް ކޮންމެ އަހަރަކު ފޯރުކޮށްދޭންވާނެ.
  11. ހިލޭ އެހީގެގޮތުގައި ޖަމްޢިއްޔާތަކަށް ފައިސާ ދޭންވާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ ލަފާގެމަތިން މިނިސްޓްރީން ކަނޑައަޅައި ޢާންމުކުރާ އުސޫލެއްގެ ދަށުން.
  12. ޖަމްޢިއްޔާތަކަށާއި، ޖަމްޢިއްޔާތަކަށް އެހީތެރިވެދޭ ވިޔަފާރިތަކަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ އުސޫލުތަކުގެ ދަށުން ޓެކުހުން ލުއި ލިބޭނޭ ގޮތްތައް މިނިސްޓަރ އޮފް ފިނޭންސްގެ މަޝްވަރާގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިންތިޒާމުކޮށްދޭންވާނެ.
  13. ރަޖިސްޓަރީވުމަށްފަހު، އެއް އަހަރުދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާއެއް އެއްވެސް ޙަރަކާތެއް ބާއްވާފައިނުވާނަމަ ނުވަތަ މި ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންވެފައިވާ މުއްދަތުގައި އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީ އެކުލަވާލާފައިނުވާނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމަށް އެންގުމުގެ ބާރު ރެޖިސްޓްރާ އަށް ލިބިގެންވޭ.
  14. މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އުވާލެވޭނެ.
  15. މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިގެން ހިންގާ އެއްވެސް ޖަމްޢިއްޔާއެއްގެ މައްޗަށް ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެއް ނުހިނގާނެ.

މިހާތަނަށް އައިއިރު މަދަނީ ޖަމްޢިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ފެޑެރޭޝަންތަކާއި، ކުޅިވަރު ޖަމްޢިއްޔާތައް ހިންގުމުގައި މަސްހުނިވެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ޖަމްޢިއްޔާތަކުގެ މަސައްކަތާއި ސަރުކާރު އިދާރާތަކުން ކުރާ މަސައްކަތްތަކާއި ވެސް ފުށުއަރާތަން އައިސްފައި އެބަހުއްޓެވެ. ޖަމްޢިއްޔާތައް ސިޔާސީ ސަބަބުތަކަށްޓަކައި އުވާލެވިފައިވެސް އެބަހުއްޓެވެ.

މަދަނީ ޖަމްޢިއްޔާ ތަކަކީ، ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގައި ވެސް، ނޮން ގަވަންމެންޓަލް އޯގަނައިޒޭޝަންސް (އެންޖީއޯ) ތަކުގެ ގޮތުގައި ހިންގާ އޯގަނައިޒޭޝަންތަކެވެ. އެއީ ސަރުކާރުގެ މައި އޮނިގަނޑުން ބޭރުން، ޤާނޫނީ ބާރުތަކަކާއި ޒިންމާތަކެއް ޙަވާލުކުރެވޭ ފަރާތްތަކެކެވެ. މަޤްޞަދަކީ މަދަނީ ލެވެލްއެއްގައި ރައްޔިތުން ބާރުވެރިކުރުވުމެވެ. ޙައްޤުތައް ކަށަވަރު ކުރުމެވެ.

މިޤާނޫނުގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް މަދަނީ ޖަމްޢިއްޔާތައް ހިންގުމަށް ބާރުލިބި، އެފަރާތްތަކަށް ލިބެންވާ ޙައްޤުތަކާއި، ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޖަމްޢިއްޔާތަކުގެ ޤާނޫނު 3/2022 ޑައުންލޯޑް ކުރެއްވުމަށް

- - - - - - - - - - -

Follow us on Facebook for more updates, Fb.com/ExpressnewsMV

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.