ގަތަރު ވޯލްޑްކަޕްގައި ރެފްރީކަންކުރާނެ 3 އަންހެން ރެފްރީން

ކުޅިވަރު

ވޯލްޑްކަޕްގައި 3 އަންހެން ރެފެރީން ރެފްރީކަންކުރާނެ

ދާނިޝް - ދުނިޔެ | 21 މެއި 2022 , ހޮނިހިރު 19:27 1   293

މި އަހަރު ނޮވެމްބަރ 21 ގައި ގަތަރުގައި ބާއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ނެގި 36 ރެފްރީންގެ ތެރޭގައި 3 އަންހެން ރެފްރީން ހިމަނައިފިއެވެ.

މިއީ ފިރިހެނުންގެ ވޯލްޑް ކަޕަށް 92 އަހަރުވީ ދިގު ތާރީހުގައި އަންހެން ރެފްރީން މުބާރާތުގައި އިންސާފުކުރާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ތިން އަންހެން ރެފްރީންގެ އިތުރުން އަންހެން ތިން އެސިސްޓެންޓް ރެފްރީން ވެސް މުބާރާތުގައި އޮފިޝަލް ކަން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މުބާރާތުގައި ޖުމްލަ 36 ރެފްރީންގެ އިތުރުން 69 އެސިސްޓެންޓް ރެފްރީން އަދި 24 ވީޑިއޯ އެސިސްޓެންޓް ރެފްރީން ބައިވެރި ވާނެ އެވެ. މީގެ ތެރެއިން އަންހެން ތިން ރެފެރީންނަކީ ފްރާންސްގެ ސްޓެފަނީ ފްރެޕާޓް(38)، އާއި ޖަޕާނުގެ ޔޯޝިމީ ޔަމަޝިޓާ(36)، އަދި ރުވާންޑާގެ 33 އަހަރުގެ ސަލީމާ މުކަންސަންގާއެވެ.

ފްރެޕާޓް އަކީ 2019 ގެ އަންހެނުންގެ ވޯލްޑް ކަޕްގެ އެންމެ ހައި ޕްރޮފިލިކް ރެފްރީއެވެ. އޭނާ ވަނީ އަދި ވިމެންސް ވޯލްޑް ކަޕް ފައިނަލުގައި އިންސާފުކޮށް،2019ގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗަށް ވެސް އިންސާފު ކޮށްފައެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު ވެސް 2020 ގައި ހޯދައިފައިވަނީ އޭނާއެވެ.

ފީފާގެ ރެފްރީންގެ ކޮމިޓީގެ ޗެއާމަން، ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖީ ކޮލީނާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިއީ އަންހެން ރެފްރީން ކުރިއަށް ނެރެން މީގެ އަހަރުތަކެއް ކުރިން ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ކުރިމަގުގައި އާ ކަމަކަށް ނުވާނެ ކަމަށާއި ވަކި ޖިންސަކަށް ބެލުމެއް ނެތި އެންމެ މަތިން ޕާފޯމް ކޮށްގެން ކޮންމެ ރެފްރީއަކަށް ވެސް ހައްގުވާ ޖާގައަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

ވޯލްޑް ކަޕުގައި އިންސާފުކުރާ އަންހެން އެސިސްޓެންޓް ރެފްރީންނަކީ ބްރެޒިލްގެ ނިއުޒާ ބެކް އާއި މެކްސިކޯގެ ކެރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތުރިން ނެސްބިޓްއެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.