"ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން" - ލިޔުންތެރިޔާ، އަލްމާ

މުނިފޫހިފިލުވުން

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ފުރަތަމަ ބައި)

އަލްމާ - އެހެނިހެން | 21 މެއި 2022 , ހޮނިހިރު 00:16   726

ވެހެމުން ދިޔަ ބޯ ވާރެގެ ތިކިތަކަށް ބަލަހައްޓައިގެން ހުރެވެނީ ހިތަށް ހަމަޖެހުން ލިބޭތީއެވެ. ޑޮކްޓަރު ކަން ކިޔަވަން މެލޭޝިޔާގައި ހުރުމަށްފަހު 8 އަހަރު ފަހުން މާލެ އާދެވުނިތީ ހީވަނީ މުޅީން ވެސް އާ ތަނަކަށް ދެވިގެން އުޅޭ ހެންނެވެ. އުސް އިމާރާތްތަކާއި ވިއްސާރައިގައި ހުއްޓުމެއްނެތި ކާރުތައް ދެކޮޅަށް ދުއްވާތަން ފެނެއެވެ. މަޑު ދުވެލީގައި ކާރު ގޮސް "މަލަރެސް" ގެ ދޮރު މައްޗަށް މަޑު ކުރިއިރު ދެކުޑަ ހިފައިގެން ދޮންބެ އައިސް ދޮރުމަތީހުއްޓެވެ. އެއް ކުޑަ އަހަރެން އަޅައިގެން އަނެއް ކުޑަ ދޮންބެ ހިފައިގެން ދޮރާޝިން އެތެރެއަށް ވަދެވުނުއިރު ގެނައި ފޮށިވީ ކުޑަކޮށް ތެމިފައެވެ.

ތެޅި ތެޅި އޮތް ހިތަކާއެކު ލިފްޓަށް އެރީ މަންމަމެންނަށް އަހަރެން އަންނަކަން ނޭގޭތީ މަންމަމެން "ރިއެކްޓު" ކުރާނެ ގޮތް ނޭގޭތީއެވެ. 8 އަހަރުގެ ދިގު މުއްދަތަކަށްފަހު ރަށަށް އަންނާތީ ސަޕްރައިޒް އެއް ދޭންބޭނުންވާތީ މަންމަމެން ގާތު ނުބުނީއެވެ. ހަމައެކަނި އަހަރެން އަންނަކަން އިނގޭނީ ދޮންބެއަށެވެ. ދޮންތަ އަދި ބޭބެ އަށް ވުރެ ވެސް ބޮޑަށް އަހަރެން އެންމެ ބޮޑަށް ގާތީ ދޮންބެއާއި ކަމަށްވާތީއާ އެކު ސަޕްރައިޒް ދިނުން ކަހަލަ ކަންތައްތަކަށް އެންމެ މޮޅުވާނީ ވެސް ދޮންބެ އަށް ވީތީއެވެ. ދޮންބެ ބެލް ޖެއްސުމުގެ ބަދަލުގައި ޓަކި ދިނެވެ. އަދި ދޮރުގައި ހުންނަ ކެމެރާގައި އަތް އަޅައި ފޮރުވައިލިއެވެ.

ދޮރުހުޅުވީ މަންމައެވެ

"ނަބާހާ...." މަންމަ އަސަރުންފުރިގެންވާ އަޑަކުން ގޮވާލިއެވެ.އަދި ވަރަށް ބާރަށް އަހަރެންގައިގައި ހިފަހައްޓައިލައި ބައްދައިލިއެވެ.ހީވީ އަނެއްކާ އަހަރެން ގެއްލިދާނެތީ ހިފައި ބާރުކޮށްލީހެނެވެ.މަންމަގެ ފަހަތުން ބައްޕަ ފެނުމުން އަހަރެން ފެން ކަޅިވިއެވެ. ބައްޕަ އަހަރެން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމަށް ދެކޮޅުހެދުމުންވެސް ބައްޕަގެ ބަސް އެހުމެއްނެތި މެލޭޝިޔާ އަށް ދިޔައީ އަހަރެން ޑޮކްޓަރަކަށް ވުމަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ރާއްޖޭގައި ކުލަ ނުޖެއްސޭނެތީއެވެ. ބައްޕަ ކައިރިން އަހަރެން ފުރަތަމަ ކަމަކަށްވެސް މާފަށް އެދުނީމެވެ.

"ދަރިފުޅާ ! ދެން އަޅާނުލާ . އެދުވަހު ބައްޕައަށް ދަރިފުޅު ބައްޕަމެންނާ ނުލާ އުޅެވޭނެވަރަށް ބޮޑުވެއްޖެ ކަމުގެ އިހްސާސް ނުކުރެވުނީ. އެކަމަކު ނަބާ 8 އަހަރު ވަންދެން ބައްޕަމެންގެ ތަރުބިއްޔަތާ އެއްގޮތަށް އަމަލުކޮށް ދަރިފުޅަށް އެންމެ ހައްގު ނަތީޖާ ހޯދައިފި. ދެން ބައްޕަ ބޭނުމީ ދަރިފުޅު ޑޮކްޓަރު ކޯޓު ލައިގެން ހުންނަ މަންޒަރު ދެކެން." ބައްޕަގެ ހިތުގައި އެއްވެސް ޝަކުވާ އެއް ނެތް ކަން އިގުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި ހިތްހަމަވެސް ޖެހުނެވެ. މުޅި ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. އާއިލާގެ ހުރިހާ އެންމެންނާ ވާހަކަ ދައްކަން ހުރެފައި ކައިގެން ކޮޓަރި އަށް ދިޔައީ ނިދާލާށެވެ. ވެފައިވީ ވަރުބަލިކަން ފިލުވައިލައި ތާޒާ ސިކުނޑިއަކާއެކު މާދަމާގެ އިރު އަރާނެ ކަމުގެ އުއްމީދާއި ވެސް އެކުގައެވެ.

ފަތިހު 530 ގައި ފޯނު އެލާމް ވާން ފެށިއެވެ.ތެދުވެ ނާމާދު ކޮށްލައިގެން މެލޭޝިޔާގައި އުޅުނުއިރު ދުވަން ދިޔަ ފަދައިން ދުވަން ދިޔުމަށް ތައްޔާރުވެލީމެވެ.އެ ގަޑީގައި އެކަކު ވެސް ހޭލާ ނުހުންނާނެކަން އިނގޭތީ ބޭރަށް ނިކުމެ ދޮރު ތަޅުލުމަށްފަހު ދިޔައީ ދުވަން ދާ ވާހަކަ ދޮންތަ އަށް މެސެޖްއެއް ކޮށްފައެވެ. ގެއާއި މާދުރު ނޫން ހިސާބުގައި ހުރި ސްޓޭޑިއަމް ގައި 30 މިނެޓް ވަންދެން ދުވުމަށްފަހު ބޭރަށް ދިޔުމަށް ނިކުމެލިތަނާ އަހަރެންގެ ލޮލުގައި ދަންނަ މޫނެއް އަޅައިގަތެވެ.

"އަޔާނީ" ޔަގީން ނުވިނަމަވެސް ގޮވާލީ ޝައްކުވީތީއެވެ.

"އަހާނ ނަބާތަ؟ ކޮން އިރަކު މާލެ އައީ. ބަލާބަލަ އަންގާ ވެސް ނުލާ" އަޔާނީ ޝަކުވާކޮށްލިއެވެ.

އާނ. އިއްޔެ އައީ. އެއްވެސް މީހަކު ކައިރިއަކު ނުބުނަން. ދޮންބެ ކައިރީ އެކަނި ބުނީ. ދެން ދަނީއޭ އިނގޭ ގޭ ދޮރު ތަޅުދަނޑިވެސް ހިފައިގެން މިއައީ މިހާރު ވީ ތަނެއް ނޭގިގެން ކަންނޭގެ މަންމަ އެ ގުޅަނީ"

ފަހުން ބައްދަލު ކުރާނެ ކަމަށްބުނެ ނަންބަރު ބަދަލުކުރުމަށްފަހު ގެއަށް ދިޔައީމެވެ. ގެއަށް ދިޔައިރު ރަނގަޅަށް ވެސް މަންމަ އުޅުނީ އަހަރެން ނުފެނިގެންނެވެ. ދޮންތަ މެސެޖް ނުބަލާކަމަށް ދޮންތަ ބުންޏެވެ.އެއަށްފަހުގައި ފެންވަރައިގެނެ އައިސް ސައިބޮއި ނިންމާލުމަށްފަހު އައިޖީއެމްއެޗް އަށް ޖޮބު ހޯދުމަށް ފޯމު ހުށެހެޅީމެވެ. އެދުވަހުން އެ ދުވަހަށް މާދަމާ އިންޓަވިއު އަށް އައުމަށް އެ ފަރާތުން ގުޅާފައި އެންގިއެވެ. މަންމަމެންނާ ހަބަރު ހިއްސާކޮށްލުމަށްފަހު އިންޓަވިއު އަށް ވެވެން އޮތް ހުރިހާ ތައްޔާރިތަކެއް އަހަރެންވީމެވެ. 10 ފަހަރަށް ވުރެ ގިނައިން މިހާރު ސީވީ ވެސް ބެލިއްޖެއެވެ.100 އެއްހާ ފަހަރުމަތިން ހުރިހާ ބޭނުންވާ ސެޓްފިކެޓްތައް ހުރިތޯ ވެސް ބެލިއްޖެއެވެ.

އެހެން ރޭރޭއާއި ހިލާފަށް މިރޭ ނިދުމަށް މާ އަވަހަށް އެދަށް އަރައި ތައްޔާރުވެލީމެވެ. ނިދޭ ގޮތެއް ނުވެއެވެ. ހިތް ތެޅެމުންދިޔައީ ނިދޭ ވަރަކަށް ނޫނެވެ. ލޯ މަރައި ބާރު ކޮށްގެން އޮތްވާ ނިދުނީ ކޮން އިރަކު ކަމެއް ނޭގެއެވެ. ހޭލެވުނީ 530 ގައި ފޯނު އެލާމްވާން ފެށުމުންނެވެ. ނަމާދު ކޮށްލައިގެން ދުވަން ދިޔުމަށްފަހު ގެއަށް އައިސް އިންޓަވިއު އަށް ދިޔުމަށް ތައްޔާރު ވެލީމެވެ. ލިފްޓްއަށް އެރުމުގެ ކުރީގައި އަދި އެއްފަހަރު ސީވީ އަދި ސެޓްފިކެޓް ތައް ބަލައިލީމެވެ. އެއްވެސް އެއްޗެއް މަދު ތޯ އެވެ. ބޭބެ އަހަރެން އައިޖީއެމްއެޗް ކައިރިއަށް ލައިދިނުމަށްފަހު "ބެސްޓް އޮފް ލަކް" އޭ ބުނެލާފައި ދިޔައީ ބޭބެގެ ދަރިފުޅު ކައިރާ ސްކޫލަށް ދާ ގަޑި ޖެހޭތީ ލަސްވެގެން ބޭބެދައްތަ ގުޅުމުންނެވެ.

މަޑު މަޑުން ހިނގާލައިފައި ގޮސް ރިސެޕްޝަނިސްޓް ކައިރިން އޮޅުން ފިލުވުމަށް ފަހު އައިޖީއެމެއެޗްގެ އޮފީސް ބްރާންޗް އަށް ވަނީމެވެ. އިންޓަވިއު ނިންމުމަށްފަހު ގެއަށް ދިއުމަށް ބޭރަށް ދާން ވެގެން ދޮރާއި ދިމާލަށް މިސްރާބު ޖެހިތަނާ މީހަކު ގޮވާލި އަޑު އިވިގެން ފަހަތް ބަލައިލީމިވެ.އަޔާނީ ނަރުސް ޔުނިފޯމުގައި ހުރެ އަހަންނާއި ދިމާލަށް އަތް ހޫރާލަ ހޫރަލާ ހުއްޓެވެ. އަހަރެންވެސް އަތް ހޫރާލީމެވެ.

" އާރ ޔޫ ދަ ނިއު ޑޮކްޓާރ" އަޔާނީ ސުވާލުކޮށްލިއެވެ.

"ނޮޕް.ހަމަ ދެންމެ މިއައީ އިންޓަވިއު ނިންމާފަ.އަޔާ ނުވެސް ބުނަމެއްނު ނަރުސްކަން ކިޔެވި ވާހަކައެއްވެސް."

"ސަޕްރައިޒް" އަޔާނީ ސަކަ މިޒާޖަކަށް ބުނެލިއެވެ. އަޔާނީގެ އެ ގޮތް ގަޑަކީ އަޔާނީ އާއި ވާހަކަ ދައްކާ ކޮންމެ މީހަކާވެސް ގާތް ގުޅުމެއް އުފެދޭ މައިގަނޑު އެއް ސަބަބެވެ.

ދެމީހުން ވެސް ވާހަކަދައްކަމުން ހިނގަމުން ދަނިކޮށް ކުރިމަތިން އައި ކޮންމެވެސް މީހެއްގައިގައި ޖެހިފައި އަހަރެންގެ އަތުގައި ހުރި ހުރިހާ ސެޓްފިކެޓްތަކާއި ގަޑުތައް އެކި ތަންތަނަށް ވިއްސި ވިހާލިވެގެން ދިޔައެވެ.ހުރހާ ގަނޑުތައް އެއްކުރުމަށް އޭނާ އަހަންނަށް އެހީވިއެވެ.ކޮޅަށްތެދުވެ އެ މީހާ އަތުގައި ހުރި ގަނޑުތައް ދިއްކޮށް މާފަށް އެދުނެވެ. އޭނާގެ އަތުން އެއީ މައްސަލައެއް ނޫނެ ބުނެ ގަނޑުތައް ހޯދަމުން އޭނާ އާއި ދިމާލަށް ބަލައިލީމެވެ. ދެމީހުންގެ ލޯ ދިމާވުމާއެކުހެން އެކުއެކީ އެއްފަހަރާ "ޔޫ !! ހިއާރ !! " ބާރަށް ބުނެވުނެވެ.

(ނުނިމޭ...)

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.