މައި ކޮލެޖްގެ ޗެއަރމަން އަޙުމަދު މުއްތަކީ [ޚައްޞަ ވީޑިއޯ އިންޓަރވިއު]

ހަބަރު

"ދަނޑުވެރިކަމުގެ ދާއިރާއިން އައްޑުއަށް ބޮޑެތި އިންވެސްޓްމެންޓްތައް ގެންނަން ބޭނުން" - މައި ކޮލެޖްގެ ޗެއަރމަން އަޙުމަދު މުއްތަކީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 މެއި 2022 , ބުދަ 12:53   259

މިދިޔަ އަންގާރަ ދުވަހު މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) ގެ ފަރާތުން ވަނީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން ހުޅުވުނު ފުރަތަމަ ސްކޫލް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ. މި ސްކޫލްގައި ދަނޑުވެރިކަމަށް ޚާއްޞަ ތަމްރީނާއި ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކިޔަވައި ދެއްވާނެއެވެ.

މިސްކޫލް ހުޅުވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އެއް ކޮލެޖްކަމަށްވާ، މައި ކޮލެޖްގެ ޗެއަރމަން އަޙުމަދު މުއްތަކީ ވަނީ އެކްސްޕްރެސް ނޫހާއި ބައްދަލުކުރައްވާ އެކްސްކްލޫސިވް [ޚާއްޞަ] އިންޓަވިއުއެއް ދެއްވާފައެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން މުއްތަކީ ވިދާޅުވީ ބޮޑު އިންވެސްޓްމެންޓަކާއި އެކު ގިނަކަންކަން ހިންގުމަށް ރާއްވަވާފައިވަކަމަށެވެ. އަދި ދަނޑުވެރިކަމަށް ރާއްޖެއިން އިންވެސްޓްކުރަން ޖެހޭކަމަށާއި، ދިވެހިރާއްޖޭގައި ދަނޑުވެރިކަމަށް ހުރި ފުރުޞަތުތަކާއި ގޮންޖެހުންތައް ވަރަށް ތަފްޞީލްކޮށް ކިޔާ ދެއްވާފައެވެ.

އައްޑޫ އަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ތަނެކެވެ. ދަނޑުވެރިކަމުގެ ސްކޫލެއް ދިވެހިރާއްޖޭގައި ހުޅުވުމުގެ ކުރިން މައިކޮލެޖުން ވަނީ ދިރާސާތަކެއް ކޮށްފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ބިމުން ފަހުގެ ސާމްޕްލް ނަގައި، ރާއްޖެއިން ބޭރަށް ފޮނުވައި ތަޙުލީލުތަކެއް ވަނީ ކުރުވާފައެވެ. "އެއްމިލިއަން ޑޮލަރުގެ އިންވެސްޓެއް އައްޑޫގައި ކުރާގޮތަށް އަޅުގަނޑުމެން މިތިބީ" މުއްތަކީ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، އައްޑޫގައި މިކަން ފުރަތަމަ ފެށިނަމަވެސް، އެހެން ރަށްރަށުން ބޭނުންވެއްޖެ ހިނދެއްގައި އެރަށްރަށާއި އެކު ވެސް މަސައްކަތް ކުރައްވަން ބޭނުންވާކަމަށެވެ. މައިކޮލެޖް އިން މިހާރު ބޮޑަށް ރާވާފައިވަނީ، އެހެން ރަށްރަށުން އައްޑޫއަށް މީހުން ގެނެސް ދަނޑުވެރިކަން ދަސްކުރަމުން ވިޔަފާރި ވެސް ކުރެވޭނެ މާޙައުލެއް ޤާއިމު ކުރުމަށެވެ. އެހެންކަމުން ދަނޑުވެރިކަންކޮށްގެން ނަފާ ލިބުމުން އޭގެއިން އެތައްބަޔަކަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންގެ 500،000 މީހުންގެ އާބާދީ ބޭރުމީހުންނާއި އެއްކޮށްލުމުން މިލިއަނަކަށްވުރެ ގިނައެވެ. މުއްތަކީ ވިދާޅުވަނީ މިއީ ރަނގަޅުވަރެއްގެ މާކެޓެއް ކަމަށެވެ.

ދިވެހިރާއްޖޭގައި ބައެއް ކާބޯތަކެތީގެ ބާވަތް ވަރަށް ފަސޭހައިން ހެދެއެވެ. އަދި ދިވެހިން އެހާ ބޮޑަށް ބޭނުން ނުކުރިއަސް އަހިވަށް ފަދަ މޭވާ ތަކަކީ ރާއްޖެއިން ބޭރުގައި ބޮޑު މާކެޓެއް އޮތް އެއްޗެކެވެ. އަދި އުފައްދާތަކެތި ވިޔަފާރިއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެދީ، ރާއްޖެއާއި ރާއްޖެއިން ބޭރަށް އެތަކެތި ވިއްކާ މާކެޓްކުރުމަށް ވެސް މަސައްކަތްކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ވިީޑިއޯ އިންޓަވިއު : މައިކޮލެޖްގެ ޗެއަރމަން އަޙުމަދު މުއްތަކީ އާއި އެކު

ރާއްޖެއިން ބޭރުން މިހާރުވެސް ވަރަށް އެދިގެން އާދޭ ދަނޑުވެރިކަމުގެ އިންޓާންޝިޕްތަކަށް ކުދިން ފޮނުވަން ބޭނުންވާކަމަށް. އަހަރުމެންގެ މިތިއްބެވީ އ.ދ. ގެ އިދާރާތަކުން ތަމްރީން ލިބިވަޑައިގެން ތިއްބެވި ޓްރޭނަރުން މިކަމުގައި. އެމެރިކާގެ އޭއައިޓީ އިން ވެސް ބޭނުންވޭ މިހާރު ވެސް ކުދިންކޮޅެއް ފޮނުވަން. ދެން ކޮންމެ ޢުމުރެއްގެ މީހަކަށް ވެސް އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ. ފުރުޞަތު އޮންނާނެ.

~ އަޙުމަދު މުއްތަކީ، ޗެއަރމަން/ މައިކޮލެޖް

ދިވެހިރާއްޖޭގައި ޓޫރިޒަމް އާއި މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަން ތިންވަނަ ސެކްޓަރ އެއްގެގޮތުގައި ތަރައްޤީ ކުރެވިދާނެކަމަށް މުއްތަކީ ދެކެވަޑައިގަނެއެވެ. އަދި އޭގެ ސަބަބުން ތަރައްޤީގެ ދުވެލިބާރުވެ އައްޑޫ އަދި ރާއްޖޭގެ ރައްޔިތުންގެ އަތްމަތި ތަނަވަސް ވުމަށް މަގުފަހިވާނެއެވެ.

އެއްވެސް ޤައުމަކަށް އެއްކަމަކަށް ބަރޯސާވެ އޮވެ ކުރިއަރަން ދަތިވާނެއެވެ. އަދި ތަރައްޤީ ދަމަހައްޓަން ވެސް އުނދަގޫވާނެއެވެ. ރައްކާތެރި ރަނގަޅުގޮތަކީ ގިނަކަންކަން އެކުލެވޭ 'ބާސްކެޓަކަށް' ދިއުންކަމަށް މުއްތަކީގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެއެވެ.

ގިނަކަންކަމުގައި ސަރުކާރާއި މުވައްޞަސާތަކުގެ އެހީތެރިކަން ލިބޭކަމަށް ވެސް ވިދާޅުވިއެވެ. ކޮވިޑް މެނޭޖްކުރުމުގައި އެހީތެރިކަން ލިބިވަޑައިގެންނެވިކަމަށާއި، ނަމަވެސް ދަތިވާކަންކަން އެބަހުރިކަމަށް ވެސް ވިދާޅުވިއެވެ.

"ވަކިން ޚާއްސަކޮށް ބިން ހޯދުމުގައި ލަސްތައްކެއް އެބަހުރި. އެއްވެސް އިރެއްގައި ސަރުކާރަކުން ނުބުނޭ ނުދޭނަމެކޭ. އެކަމަކު ލިބޭނެ އިރެއްވެސް ނޭނގޭ. އަޅުގަނޑުމެން ވާނީ ކުރީގެ ސިޓީ ކައުންސިލްގެ އިތުރުން، މިހާރުގެ ސިޓީ ކައުންސިލްގައި ވެސް އެހީތެރިކަމަށް އެދިފައި. އަޅުގަނޑުމެންގެ ހުށަހެޅުންތައް ހުށަހަޅާފައި. މިހާރު އައްޑޫގައި އޮތް ބިމަކީ ހަމައެކަނި ކިޔަވާދިނުމަށް ބޭނުންކުރެވޭވަރަށް ޖާގަ އޮތްތަނެއް. އަޅުގަނޑުމެން ދަނޑުވެރިކަމަށް މިކުރާ އިންވެސްޓްމެންޓް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް ބިން ބޭނުންވޭ." މުއްތަކީ ކިޔާދެއްވިއެވެ.

އަޅުގަނޑުމެން އެކްސްޕްރެސް ނޫހުގެ ފަރާތުން، މުއްތަކީގެ ވާހަކަތަކަށްފަހު، ވަނީ އައްޑޫ ސިޓީ މޭޔަރ އަށް ގުޅާ އިތުރަށް މިކަމާއި ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލު ހޯދާފައެވެ.

އައްޑޫގެ ދަނޑުވެރިކަމާއި ގުޅޭކަންކަމާއި ބިންބިމުގެ މަސައްކަތް ކުރިއަށް ގެންދެވެން އޮތީ ލޭންޑްޔޫސް ޕްލޭން އެއްކޮށް ނިމިގެން. މިއަންނަ ހަފްތާ ތެރޭގައި ނިމޭނެ. މީގެ ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތައް ހުރީވަރަށް އޮޅުންބޮޅުން ބޮޑުގޮތަކަށް. އެއްލައްކަ ދެލައްކަ އަކަފޫޓޫ އެކެއްގެ ނަމުގައި ނަގާފަ އެބަހުރި. ދެން ތި އެދިލައްވާފަވާ ބިމަކީ ވެސް ބޮޑު ބިމެއް. ދެވޭނެކަމަށް މިބަލަނީ އޮޑައްސައު ސަރަޙައްދުން. ބޮޑު އިންވެސްޓެއްކޮށް ގިނަކަންކަން ކުރަން އެބޭފުޅުން ރާވާފަހުރިކަން އެނގޭ. އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ.

~ އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު

ނިޒާރު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ލޭންޑް ޔޫޒް ޕްލޭން ނިމުމުން، މައިކޮލެއްޖަށް ބޭނުންވާ ބިމުގެ ކަންކަން ކުރިއަށް ގެންދަވާދެއްވާނެ ކަމަށެވެ.

ޓެގްސް: ދަނޑުވެރިކަން މައިކޮލެޖް ކޮލެޖްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.