މީދޫގެ ޓޫރިޒަމް-ޒޯންގެ ލޭންޑްސްކޭޕިން މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވަނީ.

ހަބަރު

މީދޫ ޓޫރިޒަމް-ޒޯން ލޭންޑްސްކޭޕިންގ މަސައްކަތް ބޭކާރުވެފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 މެއި 2022 , ހުކުރު 16:14   466

އިންޑިއާއިން ދިން 3.6 މިލިއަން ރުފިޔާގެ ހިލޭއެހީ އާއިއެކު ކުރިއަށް ގެންދިޔަ މީދޫ ޓޫރިޒަމް ޒޯންތަކުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ނިމި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިދިޔަ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

މިއީ އައްޑޫގައި ޤާއިމްކުރަން ސަރުކާރުން ވަޢުދުވެފައިވާ މިފަދަ 5 ޒޯންގެ ތެރެއިން އެންމެފުރަތަ ލޭންޑްސްކޭޕިންގެ މަސައްކަތް ނިންމުނު ޒޯނެވެ. މިސައްކަތް ޙަވާލުކޮށްފައިވަނީ ނިމިދިޔަ ކައުންސިލުގައެވެ. މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓުނެވެ.

މިއީ ޓޫރިޒަމް ޒޯންތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވުނު މަސައްކަތެވެ. ނަމަވެސް މަސައްކަތް ނިންމިތާ ދެމަސްވެސް ނުވަނީސް އެތަނުގެ ސިފަ ވަކިނުކުރެވޭވަރަށް މަންޒަރުވަނީ ބަދަލުވެފައެވެ. މުޅިތާ އެކޮށް ވިނަފަޅައި، ޕޭވްމެންޓްތައް މަތިން ވިނަގަނޑު ވަނީ އަރާފައެވެ.

މިދޫ ޓޫރިޒަމް ޒޯންގެ ގިނަ ޕްލޮޓްތައް މިހާރު ވަނީ އެކި ފަރާތްތަކާއި ޙަވާލުވެސް ކުރައްވާފައެވެ. އަދި ބާކީ ހުރި ޕްލޮޓްތައް ދޫކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ޢާއްމުކޮށް އިޢްލާނު ވެސް ކޮށްފައެވެ. މިހާތަނަށް އައިއިރު އެއްވެސް ޕްލޮޓެއްގެ ޢަމަލީ މަސައްކަތް ވަނީ ނުފެށިފައެވެ.

މިކަމާއި ގުޅިގެން މީދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ޞާލިހާ އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެތަން ސާފުކޮށް ބެލެހެއްޓުމަކީ މުނިސިޕަލް މުވައްޒަފުން ލައްވައި ކުރުވޭނެ މަސައްކަތަކަށްވުރެ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މުނިސިޕަލް މުވައްޒަފުންލައްވައި އެތަނުގެ މަސައްކަތް ކުރުވަން ފަށައިފިނަމަ، މުނުސިޕަލް ޚިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ލާން ޖެހޭ ކަމަށެވެ.

އާމިނަތު ސާލިޙާ، މީދޫ ކައުންސިލަރު

އަޅުގަނޑުމެން ވާނީ، ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައި މުއްވަޒަފުން ދެއްވުމަށް އެދި. ދެން ކައުސިލަކު ނުވެސްނެތް މިކަހަލަކަމަކަށް ޚަރަދުކުރާނެ ބަޖެޓެއް. ކުރިން ކުރަންވާ މަސައްކަތް ނުކޮއް. މިއޮތީ ފަހުންކުރަންވާ މަސައްކަތްކޮށްފަ. ދުނިޔޭގެ އެހެންތަންތާ ވެސް ލޭންޑްސްކޭޕިންގ އަކީ އިމާރާތްކޮށް ނިމުމުން ކުރާކަމެއް. ދެން އިމާރާތްކުރުމުގެ މަސައްކަތް ފެށުމުން މިހާރުކޮށްފައި ހުރި މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ގެއްލުންވާނެ. ބޭކާރުކަމެއް މިއޮތީ ކުރެވިފައި.

~ އާމިނަތު ސާލިޙާ، މީދޫ ކައުންސިލަރު

ސާލިޙާ އިތުރަށް ވިދާޅުވީ ތަންނިމުނުއިރު އޮތީ ވަރަށް ރީތިކޮށް ކަމަށާއި، ބަލަހައްޓަމުން ވެސް ދިޔަކަމަށެވެ. ނަމަވެސް މުނިސިޕަލް ޓީމަށް ބެލެހެއްޓޭ ވަރަށް ވުރެ ތަނުގެ ސައިޒު ބޮޑުކަމަށެވެ. އަދި ރަށުތެރޭގައި ހުރި އެހެން މަސައްކަތް ހުއްޓާލާފައި، އެކަން އެކަނި ކުރެވެން ނެތް ކަމަށާއި، އެތަން ދެމެހެއްޓެނިވިގޮތަކަށް ބެލެހެއްޓޭނީ ބަޔަކު އެކަމަށްޓަކައި ޚާއްޞަވެ ތިބެގެން ކަމަށެވެ.

މީދޫ ޓޫރިޒަމްޒޯން މަސައްކަތް ފުރިހަމަކޮށް ނިމުނުއިރު ހުރިގޮތް

މިކަމާއި ގުޅިގެން އައްޑޫ ސިޓީ މޭޔަރު ޢަލީ ނިޒާރ އަށް އެކްސްޕްރެސް ނޫހުން ގުޅާލުމުން ވިދާޅުވީ، މިއީ ޢާއްމުކޮށް ކަންކުރާ އުސޫލާއި ޚިލާފަށް ކުރެވިފައިވާކަމެއް ކަމަށެވެ. ސާލިހާ ވިދާޅުވިގޮތަށް ނިޒާރު ވެސް ވިދާޅުވީ ޢާއްމު އުސޫލާއި ޚިލާފަށް އެޒޯންތަކުގެ މަސައްކަތް މިއޮތޯ އިސްފަސް ކުރެވިފައިކަމަށެވެ. އެހެންކަމުން ޙައްލުކުރަން ފަސޭހަނޫން މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

މިއީ ޙައްލުކުރަން އުނދަގޫ މައްސަލައެއް. އިންޑިއާއިން ދިން ގްރާންޓް އެއްކޮށް އެހެރީ ބޭނުންކުރެވިފައި. މިވަތުގަތަށް އޮތް ޙައްލަކީ ޕްލޮޓްތައް ލިބިފައިވާ ފަރާތްތަކުން އެޕްލޮޓްތައް ބެލަހައްޓަމުން ގެންދިއުން.

~ ޢަލީ ނިޒާރު

ޓެގްސް: އައްޑޫގެ ޓޫރިޒަމް އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.