ރޮނާލްޑޯ، މެސީ، އަދި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރި އަލީ އަޝްފާގް (ދަގަނޑޭ)

ކުޅިވަރު

ދަގަނޑޭ، ރޮނާލްޑޯ، މެސީ : ދުނިޔޭގެ ހެޓްރިކް ރިކޯޑު ލިސްޓުގެ ކުރީގައި

ދާނިޝް - ދުނިޔެ | 18 މެއި 2022 , ބުދަ 20:36 2   639

އެކާވީސްވަނަ ގަރުނުގައި ފުޓުބޯޅައިގައި އެންމެ ގިނަ 'ހެޓްރިކް' ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް، ދަގަނޑޭ ހިމެނިއްޖެއެވެ. ފުޓުބޯޅައިގައި އެއްމެޗެއްގައި ތިން ގޯލު ކުޅުންތެރިއަކު ޖަހައިފިނަމަ އެއީ ހެޓްރިކެކެވެ.

މިކަން ހާމަވީ ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް، (އައި.އެފް.އެފް.އެޗް.އެސް) އިން ޢާއްމުކުރި 21 ވަނަ ގަރުނުގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ކުޅުންތެރިންގެ ނަންތައް ހިމެނިފައިވާ ލިސްޓު ޢާންމުކުރުމުންނެވެ. ޖުމްލަ 22 ކުޅުންތެރިން މި ލިސްޓުގައި ހިމަނާފައިވެއެވެ.

އައި.އެފް.އެފް.އެޗް.އެސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި ގަރުނުގައި އެންމެ ގިނަ ހެޓްރިކް ހަދާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް 60 ހެޓްރިކް ހަދާފައެވެ. މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުންވެސް ރޮނާލްޑޯ ވަނީ މި ސީޒަނުގައި ދެ ހެޓްރިކެއް ހަދާފައެވެ. ރޮނާލްޑޯގެ ހެޓްރިކް ތަފާސްހިސާބަށް ބަލާލާއިރު، ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ ވަނީ ތިން ހެޓްރިކް ހަދާފައެވެ. ޔުވެންޓަސްގެ ޖާޒީގައިވެސް 3 ހެޓްރިކް ރޮނާލްޑޯ ހަދާފައިވާއިރު ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ރޮނާލްޑޯ ވަނީ 10 ހެޓްރިކް ހަދާފައެވެ. އެންމެ ގިނަ ހެޓްރިކް ރޮނާލްޑޯ ހަދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުއެވެ. އެކުލަބާއެކު 44 ހެޓްރިކް ރޮނާލްޑޯ ހަދާފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި ހިމެނެނީ 55 ހެޓްރިކާއި އެކު އާޖެންޓީނާގެ ތަރި ލިއަނެލް މެސީއެވެ.

އައި.އެފް.އެފް.އެޗް.އެސް އިން ޢާއްމުކުރި ލިސްޓުގެ ގަދަ 10 އެއް [ތަރުތީބުން]

  1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯރޓުގަލް) 60 ހެޓްރިކް
  2. ލިއަނެލް މެސީ (އާރޖެންޓީނާ) 55 ހެޓްރިކް
  3. އަލީ އަޝްފާޤް (ދިވެހިރާއްޖެ) 35 ހެޓްރިކް
  4. ރޮބާރޓް ލެވަންޑޯސްކީ (ޕޮލެންޑް) 30 ހެޓްރިކް
  5. ލުއިސް ސުވަރެޒް (އުރުގުއާއި) 29 ހެޓްރިކް
  6. އަލީ މަބްހޫތް (ޔޫއޭއީ) 25 ހެޓްރިކް
  7. އެލެސްސެންޑާ ޑުރިޗް (ސިންގަޕޯ) 22 ހެޓްރިކް
  8. ނޭއިމާ (ބްރެޒިލް) 21 ހެޓްރިކް
  9. ޒްލާޓާން އިބްރަމޮވިޗް (ސްވިޑްން) 20 ހެޓްރިކް
  10. ފިރާސް އަލްޚަތީބް (ސީރިއާ) 20 ހެޓްރިކް

ލިސްޓުގައި ގަދަ 10 އަށް ބަލާއިރު، އޭޝިއާގެ ހަތަރު ޤައުމެއްގެ ކުޅުންތެރިން ހިމެނެއެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން ޔޫއޭއީ، ސިންގަޕޯ، އަދި ސީރިއާގެ ކުޅުންތެރިންނެވެ.

ލިސްޓުގައި އަޝްފާޤް ހިމެނުން

މި ލިސްޓުގައި، ދިވެހި ޤައުމީޓިމުގެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އޮތީ ތިންވަނައިގައެވެ. އޭގައިވާގޮތުން ދަގަނޑޭ ވަނީ މި ގަރުނުގައި 35 ހެޓްރިކް ހަދާފައެވެ. އޭނާ އަކީ މިލިސްޓުގައި ހިމެނޭ ކުޅުންތެރިންގެތެރެއިން ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި މުޅި އޭޝިއާގެވެސް އެންމެ މަތީ ރޭންކިންގައި ހުމެނޭ ކުޅުންތެރިޔާކަންވެސް ފާހަގަކޮށްލެވެއެވެ.

ދަގަނޑޭ ފުޓުބޯޅަ ކެރިއަރުގައި ހަދާފައިވާ ހެޓްރިކް ތަކުގެ ތެރޭގައި ގައުމީ ލީގުގައި ކާމިޔާބުކުރި 21 ހެޓްރިކާއި، ނޭޝަނަލް ކަޕްތަކުގެ މެޗުތަކުގައި ކާމިޔާބު ކޮށްފައިވާ 6 ހެޓްރިކް އަދި ބައިނަލްއަގްވާމީ ކްލަބް މުބާރާތްތަކުގައި ކާމިޔާބު ކޮށްފައިވާ 3 ހެޓްރިކުގެ އިތުރުން ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާ 5 ހެޓްރިކް ހިމެނެއެވެ.

ދަގަނޑޭއަށް މިމަޤާމް ލިބުނީ، 17 މެޗެއްގައި، ކޮންމެ މެޗެއްގައި ތިން ލަނޑު ޖަހައިގެންނެވެ. އަދި 10 މެޗެއްގައި އޭނާ ވަނީ 4 ލަނޑު ޖަހިއިރު، 6 މެޗެއްގައި 5 ލަނޑު ޖަހާފައިވެއެވެ. ދެ މެޗެއްޗެއްގައި 6 ލަނޑުވެސް ޖެހިއެވެ. ދަގަނޑޭ އަކީ އެއް މެޗެއްގައި 6 ލަނޑު އެންމެ ގިނައިން ކާމިޔާބު ކުރި ކުޅުންތެރިޔާ ވެސްމެއެވެ.

އައިއެފްއެޗްއެސް އިން ޢާއްމުކޮށްފައިވާ ލިސްޓު

އައި.އެފް.އެފް.އެޗް.އެސް އަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިންވެސް ބަލައިގަނެ، އެހީތެރިކަން ފޯރުކޮށްދޭ ފެޑެރޭޝަނެކެވެ. އެހެންނަމަވެސް މިއީ ފުޓުބޯޅައިގެ ރަސްމީ އެއްވެސް ގަވާނިންގ ބޮޑީ އެއްގެ ހިއްސާދާރެއް ނޫންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ފެޑެރޭޝަނަކީ ފުޓުބޯޅަ ކުޅުންތެރިންގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި، އެކުޅުންތެރިން ކުޅެފައިވާ މެޗުތަކުގެ އަދި މެޗުގައި ކާމިޔާބު ކޮށްފައިވާ ލަނޑުތަކާއި، ކޮށްދީފައިވާ އެސިސްޓުތަކުގެ އިތުރުން ފުޓުބޯޅަ އާއި ގުޅުންހުރި އެހެން ތަފާސްހިސާބުތައް ހޯދުމާއި، އެ މައުލޫމާތު އާންމުކުރުމުގެ އިތުރުން، ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑުވެސް ދެމުން އަންނަ ފެޑެރޭޝަނެކެވެ.

ޓެގްސް: ފުޓުބޯޅަ އަލީ އަޝްފާޤް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.